ރަޝިޔާގެ ފުނަށް އުދުވާނީ ހަމަލައެއް ދީފިނަމަ 3ވަނަ ބޮޑު ހަނގުރާމައެއް ފެށޭނެ ގޮތް ކިޔައިދީފި

އެމެރިކާއިން ޔުކްރެއިންއަށް ޓޮމަހޯކް މިސައިލް ދީގެން ރަޝިޔާގެ ފުނަށް ހަމަލައެއް ދީފިނަމަ ރަޝިއާއިން އެކަމަށް ރައްދު ދޭނެ ގޮތްތައް، ރަޝިޔާގެ އަސްކަރީ މާހިރަކު ސާފުކޮށްދެއްވައިފިއެވެ،

ރަޝިޔާގެ ނޫހެއް ކަމަށްވާ ގެޒެޓާ އިން ޝާއިއުކުރި ރިޕޯޓެއްގައި އަސްކަރީ މާހިރު މިޚައިލް ޚޮޑަރެނޫކް ވަނީ ހުޅަނުގުގެ އުދުވާނީ ހަމަލައެއްގައި ރަޝިޔާގެ ފުނަށް ދުރު ރާސްތާގެ މިސައިލް ހަމަލާއެއް ދިފިނަމަ ރައްދު ދޭނެ ގޮތްތައް ސާފުކޮށްދެއްވާފައެވެ.

ޚޮޑަރެނޫކް ވިދާޅުވީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ ފަނާކުރަނިވި ރައްދެއް ދެއްވާނެ ކަމަށް އިންޒާރު ދެއްވާފައި ކަމަސެވެ.

އޭނާ ވިދާޅުވިގޮތުގައި ރަޝިޔާގެ ރައްދު ބިނާވާނީ ތިން މަރުހަލާގެ މައްޗަށެވެ. އެއީ ސިއްސުވާލާފަދަ "ސްޓަން ރިޓޭލިއޭޝަން" ގެ ނަމުން ވެސް ނަންދެވިފައިވާ ހަމަލަތަކެއް ކަމަށް އޭނާ ވިދާޅުވެއެވެ.

މިހަމަލަތަކުގެ ފުރަތަމަ މަރުހަލާގައި ރަޝިޔާއިން ހަމަލަ އަމާޒު ކުރާނީ ޔޫކްރޭނަށް ހަތިޔާރު އުފައްދާ އަދި ނޭޓޯގެ މެމްބަރު ގައުމުތަކުގެ ސަރަހައްދުގައި ހުންނަ މަރުކަޒުތަކަށާއި ފެކްޓްރީތަކާ ދެކޮޅަށެވެ. މިމަރުހަލާގައި ބޭނުން ކުރާނީ ޖައްވުންނާއި ކަނޑު މަގުން ފޮނުވާލާ ކުރޫޒް މިސައިލްތަކެވެ. ރަޝިޔާއިން މި ހަމަލާތައް އަމާޒު ކުރާނީ ރޭގަނޑުގެ ގަޑިއެއްގައެވެ. އަދި މީގައި ބޮން އަޅާ ސްޓްރެޓެޖިކް ބޯޓުތަކާއި ކަނޑުގެ ސިފައިންގެ ސަބްމެރިންތައް ބޭނުން ކުރާނެއެވެ.

ރަޗިޔާއިން ހުޅަނގަށް ދޭ ރޭގަނޑުގެ ހަމަލާއަށް ފަހު ހުޅަނގު ޔޫރަޕްގައި އިރު އަރައި ދުވަސް ފެށުމުން ދެވަނަ މަރުހަލާ ފަށާނެއެވެ. އެ މަރުހަލާގައި ރަޝިޔާގެ ސްޓްރެޓެޖިކް ނިއުކްލިއާ ބާރުތަކުން ބާރު ދައްކާލާނެއެވެ.

ދެ ވަނަ މަރުހަލާގެ ހަމަލަތައް ދޭނީ، ރަޝިޔާގެ ސްޓްރެޓެޖިކް ނިއުކްލިއާ ގާބިލްކަން ސާފުކޮށް ޔަގީން ކޮށްދިނުމުގެ ގޮތުން ނިއުކްލިއާ ވޯހެޑް ބަރާކޮށްފައިވާ ބެލިސްޓިކް އަދި ކްރޫޒް މިސައިލްތަކުންނެވެ. މި މިސައިލްތައް އަމާޒު ކުރާނީ މީހުން ނޫޅޭ ކަނޑުގެ ސަރަހައްދަކަށް އަމާޒު ކޮށްގެންނެވެ.

އެއަށް ފަހުވެސް ހުޅަނގުގެ އުދުވާނުން ފަސް ނުޖެހެނީނަމަ ރަޝިޔާއިން 3 ވަނަ މަރުހަލާ ފަށާނެއެވެ. މި މަރުހަލާ ބެހިގެން ވަނީ ދެ ބަޔަކަށެވެ.

ފުރަތަމަ މަރުހަލާގައި ޔުކްރެއިންގެ ވެރިރަށް ކިއެވްގެ ސަރުކާރުގެ އޮފިސް އިމާރާތްތައް ހުންނަ އަވަށްތަކަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްގެން ހަމަލަ ދޭނެއެވެ. މި ހަމަލަތައް އަމާޒު ކުރާނީ ޔޫކްރޭންގެ ރިޔާސީ ގަނޑުވަރަށާއި ޕާލަމެންޓް އިމާރާތަށާއި ޔޫކްރޭންގެ މިނިސްޓްރީ އޮފް ޑިފެންސް ކޮމްޕްލެކްސް އަށެވެ.

މި ފުރަތަމަ މަރުހަލާއިންވެސް މަގްސަދު ހާސިލު ނުވެއްޖެނަމަ، ރަޝިޔާއިން ތިން ވަނަ މަރުހަލާގެ ދެވަނަ ބަޔަށް ދާނެއެވެ.

އެ މަރުޙަލާ ފެށޭއިރު، ޚާއްޞަ ނިއުކްލިއަރ ވޯހެޑްތައް ބޭނުންކޮށްގެން ޔުކްރެއިންގެ ޑްނީޕަރ ކޯރުގައި ހުރި ހައިޑްރޯއިލެކްޓްރިކް ޕަވަރ ސްޓޭޝަންތަކާއި ޑޭމްތައް ހަލާކުކޮށްލުމުގެ އިތުރުން ކޯރު ހުރަސްކުރަން ބިނާކޮށްފައިވާ ހުރިހާ ބްރިޖެއް ނައްތާލެވޭނެއެވެ.

މިހިސާބަށް ދާއިރު އުދުވާންގައި ބައިވެރިވާ ނޭޓޯގެ މެމްބަރު ގައުމުތަކަށްވެސް ރައްކާތެރިކަމެއް ނުލިބޭނެއެވެ. އެގޮތުން ނޭޓޯގެ ބައެއް ގައުމުތަކުގެ ސަރަހައްދަށް ހަމަލަތައް ދިނުމުގައި ޚާއްސަ ނިއުކްލިއާ ވަޒަންތައް ބޭނުން ކުރެވޭނެއެވެ. އަދި ޕެސިފިކް ކަނޑުގެ މެދުގައި އޮންނަ ދުނިޔޭގެ އެންމެ އެކަހެރި ތަނެއް ކަމަށްވާ ޕޮއިންޓް ނޭމޯގައި ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށް ގޮއްވުމެއް ވެސް ގޮއްވާލެވޭނެއެވެ. އެ ގޮއްވާލުމަށް ބޭނުން ކުރާނީ ސްޓޭޓަސް 6 ޕޮސެއިޑަން ސްޓްރެޓެޖިކް ނިއުކްލިއާ ޓޯޕީޑޯ އެވެ. މިއީ ބިރުދެއްކުމުގެ "ރަމްޒީ އޮޕަރޭޝަނެއް" ކަމުގައި ވާނެއެވެ. އަދި އެކަމަށް ކޮމާންޑް ދެއްވާނީ ރަޝިޔާގެ ސިފައިންގެ ސުޕްރީމް ކޮމާންޑަރު ރައީސް ވްލަޑިމިއާ ޕޫޓިންއެވެ.

ހިއްސާ ކުރައްވާ!