ލަންޑަނުގެ ރޯޔަލް އަލްބަޓް ހޯލްގައި ބަނޑު މުސާރައަށް ބައްދާ ޖަޕާނުގެ ކުޅިވަރު މުބާރާތެއް ބާއްވައިފިއެވެ. މިއީ 1991 އަށް ފަހު ޖަޕާނުން ބޭރުގައި ބަނޑު މުސާރައަށް ބައްދާ ސޫމޯ ރެސްލިން މުބާރާތެއް ބޭއްވި ދެވަނަ ފަހަރަށެވެ. މި މުބާރާތުގައި 6 ޓަނުގެ ބަރުދަން ހުރި 40 ސުމޯ ރެސްލަރުން ބައިވެރިވެފައިވެއެވެ.
މި މުބާރާތް ބޭއްވުމަށްޓަކައި ރޯޔަލް އަލްބަޓް ހޯލުގައި ޚާއްސަ ތައްޔާރީތަކެއް ކުރިއަށް ގެންދިޔައެވެ. މީގެ ތެރޭގައި 200 ކިލޯއަށް ވުރެ ބަރުދަން ހުންނަ މީހުންނަށް ބޭނުންކުރެވޭ ގޮތަށް ޚާއްސަ ގޮނޑިތަކެއް ޖެހުން ހިމެނެއެވެ. މީޑިއާއިން ބުނެފައި ވަނީ ކޮންމެ މީހެއްގެ ބަރުދަނަކީ އާދައިގެ ނީލަގެރި އެތެއްގެ ބަރުދަން ކަމަށް ވުމާއެކު މިހާރު އެ ހޯލުގައި ހުރި ގޮނޑިތަކަކީ އެފަދަ ބަރަކަށް ކަތާނެ ގޮނޑިތަކެއް ނޫން ކަމަށެވެ. އޭގެ އިތުރުން ފާޚާނާތަށިތައް ވަރުގަދަ ކޮށް މިހާރު ހުރި ތަށިތައް ބަދަލު ކުރަން ޖެހުނެވެ. އަދި މިމީހުންގެ ކެއުމަށްވެސް ޚާއްސަ ސަމާލުކަމެއް ދޭން ޖެހުނެވެ. ޖަޕާނުގައި ބަނޑު މުސާރައަށް ބައްދާ މީހުންނަކީ އާދައިގެ މަތިން ގިނައިން ކައި އުޅޭ ބައެކެވެ. މާނައަކީ އެއްފަހަރާ ޖަޕާނުގެ ބަތް ބޯތަށީގެ 60 ބޯތަށީގެ ހަނޑޫ އެކަކު ކާލާނެއެވެ. މިފަހަރުވެސް މިމީހުންގެ އެއްފަހަރުގެ ކެއުމަށް 1,500 ރާތާ ހަނޑޫ އަދި 750 ނޫޑުލްސް ޕެކެޓާއި 400 ފުޅި ސޯޔާ ސޯސް ތައްޔާރު ކުރެވުނު ކަމަށް މަސްއޫލުވެރިން ވިދާޅުވެއެވެ.
ބަނޑު މުސާރައަށް ބައްދާ ސުމޯ ކުޅުމަކީ ހަމައެކަނި ޖިސްމާނީ ކުޅިވަރެއް ނޫނެވެ. މި ކުޅުންތެރިން ހެނދުނު 5 ޖަހާއިރު ތެދުވެ ޝިންޓޯ އާދަކާދައާ އެއްގޮތަށް ތަމްރީނުކުރާނެ އެވެ. އަދި ދަށް ފެންވަރުގެ ކުޅުންތެރިން މަތީ ފެންވަރުގެ ކުޅުންތެރިންނަށް ޚިދުމަތްކުރަން ޖެހެއެވެ.






