ދެކުނު ކޮރެއާގެ ޑޭޓާ ސެންޓަރެއްގައި އަލިފާން ރޯވެ މުހިންމު ޑޭޓާ ގެއްލި ގައުމީ ކާރިސާއެއް ދިމާވެފައި ވަނިކޮށް ދެކުނު ކޮރެއާގެ ރައީސް ލީ ޖޭ-މިޔަންގ އާއި ފަސްޓް ލޭޑީ ކިމް ހައި-ކިޔުންގ،އެގައުމުގެ ޓީވީން ގެނަސްދޭ މަޝްހޫރު ކުކިންގ ޝޯއެއްގައި ކަން ދެއްކުމާ ގުޅިގެން ސިޔާސީ ޖަދަލެއް އުފެދިއްޖެއެވެ.
ސެޕްޓެމްބަރ 26 ގައި ހިނގި އަލިފާނުގެ ހާދިސާގައި، ނެޝަނަލް އިންފޮމޭޝަން ރިސޯސަސް ސަރވިސް ޑޭޓާ ސެންޓަރު ވަނީ އަނދާފައެވެ. އެތާގައި ހުރި ޒަމާންވީ ބެކަޕް ބެޓެރީތަކުގައި އަލިފާން ރޯވުމުގެ ސަބަބުން، ސަރުކާރުގެ އެތައް ސަތޭކަ ޚިދުމަތްތަކެއް ހުއްޓުމަކަށް އައެވެ. މީގެ ތެރޭގައި ޓެކްސްގެ ނިޒާމާއި، އެތެރޭގެ މުވާސަލާތުތަކާއި، ސަރުކާރުގެ ވެބްސައިޓްތައް ހިމެނެއެވެ. މިއަލިފާން ނިއްވަން 20 ގަޑިއިރު ނެގިއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ލީ މި ކާރިސާ މޮނިޓަރ ކުރައްވައި، އދ.ގެ އާންމު މަޖިލީހުގެ ޖަލްސާއިން އެނބުރި ވަޑައިގަތުމަށްފަހު ކުއްލި ބައްދަލުވުންތައް ބާއްވަވާފައިވާ ކަމަށެވެ. ނަމަވެސް ގައުމީ ޗުއްޓީގެ ތެރޭގައި ޓީވީން ދެއްކި ކައްކާ ޕްރޮގްރާމްގައި ރައީސް މާބޮޑަށް މަޖާކޮށް އުޅުއްވުމުން އިދިކޮޅު ފަރާތްތަކުން ވަނީ ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.
އިދިކޮޅުން ފާޑު ކީނަމަވެސް ދެކުނު ކޮރެއާގެ ރައީސްގެ މަޤްބޫލުކަން ވަނީ 53.5 އިންސައްތައަށް އިތުރުވެފައެވެ. އެ މަގްބޫލުކަން އިތޔުރުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން މަޢާފަށް އެދިވަޑައިގަތުމާއި، އެކަމުގެ ފުރިހަމަ ތަޙުޤީޤެއް ކުރުމަށް ރައީސް އަމުރު ކުރެއްވުމާ ގުޅިގެންނެވެ. ސިޔާސީ ދިރާސާވެރިން ބުނާ ގޮތުގައި މި ހާދިސާއިން ދަކުނު ކޮރެއާގެ ސިޔާސީ ބައިބައި ވުމުގެ މާހައުލު އިތުރަށް ފުންވެގެން ގޮސްފައިވެއެވެ.