އިންޑިއާ އާއި ޖަޕާނުގެ ދިފާއީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ސްޓެލްތް ސިސްޓަމްތަކާއި، ކަނޑުގެ ޕްލެޓްފޯމްތަކާއި، މީހުންނާއި ނުލައި ދުއްވާ އުޅަނދުތަކާއި، ސައިބަރ ދިފާއީ ކަންކަމުގައި އެއްބާރުލުން އިތުރު ކުރަމުންދާ ކަމަށް ރިޕޯޓެއްގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ފައިޓަރ ޖެޓްތަކާއި ސަބްމެރިންތަކުގެ ދާއިރާއިންވެސް އެއްބާރުލުން އިތުރުކުރުމަށް ދެގައުމުން މަސައްކަތް ކުރާ ކަމަށް ބުނެއެވެ.
އިންޑޯ-ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ނުފޫޒު އިތުރުވަމުން ދިއުމާއި، ސަރަހައްދީ ދެބަސްވުންތަކާއި، ކަނޑުގެ ސަރަހައްދުތަކުގައި ޗައިނާގެ ހަރަކާތްތައް އިތުރުވަމުން ދިއުމުގެ ސަބަބުން އިންޑިއާ-ޖަޕާން ދިފާއީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޖުބުރު ވެފައި ވެއެވެ. މި ދެ ގައުމަކީވެސް ޑިމޮކްރަސީގެ ހަމަތައް ދަމަހައްޓަން އުޅޭ މިނިވަން އަދި ހުޅުވިފައިވާ އިންޑޯ-ޕެސިފިކް ސަރަހައްދަށް ވަކާލާތު ކުރާ ގައުމުތަކެކެވެ.
2025 އޯގަސްޓްމަހު ސޮއި ކޮށްފައިވާ ސެކިއުރިޓީ ކޯޕަރޭޝަން އެއްބަސްވުމުގެ ދަށުން، ކެމިކަލް، ބަޔޮލޮޖިކަލް، ރޭޑިއޮލޮޖިކަލް ދިފާއީ އަދި، ސައިބަރ ހަނގުރާމައާއި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވެފައިވެއެވެ. އަދި މިއާއެކު ދެ ގައުމުގެ މެދުގައި އިންޓަރއޮޕަރަބިލިޓީ އާއި އެކުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތައް އިތުރުކުރުމަށްވެސް އެއްބަސްވެފައިވެއެވެ.
ޖަޕާނުގެ ޓެކްނޮލޮޖީ އާއި ސިނާއީ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ ސަބަބުން އިންޑިއާގެ ދިފާއީ ބާރު މޮޑަނައިޒް ކުރުމަށް މަގުފަހިވެގެން ގޮސްފައި ވެއެވެ. އަދި ޖަޕާނަށް ވެސް އިންޑިއާއަކީ އިތުބާރުހުރި ސަރަހައްދީ ބައިވެރިއެއްގެ ގޮތުގައި ފާހަގަ ވެފައި ވެއެވެ. އަދި މުސްތަގުބަލުގައި އެޑްވާންސްޑް ފައިޓަރ ޖެޓްތަކާއި، ސަބްމެރިންތަކާއި، ޒަމާނީ ހަނގުރާމައިގެ ސިސްޓަމްތައް އެކުގައި ތަރައްގީކުރުމުގެ ފުރުސަތުގެ ބޭނުން ދެގައުމުން ހިފާނެކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.






