މަޑަގަސްކަރައިގެ ސިޔާސީ ހާލަތު އާދީއްތަ ދުވަހު ވަރަށް ބޮޑަށް ގޯސްވެ، އެ ގައުމުގެ ސިފައިން ހަރަކާތްތެރިވެ، ޖެން ޒީ މުޒާހަރާއަށް ސަޕޯޓު ކުރުމުން ރައީސް އޯންޑްރީ ރާޖޯލީނާ ގައުމުން ފިއްލަވައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މިކަމުގެ ސަބަބުން ގައުމުގެ ސިޔާސީ ކާރިސާ އިތުރަށް ގޯސްވެފައިވެއެވެ.
ޖެން ޒީ މުޒާހަރާއަށް ފަހު ބޮޑު ވަޒީރު މަގާމުން ދުރުކޮށް ސިފައިންގެ އިސް ޖެނަރަލަށް ވަނީ މުޒާހަރާތައް ކޮންޓްރޯލު ކުރުމަށް ބޮޑު ވަޒީރުކަން ދީފައެވެ. އެއަށްފަހު، ސިފައިންގެ ޚާއްސަ ޔުނިޓެއް ކަމަށްވާ ކެޕްސެޓް ޔުނިޓުން ވަނީ ސިފައިންގެ ކޮންޓްރޯލް ނަގައިފިކަމަށް އިޢުލާން ކޮށްފައެވެ.
މި ޔުނިޓަކީ 2009 ވަނަ އަހަރު ރައީސް ރާޖޯލީނާ ވެރިކަމަށް ވަޑައިގަތުމުގައި މުހިންމު ދައުރެއް އަދާކުރި ޔުނިޓެކެވެ. ކާނަލް މައިކަލް ރަންޑްރިއަނާރީނާ ވިދާޅުވީ، ސަރުކާރަށް ސަޕޯޓު ކުރި ސިފައިންނާ ކެޕްސެޓާ ކުރިމަތިލުމުގައި ސިފައިންގެ މީހަކު މަރުވެފައިވާ ކަމަށެވެ. ނަމަވެސް، މިއީ ކަމަކީ މިއީ ބަޣާވާތެއް ކަމަށް ސިފަ ކުރުމާ އޭނާ ދެކޮޅު ހައްދަވައެވެ. އަދި ސިފައިން ހަރަކާތްތެރިވީ "ރައްޔިތުންގެ ގޮވާލުންތަކަށް އިޖާބަ" ދިނުމަށް ކަމަށް ވިދާޅުވިއެވެ.
މަޑަގަސްކަރައިގައި ޖެން ޒީ އިން ވަނީ ސެޕްޓެމްބަރު 25 ވަނަ ދުވަހުން ފެށިގެން، ފެނާއި ކަރަންޓުގެ މައްސލަތަކާ ގުޅޭ ގޮތުން މުޒާހަރާ ކުރަން ފަށާފައެވެ. މި މުޒާހަރާތައް ފަހުން ވަނީ ކޮރަޕްޝަނާއި ދެކޮޅު ގައުމީ ހަރަކާތަކަށް ބަދަލުވެފައެވެ. އދ އިން ލަފާކުރާ ގޮތުގައި ޖެން ޒީ މުޒާހަރާގައި މަދުވެގެން 22 މީހުން މަރުވެފައިވެ އެވެ. ސަރުކާރުން މި އަދަދު ދޮގު ކުރެއެވެ.
ރައީސް ރާޖޯލީނާގެ އޮފީހުން އޮތީ ހޯމަ ދުވަހުގެ ރޭ ގައުމާ މުޚާތަބު ކުރައްވާ ގޮތަށް ހަމަޖައްސާފައެވެ. ނަމަވެސް، ސިފައިން ދައުލަތުގެ ޓީވީއާއި ރޭޑިއޯ އަށް ވަދެގަނެ އެތަން ހިފުމާ ގުޅިގެން މި ތަޤުރީރު ވަނީ ކުއްލިއަކަށް ފަސްކުރެވިފައެވެ. އިދިކޮޅު ލީޑަރު ސިޓޭނީ ރަންޑްރިއަނާސޯލީއައިކޯ ވިދާޅުވަނީ އާދިއްތަ ދުވަހު ފްރާންސްގެ އަސްކަރީ މަތިންދާބޯޓެއްގައި ރައީސް "ފިއްލެވި" ކަން އިއުލާން ކުރައްވާފައެވެ. އެއަށްފަހު ރައީސްގެ ޚަބަރެއް ނުވިއެވެ.




