އަވާމީ ލީގުން ބޭއްވި ސުލްހަވެރި ހިނގާލުމަކަށް ބަންގްލަދޭޝްގެ ފުލުހުންނާއި އެކި ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުން ގުޅިގެން ދިން ހަމަލާއާއި، އެ ޕާޓީގެ ލީޑަރުންނާއި އެކްޓިވިސްޓުން ހައްޔަރުކުރުމުން އަވާމީ ލީގުން ވަނީ މިކަންކަމަށް ބަނގްލަދޭޝް ސަރުކާރު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަވާމީ ލީގުން ޑަކާގެ އެކި ސަރަހައްދުތަކުގައި ކުއްލި ގޮތަކަށް ހިނގާލުންތަކެއް ބޭއްވުމާ ގުޅިގެން އަވާމީ ލީގާއި އެ ޕާޓީއާ ގުޅުންހުރި ޖަމާއަތްތަކުގެ 131 މެންބަރުން ވަނީ ހައްޔަރުކޮށްފައެވެ.
އަވާމީ ލީގުން ބުނާގޮތުގައި މިއީ އެ ޕާޓީއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އަނިޔާވެރި ޢަމަލުތަކުގެ ތެރެއިން ބައެކެވެ. އަދި ފުލުހުންނާއި ސަރުކާރަށް ތާއީދުކުރާ އެކްޓިވިސްޓުންގެ ފަރާތުން އަވާމީ ލީގުގެ ގިނަ މެންބަރުންނަށް ނުރައްކާތެރި އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. އަނިޔާ ލިބުނު މީހުންނަށް ބޭސްފަރުވާ ހޯދުމަށްވެސް ހުރަސްއަޅާފައިވާ ކަމަށާއި، ބައެއް މެންބަރުން ވަގަށް ނަގައި، އެ މީހުން ދޫކޮށްލުމަށް ފިދުޔައަށް ފައިސާ އަތުލާފައިވާ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.
ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) ފަދަ ޕާޓީތަކުގެ ކޭޑަރުންނާއި ފުލުހުން ގުޅިގެން މި ހަމަލާތައް ދެމުންދާ ކަމަށާއި، ހަމަ އެއާއެކު ފުލުހުން ވަނީ އަވާމީ ލީގުގެ އަނިޔާ ލިބިފައިވާ މެންބަރުން ހައްޔަރުކޮށް، ސިޔާސީ މަސައްކަތްތަކަށް ބިރުވެރިކަމުގެ މާހައުލެއް އުފައްދާފައިވާ ކަމަށް ވެސް އަވާމީ ލީގުން ބުނެއެވެ.
އަވާމީ ލީގުން ވަނީ މިއީ ޔޫނުސްގެ ސަރުކާރުގެ "މޮބް ޓެރަރިޒަމް" ގެ އަމަލެއް ކަމަށާއި އާއި "ޤާނޫނާ ޚިލާފު ހައްޔަރުކުރުންތައް" ކަމަށް ބުނެ އެކަންކަން ކުށްވެރިކޮށް، އަނިޔާ ލިބުނު މީހުންނަށް އެކަށީގެންވާ ފަރުވާ ދިނުމަށާއި، ހައްޔަރުކޮށްފައިވާ އެންމެހާ ލީޑަރުންނާއި އެކްޓިވިސްޓުން ދޫކޮށްލުމަށް ގޮވާލާފައެވެ. އަދި ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ވެރިކަމުގައި ހާސިލުކުރެވުނު ތަރައްޤީގެ ކާމިޔާބީތައް ނައްތާލުމަށް ޔޫނުސްގެ ސަރުކާރުން ކުރާ މަސައްކަތްތަކާމެދު ރައްޔިތުން ސަމާލުވުމަށްވެސް ގޮވާލާފައިވެއެވެ.




