ނޭޕާލް ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ވެއްޓި ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ އިސްތިއުފާ ދެއްވުމާ ގުޅިގެން ސިފައިން ކަންކަމާ ހަވާލު ވެއްޖެއެވެ.
ކޮރަޕްޝަން އާންމުވެ، މީޑިއާ ކޮންޓްރޯލު ކުރުމަށް ސަރުކާރުން ދިމާކުރުމުގެ ނަތީޖާއެއްގެ ގޮތުން ޖެން ޒީގެ މުޒާހަރާވެރިން ރުޅިގަދަވެ އުފެދުނު ހަމަނުޖެހުންތަކުގައި މިހާތަނަށް 22 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ވަނީ ޒަހަމްވެފަ އެވެ. މުޒާހަރާގެ ބައިވެރިން ވަނީ ކާފިއު އަށް ފަރުވާލެއް ނުބަހައްޓައި ނިކުމެ ސަލާމަތީ ބާރުތަކާ ކުރިމަތިލައި، ޕާލަމެންޓާއި ސިންގަދަރުބާރު ކޮމްޕްލެކްސް އާއި ސުޕްރީމް ކޯޓު ފަދަ ސަރުކާރުގެ އިމާރާތްތަކުގައި ރޯކޮށްލައިފަ އެވެ.
މަޖުބޫރު ވެގެން އޮލީ އިސްތިއުފާ ދެއްވީ ކެބިނެޓްގެ މުހިންމު މެންބަރުން އޭނާއާ ދުރަށް ދިއުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓަރު ރަމޭޝް ލެޚާކް އާއި ޔޫތު މިނިސްޓަރު ޓެޖޫ ލާލް ޗައުދަރީ ހިމެނެ އެވެ.
ނޭޕާލް ސިފައިން ނެރުނު ބަޔާނެއްގައި ވަނީ ގައުމީ އިސްތިގުލާލު ރައްކާތެރި ކުރުމަށް ވައުދުވެފައެވެ. އަދި ޒުވާނުން އމިއްލަ ނަފްސު ކޮންޓްރޯލު ކޮށް އެއްބައިވަންތަކަމަށް އިލްތިމާސްކޮށްފަ އެވެ.
ކައިރި ސަރަހައްދުގައި އަލިފާން ރޯވުމުގެ ސަބަބުން ކަޓްމަންޑޫ އެއާޕޯޓް ވަނީ ބަންދު ކޮށްފައެވެ. މަސްއޫލުވެރިން ފިލާފައި ވަނީ އަސްކަރީ ހެލިކޮޕްޓަރުތަކުގައެވެ.
ޒުވާނުން ވަނީ އަތުޖެހުނު ވަޒީރުންނަށް އަނިޔާކޮށް ގަން ހިންގާފައެވެ.
މިއީ 2008 ވަނަ އަހަރު ރަސްކަމުގެ ނިޒާމު އުވާލި ފަހުން މިހާތަނަށް 14 ސަރުކާރެއް އެކުލަވާލި ނޭޕާލްގެ ނާޒުކު ޑިމޮކްރަސީއަށް އައި ބޮޑު ބިންހެލުމެކެވެ.



