"ނިއުޔޯކް ޓައިމްސް" އިން ބުނަނީ ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މުހާޖިރުންނާ ދެކޮޅަށް ދައްކަމުން ގެންދާ ހަރުކަށި ފިޔަވަޅުތައް އެމެރިކާގައި ދިރިއުޅޭ ލެޓިން ނަސްލުގެ މީހުންނާ ދެކޮޅަށް ހިންގާ ނަސްލީ ތަފާތުކުރުމުގެ ބޮޑު ކެމްޕޭނަކަށް ބަދަލުވެފައިވާ ކަމަށެވެ. އަދި ސަރުކާރުން އަޅާ ސަލާމަތީ ފިޔަވަޅުތައް ވަނީ ޤާނޫނާއި ދުސްތޫރުގެ ހުދޫދު ފަހަނައަޅާފައި، ގޮސްފައި ކަމަށާއި އެކަމުގެ އަސަރު އެމެރިކާގެ ރައްޔިތުންނަށާއި ޤާނޫނީ ގޮތުން ހިޖުރަކޮށް އެމެރިކާގައި ވަޒަންވެރިވެފައިވާ މީހުންނަށްވެސް ކޮށްފައިވާ ކަމަށެވެ.
ޓްރަމްޕްގެ އިދާރާގެ މުހާޖިރުންނާއި ކުލައިގެ މީހުންނާ އަދާވާތްތެރި ކެމްޕޭނު މިހާރު ބަދަލުވެފައިވަނީ ލެޓިން ނަސްލުގެ މީހުންނާ ދެކޮޅަށް ތަފާތުކުރުމުގެ ކެމްޕޭނަކަށެވެ. މަރުކޒީ ސަރުކާރުގެ އެޖެންޓުން ދަނީ ކަޅު ނަސްލުގެ މީހުން ހައްޔަރުކުރަމުންނެވެ. އަދި އެމީހުންގެ އަމާޒަކަށް އެމެރިކާގެ ކުލައިގެ ރައްޔިތުން ވެފައިވާ ކަމަށްވެސް ބުނެއެވެ. ޓްރަމްޕަކީ ދޮން ނަސްލުގެ މަތިވެރިކަން ގަބޫލުކުރާ އިންސާނެކެވެ.
ބައެއް ލެޓިން ނަސްލުގެ މީހުން ޢާންމު ތަންތަނުގައި ސްޕެނިޝް ބަހުން ވާހަކަ ދެއްކުމަށް މިހާރު ބިރުގަންނަ ކަމަށްވެސް ބުނެއެވެ. އަދި ބައެއް މީހުން އާދީއްތަ ދުވަހު ފައްޅިއަށް ދިއުން ހުއްޓާލާފައި ގޭގައި ތިބޭ ކަމަށާއި އެމީހުންގެ ކުދިން ސްކޫލުން ގެނަސް ދިނުމަށް ރައްޓެހިން ގާތުން އެދޭ ކަމަށްވެސް ބުނެއެވެ.
އެމެރިކާގެ ރައްޔިތުން މިއަދު ދަނީ އެމީހުންގެ މިނިވަންކަމާއި ސަލާމަތްތެރިކަން ރައްކާތެރިކޮށްދޭނެ ކަމަށް ހުވާކޮށްފައިވާ ސަރުކާރަށް ބިރުވެތިވެފައިވާ ދިރިއުޅެމުންނެވެ. އަދި އެމީހުން ބިރުގަންނަން ޖެހޭ ސަބަބުތައް ވެސް އެބަހުއްޓެވެ. ރައީސް ޓްރަމްޕްގެ ހިޖުރައާއީ ނަސްލުތަކާ ދެކޮޅު ކެމްޕޭނުގައި، ފެޑެރަލް އެޖެންޓުން ވަނީ ޢާންމު ރައްޔިތުންގެ މިނިވަންކަމަށް ވަރަށް ގިނަ ފަހަރު އަރައިގެންފައެވެ. އެމީހުންނަށް އިހާނެތިކޮށް ހިތާފައެވެ. މޫނު ނިވާކޮށްގެން ތިބޭ އޮފިޝަލުން ވަނީ ކާރުތަކުގެ ދޮރުފަތްތައް ފުނޑާލާފައި އަދި ޑްރައިވަރުން ބޭރުކޮށްފައި، އޭރު ކާރުގެ ފަހަތު ސީޓުގައި ރޯން ކުދިން ތިއްބައި މައިންބަފައިން ޖަހައިގެންފައެވެ.
ޝިކާގޯގައި މެންދަމުގެ ވަގުތެއްގައި، ބަޑި ހިފައިގެން ތިބި އެޖެންޓުން ވަނީ އެޕާޓްމަންޓް އިމާރާތަކަށް ވަދެ، ދޮރުތައް ތަޅާލާފައި، މީހުން އެމީހުންގެ ކުދިންގެ ކުރިމަތީގައި އަތުގައި ބިޑި އަޅުވައިގެން ދަމާފައި ގެންގޮސްފައެވެ. މިގޮތަށް ގެންދެވުނު މީހުންގެ ތެރޭގައި އެމެރިކާގެ ރައްޔިތުން ވެސް ހިމެނެއެވެ. "ޕްރޮޕަބްލިކާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މުޅި ޤައުމުގައި ހިޖުރަ ކުރުމާ ބެހޭ އޮފިޝަލުން ވަނީ 170 އަށް ވުރެ ގިނަ އެމެރިކާގެ ރައްޔިތުން ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން 20 މީހުން ވަނީ 24 ގަޑިއިރަށް ވުރެ ގިނައިރު ހައްޔަރުގައި ބަހައްޓާފައި، ފޯނު ކޯލެއް ކުރުމުގެ ފުރުޞަތު ވެސް އަދި ވަކީލާ ބައްދަލު ކުރުމަށްވެސް ފުރުސަތު ނުދީފައެވެ.






