240 މިލިއަން ޑޮލަރުގެ އެއާޕޯޓު ފަޅަށް: ގްވާދަރުގެ އެއާޕޯޓް

ޗައިނާގެ އެހީގައި ޕާކިސްތާނުގެ ބަލޮޗިސްތާން ސަރަހައްދުގައި ހަދާފައިވާ 240 މިލިއަން ޑޮލަރުގެ އައު ގްވާދަރު އިންޓަނޭޝަނަލް އެއާޕޯޓަކީ މިވަގުތު އެއްވެސް މަތިންދާބޯޓެއް ނުވަތަ ފަސިންޖަރުންނެއް ނެތް، ހުސް ފަޅު އެއާޕޯޓުގެ ގޮތުގައި އޮތް ތަނެއްކަން ފާހަގަކުރެވެއެވެ. ސަލާމަތީ ކަންބޮޑުވުންތަކާ ހުރެ މި އެއާޕޯޓު ވަރޗުއަލްކޮށް ހުޅުވާލެވުނު ނަމަވެސް، އަހަރަކު 400،000 ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ވަރުގެ ޤާބިލުކަން މި އެއާޕޯޓަށް ލިބިގެންވެއެވެ. މި އެއާޕޯޓަކީ ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް) ގެ މުހިންމު ބައެއްގެ ގޮތުގައި، ޗައިނާގެ ޝިންޖިއާންގ ޕްރޮވިންސް އަރަބި ކަނޑާ ގުޅުވައިދޭ މަޝްރޫއެއްގެ ބައެކެވެ.

ހަމަނުޖެހުން ބޮޑު ގްވާދަރުގެ ރައްޔިތުން ދަނީ އަސާސީ ޚިދުމަތްތައް ނުލިބުމުގެ ދަތިކަން ތަހައްމަލުކުރަމުންނެވެ. މި ސަރަހައްދުގައި ޤައުމީ ކަރަންޓު ވިއުގައާ ގުޅުމެއް ނެތުމާއި، ސާފު ބޯފެން ލިބުން ދަތިކަން ފާހަގަކުރެވެއެވެ. "އަޅުގަނޑުމެންގެ އަސާސީ ބޭނުންތައް ފުއްދައިނުދެވޭއިރު، މިފަދަ ބޮޑު އެއާޕޯޓެއް އެޅުމުގެ ބޭނުމަކީ ކޮބައިތޯ؟" ގްވާދަރުގެ ރައްޔިތަކު ސުވާލު ކުރިއެވެ.

ބަލޯޗީންގެ ސަރަހައްދުގައި ސިފައިން ގިނަވެ މަގުތައް ބަންދުކުރުމާއި، ސިފައިންގެ ފާރަވެރި ސަރވެއިލަންސްގެ ދަށުގައި ރައްޔިތުން ބޭއްވުން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. އަދި ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ނުލިބި، ތަފާތުކުރުންތަކާ ކުރިމަތިލާންޖެހިފައިވާކަން ވެސް ރިޕޯޓުތަކުން ދައްކައެވެ. އަދި އާންމުންގެ މުޒާހަރާތަކާއި ޝަކުވާތަކުންވެސް އެކަން ހަމާވެއެވެ.

ބަލޮޗިސްތާނުގައި ވަކިވަކިވުމުގެ ހަރަކާތްތައް އިތުރުވެފައި ވެއެވެ. ޚާއްޞަކޮށް 2021 އިން ފެށިގެން ޗައިނާގެ ޕްރޮޖެކްތްގައި އުޅޭ މީހުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވެފައިވެއެވެ. ސަލާމަތީ މުހައްލިލުން ވިދާޅުވާ ގޮތުގައި، ރައްޔިތުންގެ ބައިވެރިވުން ނެތި ސީޕެކް މަޝްރޫޢު ކުރިއަށް ގެންދިއުމަކީ އިތުރު އިޖުތިމާޢީ ހަމަނުޖެހުންތަކަކަށް ޕާކިސްތާންގައި މަގުފަހިވެދާނެ ކަމެކެވެ.

ހިއްސާ ކުރައްވާ!