ނޭޕާލްގެ ބޮޑު ވަޒީރަށް ހެލިކޮޕްޓަރު ހަމަޖައްސަވައި ދެއްވީ އިސްތިއުފާ ދެއްވުމުން

ނޭޕާލްގެ މުޒާހަރާތައް ވަރުގަދަވުމާއެކު، ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީ ވެރިރަށުން ފިއްލަވައިގެން ވަޑައިގަތުމަށް ބޭނުންފުޅުވިއެވެ. އޭނާ ވަނީ ވެރިރަށް ކަތުމަންޑޫއިން ފިއްލެވުމަށް ހެލިކޮޕްޓަރެއް ހަމަޖައްސައި ދެއްވުމަށް ސިފައިންގެ އެންމެ އިސްވެރިޔާ އަޝޯކް ރާޖް ސިގްޑެލްގެ އަރިހުން އެދި ވަޑައިގަތެވެ. ނަމަވެސް ސިފައިންގެ އިސްވެރިޔާ ވިދާޅުވީ ފިއްލަވައިެގެން ވަޑައިގަންނަވާނަމަ އެއްކޮށް ވަޑައިގަންނަވާށެވެ. އެއިރުން ހެލިކޮޕްޓަރެއް ހަމަޖައްސައި ދެއްވައި ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

ނޭޕާލްގައި ހިނގި މުޒާހަރާތަކުގައި 72 މީހުން މަރުވިއެވެ. އަދި ސަތޭކަ އަކަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ. ޒުވާން ޖީލުން އިސްނަގައިގެން މުޒާހަރާތައް ފެށީ ކޮރަޕްޝަނާއި ނެޕޮޓިޒަމްގެ މައްސަލަތަކާ ދެކޮޅަށެވެ. މުޒާހަރާކުރި ފަރާތްތަކުން ސަރުކާރުގެ އިމާރާތްތަކާއި ސަރުކާރުގެ އިސްވެރިންގެ ގެތަކަށް ވަދެ ހަމަނުޖެހުން އުފެއްދިއެވެ. އެކަންކަމާ ގުޅިގެން ސަރުކާރަށް އިސްތިއުފާ ދިނުމަށް މަޖުބޫރު ވިއެވެ.

ނޭޕާލްގެ ބޮޑު ވަޒީރު ހެލިކޮޕްޓަރުގައި ކަޓްމަންޑޫއިން ބޭރަށް ވަޑައިގަތީ އިސްތިއުފާ ދެއްވުމަށްފަހުއެވެ.

ނޭޕާލްގެ މަސްރަހު މިހާރު ވަނީ މަޑުމަޑުން ހަމައަކަށް އެޅިފައެވެ. އައު ސަރުކާރު އެކުލަވާ ލުމަށްފަހު 6 މަސް ތެރޭގައި އިންތިޚާބު ބޭއްވުމަށް ވަނީ ނިންމާފައެވެ.

 

ހިއްސާ ކުރައްވާ!