މިސިސިޕީ ސްޓޭޓްގެ ޔުނިވަރސިޓީ ގައި ބޭއްވި އެމެރިކާގެ ކަނާތު ފިޔައިގެ ދޮން މީހުންގެ ބާރުވެރިކަމަށް ބާރުއަޅާ 'ޓަރނިންގ ޕޮއިންޓް ޔޫ.އެސް.އޭ' ޖަމުއިއްޔާގެ ހަރަކާތެއްގައި، ދަރިވަރުން ކުރި ސުއާލުތަކަށް އެމެރިކާގެ ނާއިބް ރައިސް ޖޭޑީ ވެންސް ވަނީ ޖަވާބު ދެއްވާފައެވެ. ދަރިވަރުން ވަނީ އެމެރިކާއިން ހައްދެއްނެތި އިސްރާއީލަށް ތާއިދުކުރާތީ އެކަމާ މެދުވެސް ސުއާލުކޮށްފައެވެ. އަދި މުހާޖިރުންނަށް ޓްރަމްޕް ނުހޮރޮއްޕާން ކުރުމާއި އެމެރިކާގެ ސިޔާސީ ބައިބައިވުމާއި މީހުން ފަގީރުވުމާ ބެހޭ ގޮތުންވެސް ސުއާލުތައް ކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އެމެރިކާގެ ނައިބު ރައީސް ވިދާޅުވީ، "އިސްރާއީލުން ރައީސް ޑޮނަލްޑް ޓްރަމްޕް ކޮންޓްރޯލް ކުރާ ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރި ކަމުގައި ވިޔަސް، އިސްރާއީލުން ރައީސް ކޮންޓްރޯލް ނުކުރާ" ކަމަށެވެ. އޭނާ ވިދާޅުވީ، ޓްރަމްޕްގެ ސިޔާސަތުން އެމެރިކާއަށް ވަނީ މެދުއިރުމަތީގައި ބައެއް ކާމިޔާބީތައް ހާސިލުކުރެވިފައި ކަމަށެވެ. އެގޮތުން ޔަހޫދީ ޖެނޮސައިޑް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އޭނާ ފާހަގަ ކުރެއްވިއެވެ.
ވެންސްއަކީ ނަސްރާނީންގެ ހަރުކަށި ކަނާތު ފިޔާއިގެ މީހެކެވެ. އޭނާ ވިދާޅުވީ ޔަހޫދީންނާއި ނަސާރާއިންނާ ދެމެދު ދީނީ ތަފާތުތައް ހުރި ނަމަވެސް ވޮޝިންޓަނާއި ތެލްއަވީވްއާ ދެމެދު އޮންނަ ގުޅުމަކީ ދެފަރާތަށްވެސް މުހިންމުވާ މުގައްދަސް ތަންތަން ހިމާޔަތް ކުރުމަށް އޮންނަ ގުޅުމެއް ކަމަށެވެ.
މިސުއާލާ ގުޅިގެން، ދަރިވަރަކު ވަނީ ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ގިނަ އަދަދެއްގެ ފައިސާގެ މުގާބިލުގައި އެމެރިކާ އެމްބަސީ ހިފާފައިޥާ ފަލަސްޠީނުގެ ވެރިރަށް ޤުދުސްއަށް ބަދަލު ކުރި މައްސަލާގައި ސުއާލުކޮށްފައެވެ. އެ ކަން ކޮށްފައި ވަނީ ޓްރަމްޕްގެ ކެމްޕޭނަށް 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހަދިޔާ ކުރި ފަރާތުގެ އެދުމަށެވެ. އެ ފަރާތަކީ އިސްރާއީލާއި އެމެރިކާގެ ރަށްވެހިކަން އޮންނަ ޔަހޫދީ ބިލިއަނަރު މީރިއަމް އެޑެލްސަން އެވެ. އޭނާއަކީ ބިލިއަނަރު ޝެލްޑަން އެޑެލްސަންގެ އަންހެނުންނެވެ.
މީރިއަމް އެޑެލްސަންގެ ފަރާތުން ހަދިޔާ ގަބޫލުކުރެއްވުމާ ގުޅިގެން ކުރި ސުއާލުގައި ވެންސް ވިދާޅުވީ މަސްލަހަތު ފުށުއެރުމެއް ނެތް ކަމަށާއި، ޓްރަމްޕް އަބަދުވެސް އެމެރިކާގެ މަސްލަހަތު އިސްކުރައްވާ ކަމަށެވެ.
އެންމެ ފަހުގެ ޚިޔާލު ހޯދުންތަކުން ދައްކާ ގޮތުގައި އިސްރާއީލާ މެދު އެމެރިކާގެ އާންމުން ދެކޭ ގޮތް ވަނީ ވަރަށް ބޮޑަށް ބަދަލު ވެފައެވެ. މިދިޔަ އަހަރު އެމެރިކާގެ %42 މީހުން އިސްރާއީލާ މެދު ނޭދެވޭ ގޮތަކަށް ޚިޔާލު ފާޅުކޮށްފައިވާ އިރު، މިހާރު އެ އަދަދު ވަނީ %53 އަށް އިތުރުވެފައެވެ. މި ބަދަލު ވަނީ ޔުނިވަރސިޓީތަކުގެ ތެރެއިން ވެސް ފެންނަން ފަށާފައެވެ.





