ނޭޕާލްގެ ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝީލާ ކާކީ އެގައުމުގެ ވަގުތީ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފިއެވެ. އޭނާ އަކީ ނޭޕާލްގެ ފުރަތަމަ އަންހެން ބޮޑު ވަޒީރެވެ.
ރައީސް ރާމް ޗަންދްރާ ޕައުޑެލް ވަނީ ގާނޫނު އަސާސީގެ 80 ވަނަ މާއްދާގެ ދަށުން ކާކީއަށް އޭނާގެ ކޮޅުގައި ހުވައި ލައިދެއްވާފައެވެ.
ހުވައި ކުރެއްވުމަށްފަހު ކާކީ ވަނީ ކެބިނެޓްގެ ފުރަތަމަ ބައްދަލުވުން ބާއްވައި، 2026 ވަނަ އަހަރުގެ މާޗް މަހުގެ 4 ވަނަ ދުވަހު އާންމު އިންތިހާބު ބޭއްވުމަށް ހުށަހަޅުއްވާފަ އެވެ.
ހުވާކުރުމުގެ ރަސްމިއްޔާތުގައި ޕާލަމެންޓްގެ ދެ ގޭގެ ރައީސުން ވަނީ ބައިވެރިވެ ވަޑައިގަތުމަށް ދެކޮޅު ހައްދަވާފައެވެ. ނޭޕާލްގެ ޕާލަމެންޓްވެސް ވަނީ އުވާލާފައެވެ.

އޮލީ އިސްތިއުފާ ދެއްވުމަށް މަޖުބޫރު ކުރި ޖެންޒީގެ މުޒާހަރާތަކުގައި އިންޑިއާގެ ރައްޔިތެއްގެ އިތުރުން 3 ފުލުހަކާއެކު 51 މީހުން މަރުވެފައިވެ އެވެ. ސަރުކާރުގެ އިމާރާތްތަކާއި ޕާލަމެންޓް އިމާރާތުގައި އަދި ސިޔާސީ ވެރިންގެ ވިޔަފާރިތަކުގައި ހުޅުޖަހާފައި ވެއެވެ.
ރިޕޯޓްތައް ބުނާގޮތުން ނޭޕާލްގެ ހަމަނުޖެހުމާ ގުޅިގެން ފަތުރުވެރިކަމުގެ އާމްދަނީ %50 ދަށްވެ، ޒަރޫރީ މުދަލުގެ އަގު ވަނީ ބޮޑުވެފައެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ކާކީ އަކީ ކޮރަޕްޝަނާ ދެކޮޅަށް ވާހަކަ ދައްކަވާ ގާނޫނުގެ ބާރު ނެގެހެއްޓެވުމަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.
އޭނާއަކީ އިންޑިއާގެ ބަނާރަސް ހިންދޫ ޔުނިވާސިޓީން ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
ކަތުމަންޑޫގެ މޭޔަރު ބާލެން ޝާހު ވަނީ ޒުވާނުން އިސްވެ ހިންގާ ހަރަކާތަށް ތައުރީފު ކުރައްވައި، "ހިތްވަރުގަދަ ޝަހީދުންނަށް" ޝުކުރު އަދާކުރައްވައި ޓްވީޓެއް ކުރައްވާފައެވެ.



