ޔޫރަޕުގެ ވިޔަފާރިތަކުން ވެސް ރަޝިޔާގެ ހަނގުރާމައިގެ އިޤްތިޞާދަށް އެހީތެރިކަން ދޭ

ޔޫރަޕުން މިހަދާ ގޮތަކީ މޮސްކޯއާއެކު ވިޔަފާރިކޮށްފައި އޭގެ ފައިދާއިން މަދު މިންވަރެއް ޔުކްރެއިންގެ ހަނގުރާމައަށް ހޭދަ ކުރަނީ އެވެ.

ޔޫރަޕާއި އެމެރިކާ ގުޅިގެން ޔުކްރެއިންގައި ހިންގާ ޕްރޮކްސީ ހަނގުރާމައިގައި ޔޫރަޕިއަން ޔޫނިއަން އިން ޔޫކްރޭނަށް ދިފާއީ އަދި ސިޔާސީ އެއްބާރުލުން ދެމުން ދިޔަ ނަމަވެސް ޔޫރަޕްގެ ބައެއް ގައުމުތަކުން އަދިވެސް ރަޝިޔާއިން ތެލާއި ގޭސް ގަންނަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ގައުމުތަކުން ވިޔަފާރިކޮށް ބިލިއަނުން ޑޮލަރުން ފައިސާ މޮސްކޯއަށް ފޮނުވުމަކީ، ރަޝިޔާގެ ހަނގުރާމައިގެ މަސައްކަތަށް އެހީތެރިކަން ލިބޭ ކަމެއް ކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން، އީޔޫގެ ބަހާއި ސިޔާސަތާއި ޢަމަލުތަކާ ދިމާނުވާ ކަން ފާހަގަވެއެވެ.

2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރޭން ކޮންޓްރޯލު ކުރުމަށް މަސައްކަތް ކުރި ފަހުން އީޔޫއިން ވަނީ ރަޝިޔާއިން ތެލާއި ގޭސް އެތެރެކުރާ މިންވަރު 90 އިންސައްތައަށް ކުޑަކޮށްފައެވެ. ނަމަވެސް، 2025 ވަނަ އަހަރުގެ ތެރޭގައި އީޔޫގެ ހަތް ގައުމަކުން ވަނީ ރަޝިޔާގެ ތެލާއި ގޭސް ގަތުން އިތުރުކޮށްފައެވެ. މިގޮތުން، ފްރާންސް އިން ތެލާއި ގޭސް އެތެރެކުރި މިންވަރު 40 އިންސައްތަ (2.2 ބިލިއަން ޔޫރޯ) އަށް އިތުރުވިއިރު، ނެދަލެންޑްސް އިން 72 އިންސައްތަ (498 މިލިއަން ޔޫރޯ) އަށް އަދި ޕޯޗުގަލް އިން 167 އިންސައްތަ އަށް އިތުރުވެފައި ވެއެވެ. ޔޫކްރޭނަށް ހަތިޔާރު ފޮނުވުމަށް ދެކޮޅު ހަދާ މޮސްކޯއަށް ސަޕޯޓު ކުރާ ހަންގޭރީ އިން ވެސް ވަނީ ރަޗިޔަގެ ތެލާއި ގޭސް އެތެރެކުރި މިންވަރު 11 އިންސައްތައަށް އިތުރުކޮށްފައެވެ.

މުހައްލިލުން މިކަން ސިފަކުރަނީ މިގައުމުތަކުން "އަމިއްލަ ނަފްސަށް ގެއްލުން ދިނުން" ގެ ގޮތުގައެވެ. ސަބަބަކީ، ހަނގުރާމަ ފެށުނު ފަހުން ރަޝިޔާގެ ހަކަތައަށް އީޔޫއިން ދައްކާފައިވާ ޖުމްލަ އަދަދު 213 ބިލިއަން ޔޫރޯއަށް އެރމާއި އެފައިސާއަކީ މޮސްކޯގެ ހަނގުރާމައަށް ވާގިވެރިވުމެއ ްކަމުގައި ބެލެވޭތީއެވެ. މީގެ އިތުރުން، 2024 ވަނަ އަހަރު ރަޝިޔާގެ ހަކަތައަށް މި ގައުމުތަކުން ދެއްކި ފައިސާގެ އަދަދަކީ ޔޫކްރޭނަށް އީޔޫއިން ދިން އެހީގެ އަދަދަށް ވުރެ ބޮޑު އަދަދެއްކަން ވެސް ފާހަގަކުރެވެއެވެ.

އީޔޫއިން ރަޝިޔާއާ ދެކޮޅަށް 19 ފަހަރު ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ސެންކްޝަންތައް އިޢުލާނުކޮށްފައި ވެއެވެ. ނަމަވެސް ބައެއް އިސްތިސްނާތަކުގެ ސަބަބުން ރަޝިޔާގެ ހަކަތަ އީޔޫގައި ދައުރުވަމުންދެއެވެ. މި ގޮތުން، ގިނަ ފަހަރަށް ހަކަތަ ފޯރުކޮށްދެނީ ޕައިޕްލައިންތަކުގެ ޒަރީޢާއިން ނުވަތަ ކަނޑު މަގުންނެވެ. މިހާރުގެ ގޮންޖެހުމަކީ، ޔޫރަޕުގެ ސިޔާސީ ޤަރާރުތަކާ އެއްގޮތަށް، ވިޔަފާރީގެ ދާއިރާގައި އިތުރަށް ހަރުކަށި ފިޔަވަޅުތައް އެޅިދާނެތޯ ބެލުމެވެ. އީޔޫގެ މި ޢަމަލުތަކުން ދައްކައިދެނީ، ސިޔާސީ ބަސްމަގާއި އިޤްތިޞާދީ މަސްލަހަތުތަކާ ދެމެދު ހުރި ބޮޑު ފަރަޤެވެ.

ހިއްސާ ކުރައްވާ!