އެމެރިކާއިން ވެނެޒުއެލާއަށް ބަޣާވާތެއް ގެނަސް ހިންގަން އުޅޭ ޓެރަރިސްޓް އަމަލުތައް ކުށްވެރިކޮށްފި

މިނިވަން އަމިއްލަ ވެރިކަމެއް ހިންގާ ސިޔާދަތީ ދައުލަތެއް ކަމަށްވާ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ އަވަހާރަކޮށްލުމަށް ނޫނީ އޭނާ ހައްޔަރުކުރުމަށް އެމެރިކާއިން ރާވާފައިވާ ޓެރަރިސްޓް ސިއްރު އޮޕަރޭޝަންގެ ރޭވުންތައް ބެޒާރު ވެއްޖެއެވެ. މި ރޭވުމުގެ ތެރޭގައި، އެމެރިކާގެ އިދާރާއެއްގެ އޭޖެންޓަކު ވަނީ ރައީސް މަދޫރޯގެ އަމިއްލަ ޕައިލެޓަށް ރިޝްވަތް ދީގެން އޭނާ ލައްވައި ރައިސްއާއެކު އޭނާގެ ފްލައިޓް އެހެން ތަނަކަށް ބަދަލުކުރުމަށް މަސައްކަތްކޮށްފައެވެ. މި ޓެރަރިސްޓް އަމަލުގެ މަގުސަދަކީ މަދޫރޯ ހައްޔަރުކޮށްގެން އެމެރިކާއަށް ގެންދިއުމެވެ.

މިކަމަށްޓަކައި އެމީހާއަށް އެމެރިކާ ސަރުކާރުން 50 މިލިއަން ޑޮލަރުގެ ރިޝްވަތަކާއި ބަޠަލެއްގެ ގޮތުގައި ދެކޭނެކަމަށް ވައުުދު ވިއެވެ. ނަމަވެސް، އެމެރިކާގެ މި ޓެރަރިސްޓް ރޭވުން ވަނީ ނާކާމިޔާބުވެފައެވެ. އެމެރިކާއަކީ ގަޔާ ނުވާ ސަރުކާރުތައް ބަދަލު ކުރުމުގެ ދިގު ހުުތުރު މާޒީއެއް އޮތް އަދި އެކަންކަމުގައި އންސާނީ ހައްގަށް ފަރުވާލެއް ނުބަހައްޓާ ގައުމެއްކަން ވަނީ މީގެ ކުރިންވެސް ސާބިތު ވެފައެވެ. އެމެރިކާގެ މި ޓެރަރިސްޓް ހަރަކާތުގެ ތެރޭގައި އަސްކަރީ ބާރު ބޭނުންކުރުމާއި ކެރީބިއަން ސަރަހައްދުގައި ސީ.އައި.އޭގެ އޮޕަރޭޝަންތައް ފުޅާކުރުން ހިމެނެއެވެ.

އެމެރިކާއިން ހިންގާ ގާނޫނާ ޚިލާފް ފޭރުމުގެ މިފަދަ އޮޕަރޭޝަންތައް ކުށްވެރިކޮށް އިންސާނީ ހައްގުތަކާބެހޭ އދގެ މިނިވަން މާހިރުންގެ ގްރޫޕަކުން ވަނީ އެމެރިކާ ޓްރަމްޕް ސަރުކާރަށް ފާޑުކިޔާފައެވެ. އެ މާހިރުން ބުނެފައިވަނީ ވެނެޒުއޭލާއާ ދެކޮޅަށް އެމެރިކާއިން އަޅާ ފިޔަވަޅުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ކަންކަން ކަމަށެވެ. އަދި އެއީ، ސަރަހައްދީ ހަމަޖެހުމަށް ނުރައްކާވާނެ ކަންކަން ކަމަށެވެ. އެ މާހިރުން ބުނި ގޮތުގައި ކަރަކާސްއާ ދެކޮޅަށް ސީއައިއޭއިން ސިއްރު އޮޕަރޭޝަންތަކާއި ހަނގުރާމަ ކުރާނެ ކަމުގެ ބިރު ދެއްކުމަކީ އ.ދ.ގެ ޗާޓަރާއި، ޚިލާފު އަދި ގައުމުތަކުގެ ކަންކަމުގެ ތެރެއަށް ނުވަނުމުގެ އުސޫލާ ހިލާފު ކަމެއް ކަމަށެވެ.

މި ފާޑުކިޔުންތައް އަމާޒުވެފައި މިވަނީ ކެރީބިއަން ސަރަހައްދުގައި އެމެރިކާއިން މި ފަހުން ދޭން ފަށާފައިވާ ޓެރަރިސްޓް ހަމަލަތަކުގައި މަދުވެގެން 27 މީހުން މަރުވި ކަމަށް ބުނާ ރިޕޯޓުތައް އދއަށް ލިބުމާ ގުޅިގެންނެވެ. އެމެރިކާއިން ދައްކާ ބަހަނާއަކީ މި ހަމަލާތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒު ކުރާ ހަމަލަތަކެއް ކަމަށެވެ. ނަމަވެސް މިނިވަން ފަރާތްތަކާއި ނޫސްވެރިން ދެކެނީ މިއީ ވެނެޒުއެލާ ސަރުކާރަށް ބިރު ދެއްކުމަށް އެމެރިކާއިން ހިންގާ ޓެރަރިސްޓް އަމަލުތަކެއް ކަމަށެވެ.

ގާނޫނީ މާހިރުން ވަނީ މިފަދަ ހަމަލާތަކަކީ ގާނޫނީ ހައިސިއްޔަތެއް އަދި ހުއްދައެއް ނެތި ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި މީހުން މެރުމާއި ފޭރުމުގެ އަމަލުތަކެއް ކަމަށް ސިފަކޮށްފައެވެ.

މި ހާދިސާތަކުން ދައްކުވައިދެނީ އެމެރިކާގެ ސިޔާސަތުތައް ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުވެ، ސަރަހައްދީ ހަމަޖެހުމަށް ނުރައްކާ ކުރާ މިންވަރެވެ.

ހިއްސާ ކުރައްވާ!