ފްރާންސްގެ މަޝްހޫރު ފުޅި ބަންދުކޮށްފައިވާ ފެނުގެ ބްރޭންޑް ޕެރިއާ އާއި އެހެނިހެން ކުންފުނިތަކުން ގަވާއިދާ ޚިލާފު ގޮތްގޮތަށް ފެން ފިލްޓަރ ކުރަމުންދާކަމަށް ތުހުމަތު ކުރެވި، މިކަން ބަލަމުންދާ ކަމަށް ވަނީ ހާމަކޮށްފައެވެ. މިއީ "ގުދުރަތީ މިނަރަލް ފެން" ގެ ގޮތުގައި ވިއްކާ ބާވަތްތަކަށް ހުއްދަ ކުރެވިފައިވާ މިންގަނޑުތަކާ ޚިލާފަށް ކުރަމުންދާ ކަންކަން ކަމަށް ބުނެފައި ވެއެވެ.
ދުވަހު ނޫސް ލޮ މޮންޑް އަދި ރޭޑިއޯ ފްރާންސް އިން ހިންގި ތަޙުޤީޤަކުން ހާމަވި ގޮތުގައި، ފްރާންސްގައި ވިއްކާ މިނަރަލް ފެނުގެ ތިންބައިކުޅަ އެއްބައި ފެން، ޔޫވީ ލައިޓް، ކާބަން ފިލްޓަރ، ނުވަތަ މައިކްރޯ ފިލްޓަރޭޝަން ބޭނުންކޮށްގެން ސާފުކުރެވޭކަން ފާހަގަކުރެވުނެވެ. މިއީ ޔޫރަޕިއަން ޔޫނިއަންގެ ގަވާއިދުތަކާ ޚިލާފު ކަމެކެވެ.
މި މައްސަލައިގައި ސަރުކާރުގެ އިސް ފަރާތްތަކާއި ޕެރިއާ ފެން އުފައްދާ މައި ކުންފުނި ކމަށްވާ ނެސްލޭ ފަދަ ކުންފުނިތަކުން މަކަރު ހެދީ ކަމަށް ތުހުމަތު ކޮށްފައި ވެއެވެ. "މިއީ ކަނޑައެޅިގެން ޙަޤީޤަތް އޮޅުވާލުމަށް ރޭވިގެން ކުރެވުނު ކަމެއް" ކަމަށް ފްރާންސްގެ ސެނެޓުން ކުރި ތަޙުޤީޤުން ތުހުމަތުކޮށްފައި ވެއެވެ.
ފެނުގެ ދާއިރާގެ މާހިރު އެމާ ހަޒީޒާ ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މިފަދަ ބޮޑެތި އުފެއްދުންތެރިންގެ ވިޔަފާރި މޮޑެލް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކަމަކަށް ނުފެނެއެވެ. އަދި ކުރިން ރައްކާތެރި ކަމަށް ބެލެވުނު ފެން ފަށަލަތައް މިހާރު ވަނީ ތަޣައްޔަރުވުމާއި ހުސްވުމުގެ ނުރައްކަލާ ކުރިމަތިވެފައެވެ.
މި މައްސަލައާ ގުޅިގެން ޕެރިއާއިން ވަނީ އެންމެ ކުދި ފިލްޓަރޭޝަން (0.2 މައިކްރޯން) ބޭނުންކުރުން ހުއްޓާލައި، ސަރުކާރުން ހުއްދަދީފައިވާ 0.45 މައިކްރޯން ސިސްޓަމަކަށް ބަދަލު ކޮށްފައެވެ. އަދި އެ ކުންފުނިން ވަނީ "މޭސަން ޕެރިއާ" ގެ ނަމުގައި އައު އުފެއްދުންތަކެއް ތަޢާރަފުކޮށް، މިނަރަލް ފެން ކަމަށް ލޭބަލް ނުޖަހައި ވިއްކަން ފަށާފައެވެ.






