އިސްރާއީލުގެ ނިއުކްލިއަރ ސިއްރު މަޢުލޫމާތު ހޯދުމަށް އީރާނުން ބޮޑު އިންޓެލިޖެންސް އޮޕަރޭޝަނެއް ހިންގައިފި

އިސްރާއީލުގެ ނިއުކްލިއަރ މަރުކަޒުތަކުގެ ސިއްރު މަޢުލޫމާތާއި، އެތަނަށް ވާގިވެރިވާ އެމެރިކާ އަދި ޔޫރަޕުގެ ސައިންޓިސްޓުންގެ މުހިންމު މަޢުލޫމާތު ހިމެނޭ ލިޔެކިޔުންތަކެއް ހޯދުމަށް "އިސްރާއީލާ ދެކޮޅަށް ވަރުގަދަ ބޮޑު އިންޓެލިޖެންސް އޮޕަރޭޝަން" ހިންގާފައިވާ ކަމަށް އީރާނުގެ ސެކިއުރިޓީ މިނިސްޓްރީން ބުދަ ދުވަހުގެ ރޭ ހާމަކޮށްފިއެވެ.

އީރާނުގެ މީޑިއާއިން ރިޕޯޓުކުރި ގޮތުގައި، މިދިޔަ މަސްތަކުގެ ތެރޭގައި ހިންގި މި ސިއްރު އޮޕަރޭޝަނުން އެތައް ސަފްހާއެއްގެ މަޢުލޫމާތު ހޯދިފައިވެއެވެ. މީގެ ތެރޭގައި އިސްރާއީލުގެ ނިއުކްލިއަރ ހަތިޔާރުގެ މަޝްރޫޢުތަކާއި، ނިއުކްލިއަރ ރީޕްރޮސެސިންގ ޕްރޮގްރާމްތަކާއި، އެމެރިކާ އަދި ޔޫރަޕުގެ ޤައުމުތަކާއެކު ހިންގާ މަޝްރޫޢުތަކުގެ މަޢުލޫމާތު ހިމެނެއެވެ.

އީރާނުގެ ސެކިއުރިޓީ މިނިސްޓަރު އިސްމާޢީލް ޚަތީބު ވިދާޅުވި ގޮތުގައި، އިސްރާއީލުގެ ނިއުކްލިއަރ އިދާރާތަކާއި އެހެނިހެން އިދާރާތަކުގެ ތެރޭން މި ސިއްރު ލިޔެކިޔުންތައް ހޯދުމަށް މީހުން އެހީތެރިވެދީފައި ވެއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އިސްރާއީލުގެ މުއައްސަސާތަކުގެ ބައެއް މުވައްޒަފުން މި އޮޕަރޭޗަންގައި އެހީ ތެރިވެދިނީ ފައިސާއަށްޓަކައެވެ.

އީރާނުން ހޯދި ލިޔެކިޔުންތަކުގެ ތެރޭގައި އިސްރާއީލުގެ ކުރީގެ އަދި މިހާރުގެ ނިއުކްލިއަރ ހަތިޔާރުގެ މަޝްރޫޢުތަކާއި، ނިއުކްލިއަރ ހަތިޔާރު ތަރައްޤީކުރުމާއި އަލުން ޕްރޮސެސްކުރުމުގެ ޕްރޮގްރާމްތަކާއި، އިސްރާއީލުގެ ނިއުކްލިއަރ އިދާރާތަކުގެ އިދާރީ އޮނިގަނޑުގެ ތަފްސީލީ މަޢުލޫމާތު ހިމެނެއެވެ. މީގެ އިތުރުން އެމެރިކާ އަދި ޔޫރަޕުގެ ސައިންޓިސްޓުން ހިމެނޭގޮތަށް މި ޕްރޮގްރާމްތަކުގައި ބައިވެރިވާ ސައިންޓިސްޓުންގެ ނަންތައްވެސް ހިމެނެއެވެ.

މިއާއެކު، އިސްރާއީލާއެކު މަސައްކަތްކުރި އީރާނުގެ "ޣައްދާރުން" ހޯދިފައިވާ ކަމަށާއި، އެމީހުންނަށް މަރުގެ އަދަބު ތަންފީޒުކޮށްފައިވާ ކަމަށް ވެސް އީރާނުގެ ސެކިއުރިޓީ މިނިސްޓަރު ހާމަކުރެއްވިއެވެ.

އިތުވި ޖޫން މަހު ހާމަކޮށްފައިވާ މަޢުލޫމާތުގައިވެސް އީރާނުގެ އިންޓެލިޖެންސް އޭޖެންސީން ވަނީ އިސްރާއީލުގެ ނިއުކްލިއަރ މަޝްރޫޢުތަކާއި މަރުކަޒުތަކާ ގުޅޭ އެތައް ހާސް މުހިންމު ލިޔެކިޔުން ހޯދާފައިވާ ކަމަށް ބުނެފައެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި މައުލޫމާތު ބައިބަޔަށް އެތިއެތިކޮޅުން ހާމަ ކުރަމުންދާނެ ކަމަށްވެސް އީރާނުން ބުނެއެވެ.

ހިއްސާ ކުރައްވާ!