ބަނގްލަދޭޝް: އަލިފާނުގެ ހާދިސާގައި 16 މަރު

ބަންގްލަދޭޝްގެ ގާމެންޓް ފެކްޓްރީއަކާއި އެއާ އިންވެގެން ހުރި ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 16 މީހުން މަރުވެ، އަދި ގިނަ ބަޔަކަށް އަނިޔާވެއްޖެއެވެ. ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާތީ މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ބެލެވެއެވެ.

ފަޔަރ ސަރވިސްގެ ޑިރެކްޓަރ ތާޖުލް އިސްލާމް ޗައުދުރީ ވިދާޅުވި ގޮތުގައި، ފެކްޓްރީގެ ދެވަނަ އަދި ތިންވަނަ ފަންގިފިލާއިން 16 މީހުންގެ ހަށިގަނޑު ފެނިފައިވެއެވެ. އަލިފާން ރޯވި ސަބަބު އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އަލިފާން ރޯވާން ފެށީ މެންދުރު ހާއިރު ޑާކާގެ މީރްޕުރު ސަރަހައްދުގައި ހުރި 7 ފަންގިފިލާގެ ފެކްޓްރީގެ ތިންވަނަ ފަންގިފިލާއިންނެވެ. އޭގެ ފަހުން އަލިފާން ރޯވެފައިވަނީ ބްލީޗިންގ ޕައުޑަރާއި ޕްލާސްޓިކް އަދި ހައިޑްރޯޖަން ޕެރޮކްސައިޑް ރައްކާކޮށްފައި ހުރި ކެމިކަލް ގުދަނެއްގައެވެ. މި ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް އާއިލާތަކުން ފޮޓޯ ހިފައިގެން އެ ސަރަހައްދަށް އެއްވެފައިވެއެވެ.

ހިއްސާ ކުރައްވާ!