ނަސާރާ ފާދިރީންގެ އިސްފައްޅިއަށް، ވެޓިކަން އަށް ކުރައްވާ ޚާއްސަ ޒިޔާރަތެއްގައި މިސްރުގެ އަލްއަޒްހަރުގެ އިމާމުލްއަކްބަރު ޝެއިޚް ޑރ. އަހުމަދު އައްޔައްޔިބް މިއަދު ވެޓިކަންއަށް ފުރައިވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ދުނިޔޭގެ ސުލްހައިގެ ކޮންފަރެންސްގައި ވެސް އިމާމުލްއަކްބަރު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ޕޯޕް ލިއޯ 14 އާއި ބައްދަލު ކުރައްވައި ޣައްޒާގެ ޖެނޮސައިޑާއި ސުލްޙައާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ.
އަލްއަޒްހަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މީގެ ކުރިން މެއި މަހުގެ 8 ވަނަ ދުވަހު ޕޯޕް ލިއޯ 14 ވަނަ އިންތިޚާބުވުމުން އިމާމުލްއަކުބަރު މަރުހަބާ ވިދާޅުވެފައިވާ ކަމަށާއި އޭގެ ހަފްތާއެއް ފަހުން ޕޯޕް މަގާމަށް އައްޔަން ކުރުމުގެ ރަސްމިއްޔާތުގައި ދެބޭފުޅުން ބައްދަލު ކުރެއްވި ކަމަށެވެ.
ރޯމްގައި އޮންނަ ދުނިޔޭގެ ސުލްހައިގެ ކޮންފަރެންސްގައި ޕޯޕް ލިއޯ 14ގެ އިތުރުން، އިޓަލީގެ ރައީސް ސާޖިއޯ މަޓަރެލާ އަދި ބެލްޖިއަމްގެ ރާނީ މަތިލްޑޭ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދީނީ ލީޑަރުންނާއި މުފައްކިރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މި ކޮންފަރެނސްގައި އިފްތިތާހީ ތަގްރީރު ދެއްވާނީ އިމާމުލްއަކްބަރު ޑރ، އަޙުމަދު އައްޠައްޔިބް އެވެ.







