އދ. އުފެއްދިތާ 80 އަހަރު ފުރުމާ ގުޅިގެން، އައު ދައުރަށް ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުރިމަތިލާނެ ކެންޑިޑޭޓުންނަށް ފުރުޞަތު ދިނުމަށް ވިސްނާނެ ކަމަށް އެމެރިކާއިން ބުނެފިއެވެ. އެމެރިކާއިން މި ވާހަކަ ބުނިގޮތުން ލެޓިން އެމެރިކާގެ ޤައުމުތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެ ގައުމުތަކުން ބުނެފައި ވަނީ މިއީ އެ ސަރަހައްދަށާއު ކެރބިއަން ސަރަހައްދަށް ފުރުސަތު ލިބެންވީ ވަގުތު ކަމަށެވެ.
އދ. ގެ 10 ވަނަ ސެކްރެޓަރީ ޖެނެރަލް އިންތިޚާބުކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ. މިއީ އެންޓޯނިއޯ ގުޓަރޭސްގެ ބަދަލުގައި، 2027 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން، 5 އަހަރުގެ ދައުރަކަށް އިންތިޚާބު ކުރާ އައި ސެކްރެޓަރީ ޖެނެރަލް އެވެ.
ޢާންމުކޮށް މި މަޤާމަށް މީހަކު އިންތިޚާބު ކުރަނީ އެކި ފަހަރު ތަފާތު ސަރަޙައްދުތަކަށް ފުރުސަތު ލިބޭ ގޮތަށެވެ. މި ފަހަރު ފުރުސަތު ލިބޭ ގޮތަށް އެންމެ ކުރީގައި އޮތީ ލެޓިން އެމެރިކާ އަދި ކެރިބިއަން ސަރަޙައްދެވެ.
މި މަގާމަށް ވާދަ ކުރުމަށް ރަސްމީކޮށް ފެށޭނީ މި އަހަރު ނިމުމުގެ ކުރިން ސެކިއުރިޓީ ކައުންސިލްގެ 15 މެމްބަރުންނާއި އާންމު މަޖިލީހުގެ ރައީސް ކުރިމަތިލާނެ ފަރާތްތަކަށް އެދި ޚާއްޞަ ސިޓީއެއް ފޮނުވުމުންނެވެ. ކެންޑިޑޭޓުން ގެ ނަން ހުށަހަޅާނީ މެންބަރު ޤައުމުތަކުންނެވެ.
މި މަޤާމަށް މީހަކު އިންތިޚާބު ކުރުމުގައި، އދގައި ވީޓޯ ގެ ބާރު ބޭނުން ކުރާ ދާއިމީ 5 މެންބަރު ޤައުމުތަކުން އެނަމަކަށް އެއްބަސްވާން ޖެހެއެވެ.
އދއަށް 80 ފުރުމާ ގުޅިގެން އަންހެން ސެކްރެޓަރީ ޖެނެރަލަކު އައްޔަން ކުރުމަށްވެސް ގޮވާލަމުން ދެއެވެ. ރަޝިޔާގެ ސަފީރު ވެސިލީ ނެބެންޒިއާ ވިދާޅުވީ، ސެކްރެޓަރީ ޖެނެރަލްގެ މަޤާމު ސަރަޙައްދުތަކަށް ބަދަލުވަމުންދާ އުޞޫލަކީ ޤަވާއިދެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ތައާރަފް ކޮށްފައިވާ އާދައެއް ކަމަށެވެ. އަދި އެ މަގާމަށް އަންހެނަކު އައުމަށް ރަޝިޔާއިން ދެކޮޅު ނުހަދާ ކަމަށާއި ނަމަވެސް އެފަރާތަކަށ ްމަގާމު ލިބެންވާނީ އޭނާގެ ގާބިލުކަމުގެ މައްޗަށް ބަލާފައި ކަމަށެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ވާދަ ކުރުން ރަސްމީކޮށް ހުޅުވާލާފައި ނުވިނަމަވެސް ޗިލީ އިން ވަނީ ކުރީގެ ރައީސް މިޝާލް ބާޝްލޭގެ ނަން އެގައުމުން ހުށަހަޅާނެ ކަމަށް ބުނެފައެވެ. އަދި ކޮސްޓާރިކާ އިން ވެސް ވަނީ އެގައުމުގެ ކުރީގެ ނައިބު ރައީސް ރެބެކާ ގްރީންސްޕާން ގެ ނަން ހުށަހަޅާނެ ކަމަށް ބުނެފައެވެ.





