ގެވެށި އަނިޔާގެ މައްސަލައެއް ބެލުމަށް ހުޅުމާލޭ ހިޔާ ފްލެޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި 242 ވޭޕް ފްލޭވާ ފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިން ގޮތުގައި މި ތަކެތި ފެނިފައިވަނީ އިއްޔެ ރޭ 9:14 ގައި ހިޔާ ފްލެޓްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. އެ އެޕާޓްމަންޓް ބަލައި ފާސްކުރީ ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޓީމަކުންނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެކު ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. އަދި މި އަހަރުގެ މެއި 12 އިން ފެށިގެން ވޭޕް ކުރުން މުޅިން މަނާވާނެއެވެ.
ގާނޫނުގެ ދަށުން ވޭޕް މަނާކުރާ ތާރީހަށްފަހު ވޭޕްކުރަން ބޭނުންކުރާ އާލާތްތައް ރާއްޖެ އެތެރެކޮށްފިނަމަ 50,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވޭޕް ކުރުމަށް ބޭނުންވާ ކޮންމެ އާލާތަކަށް 10,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުން ވޭޕްގެ އާލާތެއް ވިއްކައިފިނަމަ 20,000 ރުފިޔާއިން ޖޫރިމަނާކޮށް، ވިއްކާ ކޮންމެ އާލާތަކަށް 10,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި ވޭޕް ބޭނުންކުރާނަމަ 5,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ފެނުނު ވޭޕް ފްލޭވާ ފުޅިތަކާ ގުޅޭ މައްސަލަ ވަކިން ތަހުގީގު ކުރަމުންދެއެވެ.






