އޮންލައިންކޮށް ހިންގާ ދީނީ ހަރަކާތްތައް ކޮންޓްރޯލު ކުރުމަށް ނިންމައިފި

ޗައިނާގެ ކޮމިއުނިސްޓް ޕާޓީ އިން ދީނީ އިލްމުވެރިން އޮންލައިންކޮށް ހިންގާ ހަރަކާތްތަކާ ބެހޭ އާ އުސޫލުތަކެއް އިއުލާނުކުރުމާއެކު، އެ ޤައުމުގެ ރޫހާނީ ދިރިއުޅުމުގެ މައްޗަށް ސަރުކާރުން އިތުރު ބާރެއް ފޯރުވައިފިއެވެ. ނެޝަނަލް ރިލިޖަސް އެފެއާޒް އެޑްމިނިސްޓްރޭޝަން (އެން.އާރް.އޭ.އޭ) އިން ނެރެފައިވާ މި އުސޫލުގައި ބުނަނީ ދީނުގެ ނަމުގައި ހިންގާ ހުރިހާ ހަރަކާތްތަކާއި ބަޔާންތަކެއް ހިންގަން ވާނީ ކޮމިއުނިސްޓް ޕާޓީގެ ފިކުރީ އަސާސްތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. މި އާ ގަވާއިދުތަކުގެ ދަށުން، ދީނީ ކަންކަމަށް ފާރަވެރިވާނީ ފައްޅިތަކާއި، މިސްކިތްތަކާއި، ދީނީ ތަންތަނުގައި ހިންގާ ކަންކަމަށް އެކަންޏެއް ނޫނެވެ؛ ސައިބަރ ސްޕޭސް ގައި ވެސް ކުރިއަށް ގެންދާ ދީނީ ކަންކަން ފުލުހުންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާނެއެވެ.

މި އާ އުސޫލުގައި، ދީނީ އިލްމުވެރިން، "ބޭރުގެ ދީނީ ނުފޫޒުތަކާއި، ހައްދުފަހަނަޅާފައިވާ ފިކުރުތަކާއި، ކަލްޓްތައް، އަދި އޮޅުވާލުމަށް ހިންގާ ދީންތަކުގެ" ކަންކަމުގައި ބައިވެރިވުން ވަނީ މަނާކޮށްފައެވެ. އަދި ދީނީ އިލްމުވެރިންގެ ކިބައިން، "ޤައުމީ ލޯބި، ސޯޝަލިޒަމް، އަދި ކޮމިއުނިސްޓް ޕާޓީގެ ލީޑަރޝިޕަށް ތާއީދުކުރުން" ލާޒިމު ކޮށްފައި ވެއެވެ. މއީ ޕްރޮޮޕެގެންޑާގެ ވަސީލަތެއްގެ ގޮތުގައި ދީނީ ލީޑަރުން ބޭނުން ކުރުމުގެ ފިޔަވަޅެކެވެ. ކޮޮމިއުނިސްޓު ވެރިކަމުގެ ނަޒަރުގައި، ދީނީ އިޚްލާސްތެރިކަން އޮންނަންވާނީ ސިޔާސީ ވާޖިބެއްގެ ގޮތުގައި ފިލްޓަރ ކުރެވިފައެވެ. އަދި އަޅުކަން ކުރަންވާނީ ދައުލަތަށް ޚިދުމަތްކުރާށެވެ.

މި ގަވާއިދުތަކާއެކު ދީނީ އިލްމުވެރިން ގެ ލައިވްސްޓްރީމްތައް، ކުރު ވީޑިއޯތައް، އޮންލައިން ބައްދަލުވުންތައް، ނުވަތަ ވީޗެޓް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ދޭ ދަރުސްދިނުމާއި އޮންލައިން ކޮށް ދީނީ ޚިދުމަތްތައް ދިނުމަށް ދައުލަތުން ފާރަވެރި ވާނެއެވެ. އަދި މި ގަވާއިދުތައް ޗައިނާގެ މެއިންލޭންޑްގައި ދިރިއުޅޭ މީހުންނަށާއި ހޮންގްކޮންގ، މަކާއޮ، ތައިވާން ގައި ދިރިއުޅޭ ބޭރުގެ ރައްޔިތުންނަށް ވެސް ހިނގާނެއެވެ.

ފާޑު ކިޔާ ފަރާތްތަކުން ބުނަނީ މި އުސޫލަކީ ދީނީ ކަމަކަށްވުރެން ބޮޑަށް މުވާޞަލާތު ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތެކެވެ.

ޝީ ޖިންޕިންގގެ ސަރުކާރުގައި ފައްޅިތައް ބަދަލު ކުރުމާއި މިސްކިތްތަކުގެ ގުއްބު ތަޅާލުންފަދަ ކަންކަން ހިންގާފައި ވެއެވެ.

 

ހިއްސާ ކުރައްވާ!