އިންޑިއާގެ އެކްސްޕޯޓަށް އެމެރިކާ ރައީސް އަޅާފައިޥާ ދަތިކުރުމުގެ ފިޔަވަޅުތަކުން އިންޑިއާގެ އެކްސްޕޯޓް އުތުރު ވެއްޖެކަމަށް އިންޑިއާ ސަރުކާރުން ބުނެއެވެ. އިންޑިއާއިން އެކްސްޕޯޓް ކުރާ މާކެޓްތައް ވަނީ ޔޫރަޕް، މެދުއިރުމަތި، އެފްރިކާ އަދި ލެޓިން އެމެރިކާގެ 20 އަށްވުރެ ގިނަ ގައުމަކަށް ފުޅާ ވެގެން ގޮސްފައެވެ. މިގޮތުން މިއަހަރުގެ ޖުލައި-ސެޕްޓެމްބަރު ކުއާޓަރުގައި އިންޑިއާގެ އެކްސްޕޯޓް ވަނީ 9 ޕަސެންޓް އިތުރުވެފައެވެ. އިންޑިއާއިން ރަޝިޔާ ތެޔޮ ގަންނާތީ އެމެރިކާއިން ވަނީ 50 ޕަސެންޓް ގެ ޓެރިފް ބޮޑުކޮށް ނެގުމަށް ނިންމާފައެވެ. އިންޑިއާއިން އެކްސްޕޯޓު އިތުރު ކޮށްފައިވަނީ އިލެކްޓްރޯނިކްސް، އިންޖިނިއަރިންގ އަދި ކަނޑުގެ އުފެއްދުންތަކުގެ ދާއިރާއިންނެވެ.
އިންޑިއާގެ އެކްސްޕޯޓް ސިންދަފާތުކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ޖަރުމަނު، ބެލްޖިއަމް، އިޓަލީ، ޕޮލެންޑް، ދެކުނު ކޮރެއާ، ޔޫއޭއީ، އޮމާން، އިރާގު، މިޞްރު، ރަޝިއާ، ކެނެޑާ، މެކްސިކޯ، ބްރެޒިލް، ކެންޔާ، ނައިޖީރިއާ، ތައިލެންޑް، ވިއެޓްނާމް އަދި ސްރީލަންކާ ހިމެނެއެވެ. އިންޑިއާއިން މި ގައުމުތަކަށް ކޮށްފައިވާ އެކްސްޕޯޓްގެ އަގަކީ 129.3 ބިލިއަން ޑޮލަރެވެ. މިއީ އިންޑިއާގެ ޖުމްލަ އެކްސްޕޯޓްގެ 59 ޕަސެންޓެވެ.
އެމެރިކާއާއެކު ދިމާވެފައިވާ ޓެރިފްގެ މައްސަލަ ހައްލުކުރުމަށް ދެގައުމުގެ މެދުގައި މަޝްވަރާތައް ކުރިއަށްގެންދެއެވެ. އެހެންނަމަވެސް އިންޑިއާގެ ދަނޑުވެރިން، މަސްވެރިން އަދި ކުދި ވިޔަފާރި ސެކްޓަރގެ މަސްލަހަތު ރައްކާތެރިކުރެވޭނެ ގޮތަކަށް މެނުވީ އެއްބަސްވުމަކަށް ނާންނާނެކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ. އަދި އެމެރިކާގެ ވިޔަފާރި ދަރަނި ކުޑަކުރުމަށްޓަކައި އެމެރިކާގެ ތެޔޮ އަދި ގޭސް ގަތުން އިތުރުކުރުމަށް އިންޑިއާއިން ވަނީ އެއްބަސްވެފައެވެ.







