މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކުރި ގޮތުގައި އަންނަ މަސް ތެރޭގައި އައްޑޫ ސިޓީއިން ސީދާ މަސް އެކްސްޕޯޓްކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވަމުންނެވެ. ސަރުކާރުގެ އެހީތެރިކަމާއެކު މަލްޓި ލެޓެރަލް ޑިވަލޮޕްމަންޓް ފައިނޭންސް މެދުވެރިކޮށް، އައްޑޫ ސިޓީން މަސް ގަތުމާއި ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންދާކަމަށް މިފްކޯއިން ބުނެފައިވެއެވެ. މިފްކޯއިން ބުނެފައި ވަނީ، މިހާރު އައްޑޫން ގަނެފައި ހުވަދު އަތޮޅަށް ގެންދާ މަސް، ދެން ޕްރޮސެސް ކުރާނީ އައްޑޫއިން ކަމަށެވެ. އަދި އައްޑޫގައި ޕްރޮސެސް ކުރާ މަސް ސީދާ އެތަނުން އެކްސްޕޯޓްކުރުމުގެ މަސައްކަތް މި އަހަރު ތެރޭގައި ފެށޭނެ ކަމަށެވެ.
މިފްކޯއިން ބުނީ ރާއްޖޭގައި ގަންނަ މަހަށް އަގު އިތުރުކުރުމުގެ ޤާބިލުކަން އިތުރުކުރުމަކީ ސަރުކާރާއި މިފްކޯގެ މައިގަނޑު އެއް ލަނޑުދަނޑި ކަމުގައިވެސް ފާހަގަކޮށްފައިވެއެވެ.
އައްޑޫގައި ޤާއިމްކޮށްފައިވާ ފިޝަރީޒް ކޮމްޕްލެކްސްއަކީ މަސްވެރިންގެ މަސް ގަނެ، ފިނިކޮށް ރައްކާކުރުމަށް އުފައްދާފައިވާ ތަނެކެވެ. މި ތަނަކީ މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް މަންފާ ލިބޭނެ މަރުކަޒެކެވެ. މި ކާރުޚާނާގައި 1500 ޓަނުގެ މަސް ރައްކާކުރެވޭނެ ޖާގަ ހުންނާނެއެވެ.
މިފްކޯއިން ހާމަކުރި ގޮތުގައި މިވަގުތު އެންމެ ބޮޑު ދަތިކަމަކަށް ވެފައިވަނީ މަސްގަތުމަށް ބޭނުންކުރާ އުޅަނދުތަކާއި، ހިންގުމަށް ބޭނުންކުރާ މެޝިނަރީތަކާއި އެހެނިހެން އާލާތްތަކުގެ މަރާމާތާއި މެއިންޓެނަންސްގެ މަސައްކަތް ލަސްވުމެވެ. އެހެންކަމުން، އެންމެ މުހިންމު މަރާމާތުތަކާއި ބަދަލުކުރަންޖެހޭ ސާމާނު ބަދަލުކުރުމަށް އިސްކަންދެމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އިތުރަށް މިފްކޯއިން ހާމަކުރި ގޮތުގައި ގދ. ތިނަދޫގައި އިމާރާތްކުރަމުންދާ މަސް ގަންނަ މަރުކަޒު އަންނަ އަހަރު ހުޅުވުމަށް ރޭވިފައިވެއެވެ. މީގެއިތުރުން، ރާއްޖޭގެ އުތުރާއި ދެކުނުން ބާނާ ބޮޑުކަންނެލި ގަތުމުގެ މަސައްކަތަށްވެސް މިހާރު ތައްޔާރުވަމުންދާ ކަމަށް ސަރުކާރުގެ މި މަސްކުންފުނިން ފާހަގަކޮށްފައިވެއެވެ.
މިފްކޯއިން އިތުރަށް ބުނެފައިވަނީ ކުންފުނީގެ ޖުމްލަ އުފެއްދުންތެރިކަން އިތުރުކުރުމަށް އެކި ދާއިރާތަކުން މެނޭޖްމަންޓުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.




