އިޒްރޭލްގެ އިންޓެލިޖެންސް އޭޖެންސީ މޮސާދްއާ ގުޅުން ހުރިކަމަށް ބެލެވޭ 20 ޖާސޫސުން ވޭތުވެދިޔަ މަސްތަކުގެ ތެރޭގައި ހައްޔަރުކޮށްފައިވާ ކަމަށް އީރާނުން ހާމަކޮށްފިއެވެ. އަދި މި މައްސަލައިގައި އެއްވެސް އޯގާތެރިކަމެއް ނުގެންގުޅޭނެ ކަމަށާއި، މިއީ އެހެން ފަރާތްތަކަށް ވެސް އިބުރަތަކަށް ހަދާނެ ކަމަށް އީރާނުގެ ޝަރުއީ ކޯޓުތަކުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ބައެއް މީހުން ދޫކޮށްފައިވާ ކަމަށް އީރާނުގެ ބައެއް ފަރާތްތަކުން ބުނެފައިވީ ނަމަވެސް، ދޫކޮށްލި މީހުންގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ. އަދި ފާއިތުވި ދުވަސްތަކުގައި، ނިއުކްލިއަރ ސައިންޓިސްޓް ރޫޒްބެހް ވާދީ، އިޒްރޭލަށް ޖާސޫސްކަން ކޮށްދިން ކަމުގެ ތުހުމަތުގައި މަރުގެ އަދަބު ތަންފީޒުކޮށްފައިވާ ކަމަށް އީރާނުން ބުނެފައިވެއެވެ.
2025 ވަނަ އަހަރުގެ ޖޫން މަހު، އިޒްރޭލުން ވަނީ އީރާނުގެ އަސްކަރީ އަދި ނިއުކްލިއަރ ވަސީލަތްތަކަށް އުދުވާނީ ހަމަލާއެއް ދީފައެވެ. މި ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ ކާމިޔާބު މިސައިލްގެ ރައްދު ޑްރޯން ހަމަލާތަކެއް ދީފައެވެ. އިޒްރޭލުން ބުނެފައިވަނީ އީރާން ނިއުކްލިއަރ ފައްކާކުރުން ހުއްޓުވުމަށްޓަކައި އަދިވެސ ްހަމަލަ ދޭނެ ކަމަށެވެ. އީރާނުން ބުނެފައި ވަނީ ދެން އީރާނަށް ހަމަލައެއް ދީފިނަމަ އެކަން ދުނިޔެއަށްވެސް ވެގެންދާނީ އިބްރަތަކަށް ކަމަށެވެ.
ޔަހުދީންގެ ޖާސޫސުންގެ ހައްޔަރު ކުރުންތަކާ ގުޅޭގޮތުން އިޒްރޭލުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، އީރާނުގެ އެތެރޭގައި އިޒްރޭލުން ޖާސޫސް ކުރާ ގޮތަށް އީރާނުން އިޒްރޭލުގެ އެތެރޭގައި ތިބެގެން ޖާސޫސް ކުރެއެވެ.
އިންސާނީ ޙައްޤުތަކުގެ ޖަމާއަތްތަކުން ފާހަގަކުރާ ގޮތުގައި، އީރާނަކީ ދުނިޔޭގައި އެންމެ ގިނައިން މަރުގެ އަދަބު ތަންފީޒުކުރާ ދެވަނަ ޤައުމެވެ.
މިއަހަރުގެ ތެރޭގައި އީރާނުން ވަނީ އިޒްރޭލަށް ޖާސޫސްކަން ކުރާ ކަމަށް ތުހުމަތުކުރެވޭ މީހުންނަށް މަރުގެ އަދަބު ދިނުން އިތުރުކޮށްފައެވެ. މިގޮތުން މިހާތަނަށް މަދުވެގެން 8 މީހަކަށް މަރުގެ އަދަބު ދީފައިވެއެވެ.




