ބަނގްލަދޭޝްގެ ބައްޕަ ކަމަށް ބެލެވޭ ޝެއިޚް މުޖީބުއް ރަހުމާން އާއިލާއާއެކު އަވަހާރަކޮށްލި ހިތާމަވެރި ހާދިސާއަށް 50 އަހަރު ފުރުނު ނަމަވެސް، އެ ދުވަހު ހިނގި ކަންކަމާ ގުޅޭ ގިނަ ސުވާލުތަކެއް އަދިވެސް ވަނީ ސާފު ނުވެފައެވެ.
1975 ވަނަ އަހަރުގެ އޯގަސްޓް 15 ވަނަ ދުވަހު ހިނގި މި ހާދިސާގައި، ސިފައިންގެ ބަޔަކު ރާވައިގެން ކުރިއަށް ގެންދިޔަ ބަޣާވާތެއްގައި މުޖީބުގެ އާއިލާގެ ގިނަ މެންބަރުން ވަނީ އަވަހާރަކޮށްލާފައެވެ. މި ހާދިސާގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ ސަލާމަތީ ކަންކަމުގައި ހުރި ބޮޑެތި އުނިކަންކަމެވެ.
އެ ހާދސާ ހިނގި ދުވަހު މުޖީބުގެ ގެކޮޅުގައި އެކަށީގެންވާ ސެކިއުރިޓީއެއް ނެތްކަން ފާހަގަކުރެވެއެވެ. އެގޭގެ ސަލާމަތީ ކަންކަން ހުރީ ވަރަށް ދަށް ދަރަޖައެއްގައި ކަން ފާހަގަ ކޮށްފައި ވެއެވެ. އަދި ހާދިސާ ހިނގި ވަގުތު ޑާކާގެ މަގުތަކުގައި ޓޭންކުތަކާއި ހަތިޔާރު ހިފައިގެން ސިފައިންގެ ބަޔަކު އެއްވެސް ހުރަހަކާ ނުލައި އުޅުނުކަންވެސް ފާހަގަކުރެވެއެވެ.
އިންޑިއާގެ ބޮޑުވަޒީރު އިންދިރާ ގާންދީ އަދި މުޖީބުގެ ކުރީގެ އެކުވެރިޔާ ތާޖުއްދީން އަހްމަދު ވަނީ މުޖީބުގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް އިންޒާރު ދެއްވާފައެވެ. ނަމަވެސް "އެއްވެސް ބެންގާޅު މީޙަކު އަހަރެންނަށް ގެއްލުމެއް ނުދޭނެ" ކަމަށް ބުނެ މުޖީބު މި އިންޒާރުތަކަށް އަހަމިއްޔަތުކަމެއް ނުދެއްވިއެވެ.
މި ބަޣާވާތާ ގުޅޭގޮތުން ގިނަ ސިޔާސީ ފަރާތްތަކާއި ސިފައިންގެ އިސް ފަރާތްތަކަކަށް މައުލޫމާތު ލިބިހުރި ކަމަށް ވެސް ތުހުމަތު ކުރެވެއެވެ. ޚާއްސަކޮށް އޭރުގެ ޑެޕިއުޓީ އާމީ ޗީފް ޖެނެރަލް ޒިޔާއުއްރަހުމާނަށް މި ރޭވުމާ ބެހޭ މައުލޫމާތު އެނގިހުރި ކަމަށް ބެލެވެއެވެ. ނަމަވެސް އެކަން ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
މި ހާދިސާއަކީ ބަނގްލަދޭޝްގެ ތާރީޚުގައި އެންމެ ހިތާމަވެރި އެއް ހާދިސާ ކަމަށްވެފައި، މިއަދާ ހަމައަށްވެސް އޭގެ ސިޔާސީ އަދި އިޖްތިމާއީ އަސަރުތައް ދެމިގެންދާ ކަން ފާހަގަކުރެވެއެވެ.




