ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހޮލޮކޯސްޓާ ގުޅޭގޮތުން އެކަށީގެންވާ ފިޔަވަޅުތަކެއް ވިލާތު އިއްތިހާދުން ނޭޅުމުގެ ސަބަބުން ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތުގެ އިތުބާރު ގެއްލެމުންދާ ކަމަށް ބެލްޖިއަމްގެ ފޮރިން މިނިސްޓަރު މެކްސިމް ޕްރެވޯޓް ވިދާޅުވެއްޖެއެވެ.
ބެލްޖިއަމްގެ މިނިސްޓަރު ވިދާޅުވީ، މި ވަގުތު ކުރިމަތިވެފައިވާ ބޮޑު އިންސާނީ ކާރިސާ ހާލަތުގައި ޔޫރަޕިއަން ޔޫނިއަންއިން އަދާކުރަންޖެހޭ ޒިންމާ އަދާ ނުކުރެވޭކަން އެއީ ދެބަސްވެވެން ނެތް ޙަޤީޤަތެއް ކަމަށެވެ. އަދި މިކަމުގައި ލޯމަރައިގެން ތިބެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.
"އާންމު ރައްޔިތުންގެ ނަޒަރުގައި، މި މައްސަލައިގައި ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތުގެ އިތުބާރު ވަނީ ގެއްލިގެން ގޮސްފައި،" މިނިސްޓަރު ވިދާޅުވިއެވެ. ބެލްޖިއަމްގެ ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ، މި މައްސަލައިގައި ފިޔަވަޅު އެޅުމަކީ އަޚްލާޤީ ޒިންމާއެއްގެ އިތުރުން ޤާނޫނީ ގޮތުން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ، ގިނަ ޤައުމުތަކަކީ ނަސްލު ނައްތާލުމުގެ ކުށް ހުއްޓުވުމަށް މަސައްކަތްކުރުމަށް ލާޒިމްކުރާ ބައިނަލްއަޤްވާމީ މުއާހަދާތަކުގައި ބައިވެރިވެފައިވާ ފަރާތްތަކެއް ކަމަށެވެ. ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހޮލޮކޯސްޓް ހަނގުރާމައިގެ ސަބަބުން މިހާތަނަށް ލައްކައަކާ ކައިރި ކުރާ ވަރަށް ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވާއިރު، އެތައް ހާސް ބަޔަކު ވަނީ ގެއްލި ފައެވެ. އަދި އެތައް ބަޔަކު ވްނަީ ޒަޚަމްވެފައެވެ. އަދި މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ހިޖުރަކުރަން މަޖުބޫރުވެފައެވެ.






