ފިލިޕީންސް ގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ބަންދުން ދޫކޮށްލުމަށް އެދި ހުށަހެޅި މައްސަލަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ވަނީ ބާތިލްކޮށްފައެވެ. މިގޮތަށް ނިންމީ އޭނާ ޝަރީއަތަށް ހާޒިރުނުވެ ފިލައިގެން ހިނގައިދާނެ ކަމަށް ބެލެވޭތީ އާއި، ހެކިންނަށް ބިރުދެއްކުމުގެ ފުރުސަތު އޮތުމުންނެވެ.
އައި.ސީ.ސީގެ ދައުވާގައި ބުނެފައިވަނީ ޑުޓާޓޭ އަކީ އިންސާނިއްޔަތާ ދެކޮޅު ކުށްތައް ވެރިކަމުގައި ހުރި ދުވަސްވަރު ހިންގިކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ. މި ތުހުމަތުތައް ކުރެވެނީ އޭނާ މޭޔަރެއްގެ ގޮތުގައި އަދި ރައީސްކަމުގައި ހުރި ދުވަސްވަރު ހިންގި މަސްތުވާތަކެއްޗާ ދެކޮޅުވެރި ހަރުކަށި ޙަމަލާތަކާ ގުޅިގެންނެވެ.
ޑުޓާޓޭގެ ޤާނޫނީ ޓީމުން ވަނީ އޭނާގެ ނާޒުކު ޞިއްޙީ ޙާލަތާއި، ބަންދުގައި ބެހެއްޓުމުން އޭނާގެ ޙާލަތު ގޯސްވަމުންދާކަމަށް ބުނެ ދޫކޮށްލުމަށް އެދިފައެވެ. ނަމަވެސް ފަނޑިޔާރުންގެ ޕެނަލުން 23 ޞަފްޙާގެ ނިންމުމެއްގައި ބުނެފައިވަނީ، ކުރީގެ ރައީސަކަށްވުމާއެކު އޭނާއަށް ސިޔާސީ ގުޅުންތައް ބޭނުންކޮށްގެން ފިލައިގެން ދެވިދާނެ ފުރުސަތު އޮތް ކަމަށާއި، އަދި ހެކިންނަށް ސީދާގޮތުންނާއި ނުސީދާގޮތުން އޭނާއަށް ތާއީދުކުރާ ފަރާތްތައް މެދުވެރިކޮށް ނުފޫޒު ފޯރުވިދާނެ ކަމަށް ބެލެވޭތީއެވެ.





