ސަރުކާރުގެ އިސްވެރިން މޭޔަރު މަމްދާނީގެ އަގު ވައްޓާލުމަށް ކުރާ މަސައްކަތުން ފުރާނައަށް ނުރައްކާ ވާނެ ބާ؟

ޔުގަންޑާ-އިންޑިއާ ނަސްލަށް ނިސްބަތްވާ އެމެރިކާގެ އުދަރެހުން ފާޅުވި އައު ސިޔާސީ ޝަޚްސިއްޔަތެއް ކަމަށްވާ ޒަހްރާން ކްވާމޭ މަމްދާނީ، ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ ރޭހުގެ އެންމެ ކުރީގައި ހުންނެވި ކަމަށް، އިބްތިދާއީ ވޯޓު ގުނުމުގެ ނަތީޖާތަކާއި ޚިޔާލު ހޯދުމުގެ ސަރވޭތަކުން ދައްކައިފިއެވެ. އޭނާ މިހާރު ހުރި މަގުން ކުރިއަށް ގޮސްފިނަމަ، ނިއުޔޯކް ސްޓޭޓްގެ ތާރީޚުގައި އެ މަގާމާ ހަވާލުވެ ވަޑައިގަންނަވާ އެންމެ ފުރަތަމަ މުސްލިމް މޭޔަރަށް އޭނާ ވެގެންދާނެއެވެ.

ދަ ނިއުޔޯކް ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިބްތިދާއީ ވޯޓުލުން ނިމުމަށްފަހު ހަދާފައިވާ ހުރިހާ މައިގަނޑު ސަރވޭތަކުން ވެސް މަމްދާނީ ވަނީ އޭނާގެ ވާދަވެރިންނަށް ވުރެ އެތައް ގުނައެއް ކުރީގައި އުޅޭކަމަށް ދައްކާފައެވެ. އޭނާގެ ކެމްޕޭނުގައި މައިގަނޑު ގޮތެއްގައި ބާރު އަޅާފައިވާނީ، އަގު ހެޔޮ ކޮށް ބޯހިޔާވަހިކަބން ހޯދައި ދިނުމާއި، ހިލޭ އާންމުންނަށް ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށާއި، އަސާސީ ޚިދުމަތްތަކަށް ފައިސާ ހޯދުމަށް ކޯޕަރޭޓް ޓެކްސް އިތުރުކުރުމުގެ މައްޗަށެވެ.

މަމްދާނިއަކީ، އޭނާ ކުނާފާ ފަރިއްކުޅުއްވާ، އަރަބި ބަހުން ވާހަކަ ދައްކަވާ ބޭފުޅެކެވެ. އޭނާ އަރަބި ބަހުން ކެމްޕޭން ކުރައްވާ ވީޑިއޯއެއް ވެސް ވަނީ އާންމުކޮށްފައެވެ. އޭނާ ކެމްޕޭން ކުރައްވަނީ އޭނާއަކީ ރައްޔިތުންގެ ކެންޑިޑޭޓެއް ކަމުގައި ދައްކުވައިދިނުމަށެވެ. ކެމްޕޭން ފެށުނީއްސުރެ އޭނާ ވަނީ 180 އަށް ވުރެ ގިނަ މިސްކިތަށް ޒިޔާރަތްކުރައްވާފައެވެ. އޭނާގެ ދީނީ އަގީދާއަކީ އޭނާގެ ސިޔާސީ ކެމްޕޭނުގެ ފެންނަ ބައެއްގެ ގޮތުގައި ދައްކުވައިދީފައި ވެއެވެ.

ސިޔާސީ ދާއިރާއަށް ވެންނެވުމުގެ ކުރިން، މަމްދާނީ މަސައްކަތް ކުރެއްވީ ކޯޗެއްގެ ގޮތުގައެވެ. އަދި ފަލަސްތީނަށް ތާއީދުކުރާ ދަރިވަރުންގެ ޖަމިއްޔާތަކުގައި ވެސް އޭނާ ވަނީ ހަރަކާތްތެރިވެ ވަޑައިގެންފައެވެ. އޭނާގެ ޕްލެޓްފޯމްގައި 2030 ވަނަ އަހަރާ ހަމައަށް ބޯހިޔާވަހިކަމުގެ 200,000 އަގު ހެޔޮ ޔުނިޓް އަޅައި، މުސާރައިގެ އެންމެ ކުޑަ މިންވަރަކީ، ގަޑިއަކަށް 30 ޑޮލަރު ކަމަށް ކަނޑައަޅައި އެމިންވަރަށް މުސާރަ މަތިކުރުން ހިމެނެއެވެ.

މަމްދާނީއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އޭނާގެ އަރަބި އަދި މުސްލިމް ފިކުރުގެ މަސައްކަތަށް ތައުރީފުކޮށް ފައެވެ. އަދި އޭނާ އަކީ އިންސާފާއި ހަމަހަމަކަމަށް މަސައްކަތްކުރާ އެމެރިކާގެ އާ ޖީލެއްގެ ސިޔާސީ ލީޑަރެއް ކަމަށް ވެސް ސިފަކޮށްފައިވެއެވެ. ނަމަވެސް، އިސްލާމޯފޯބިކް ވިސްނުމުގެ ޓްރަމްޕާއި ޖެނޮސައިޑް ހިންގާ ގައުމަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އޭނާގެ ސިޔާސީ ވިސްނުންތަކާމެދު ސުވާލު އުފައްދާފައެވެ.

ޓްރަމްޕް ވަނީ މަމްދާނީ އަގު ވައްޓާލުމަށް ގިނަ ވާހަކަތަކެއް ދައްކާފައެވެ. އަދި އޭނާއާ ދެކޮޅަށް އެމެރިކާގެ އެންމެ މަތީ ފެންވަރުގައި ހިންގާފައިވާ އަގު ވައްޓާލުމުގެ ބަސްމަގުން އޭނާގެ ފުރާނައަށް ނުރައްކާވާ މިންވަރަށް ކަންކަން ގޮސްފައި ވެއެވެ.

މޭޔަރުކަމުގެ އިންތިޚާބު އޮތީ މިއަދުއެވެ.

ހިއްސާ ކުރައްވާ!