އެމެރިކާގެ އެކި ކަންކޮޅުތަކުގައި ބޭއްވި އިންތިޚާބީ ރޭހުގައި، އިންޑިއާ ނަސްލުގެ ތިން މުސްލިމް ޑިމޮކްރެޓިކް ސިޔާސީ ބޭފުޅުން ވަނީ ޓްރަމްޕާ ދެކޮޅަށް ނިކުންނަވައިގެން ތާރީޚީ ކާމިޔާބީތަކެއް ހޯއްދަވައިފައެވެ. މިއީ ޓްރަމްޕްގެ ދެވަނަ ދައުރުގައި އޭނާއަށް އިހުސާސް ކުރަން ޖެހޭ ފުރަތަމަ ސިޔާސީ ބަލިވުމވެ. މި ކާމިޔާބީތަކަކީ ޑިމޮކްރެޓިކް ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވެގެންދެއެވެ. އަމިއްލައަށް މަބޮޑުކަން އިހުސާސް ކުރާ ޓްރަމްޕަށް މިކަން ހަޖަމު ކުރަން ފަސޭހައަކަށް ނުވާނެއެވެ.
ނިއުޔޯކް ސިޓީގެ މޭޔަރުކަން ކާމިޔާބު ކުރެއްވީ 34 އަހަރުގެ ޒަހްރާން މަޢުމްދާނީ އެވެ. އޭނާއަކީ ސްޓޭޓް އެސެމްބްލީގެ މެންބަރެކެވެ. އަދި އަމިއްލަ އަށް ޑިމޮކްރެޓިކް ސޯޝަލިސްޓެއްގެ ގޮތުގައި ސިފަކުރައްވާ ބޭފުޅެކެވެ. މަމްދާނީ ވަނީ ޓްރަމްޕް ސަޕޯޓު ކުރެއްވި ކުރީގެ ގަވަރުނަރު އެންޑްރޫ ކުއޯމޯ ބަލިކުރައްވާފައެވެ. ކުއޯމޯ ވާދަކުރެއްވީ ޓްރަމްޕްގެ އެހީތެރިކަމާއެކު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ. މަޢުމްދާނީއަކީ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ މީރާ ނައްޔަރު އަދި ކޮލަމްބިއާ ޕްރޮފެސަރު މަހްމޫދު މަމްދާނީގެ ދަރިކަލުންނެވެ. އޭނާ މަޤާމާ ހަވާލުވެ ވަޑައިގަންނަވާނީ ޖެނުއަރީ 1 ގައެވެ.
ވާޖިނިއާގެ ފުރަތަމަ މުސްލިމް އަދި ފުރަތަމަ އިންޑިއާ ދަރިކޮޅުގެ ލެފްޓިނެންޓް ގަވަރުނަރުގެ މަޤާމު ކާމިޔާބު ކުރެއްވީ 61 އަހަރުގެ ޣަޒާލާ ހާޝިމީ އެވެ. އޭނާ ވަނީ ރިޕަބްލިކަން ބްރޯޑްކާސްޓަރު ޖޯން ރީޑް ބަލިކުރައްވާފައެވެ. ހައިދަރުއާބާދުން އުފަންވެ، ޖޯޖިއާގައި ބޮޑުވި ހާޝިމީއަކީ 2019 ވަނަ އަހަރު ރިޕަބްލިކަން ޕާޓީގެ އަތްދަށުގައި އޮތް ސެނެޓްގެ ގޮނޑިއެއް ޑިމޮކްރެޓިކް ޕާޓީއަށް ބަދަލުކުރެއްވި ސިޔާސީ ލީޑަރެވެ. ފަހުން ވާޖިނިއާގެ ސިޔާސީ މަސްރަހުގައި އޭނާ ވަނީ ފާހަގަކޮށްލެވޭ ބޭފުޅަކަށް ވެވަޑައިގެންފަވެ.
ސިންސިނާޓީގެ މޭޔަރުގެ މަޤާމަށް 43 އަހަރުގެ އަފްތާބް ޕިޔޫރެވަލް ވަނީ ދެވަނަ ދައުރަކަށް އިންތިޚާބު ވެ ވަޑައިގެންފައެވެ. އޭނާ ބަލިކުރެއްވީ ނައިބު ރައީސް ޖޭ.ޑީ. ވެންސްގެ ކޮއްކޮ ކޮރީ ބޯމަން އެވެ. ޕަންޖާބީ ބައްޕައަކާއި ޓިބެޓްގެ ރެފިއުޖީ މަންމައެއްގެ ދަރިކަލުން ޕިޔޫރެވަލް ވަނީ 2021 ވަނަ އަހަރު އެ ސިޓީގެ ފުރަތަމަ އޭޝިއާ ދަރިކޮޅުގެ އެމެރިކާ މޭޔަރުގެ ގޮތުގައި ތާރީޚުން މަގާމެއް ހޯއްދަވާފައެވެ.
ތިން ބޭފުޅުންވެސް ނިކުންނެވީ ޓްރަމްޕާ ދެކޮޅަށެވެ. އަދި ޔަހޫދީ އައިޕެކުން ތަޅާލި ފައިސާއާ ދެކޮޅަށެވެ!
ޓްރަމްޕް އިންތިޚާބުގައި ވާދައެއް ނުކުރި ނަމަވެސް، އޭނާ ވަނީ މުސްލިމުންނާ ދެކޮޅަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފައެވެ. ނިއުޔޯކްގައި، މަޢުމްދާނީ ކާމިޔާބު ކުރައްވައިފިނަމަ މަރުކަޒީ ސަރުކާރުން ފައިސާ ނުދޭނެ ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ. ސީ.އެން.އެން. ގެ ޚިޔާލު ހޯދުމަކުން ދައްކާ ގޮތުގައި ވާޖިނިއާގެ ވޯޓުލީ މީހުންގެ ދެބައިކުޅަ އެއްބައި މީހުން ބުނެފައިވަނީ އެމީހުންގެ ވޯޓަކީ ޓްރަމްޕަށް ފޮނުވި މެސެޖެއް ކަމަށެވެ.
މި ނަތީޖާއަކީ ޓްރަމްޕްގެ ޓެރިފްތަކާއި އިމިގްރޭޝަން ސިޔާސަތުތަކަށް ވޯޓުލީ މީހުންގެ ތެރެއިން ގިނަ ބަޔަކު ނުރުހުން ފާޅުކުރާކަން ދައްކުވައިދޭ ރަމްޒީ ރައްދެކެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މި ނަތީޖާއިން 2026 ވަނަ އަހަރުގެ މެދުތެރޭގެ އިންތިޚާބުތަކާއި 2028 ވަނަ އަހަރުގެ ރިޔާސީ ރޭހަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީފާނެއެވެ.
މަޢުމްދާނީ، ހާޝިމީ އަދި ޕިޔޫރެވަލްގެ ކާމިޔާބީތަކަކީ ޑިމޮކްރެޓިކް ޕާޓީގެ ކުރިއެރުމެކެވެ. ކުރީގެ ރައީސް ބަރަކް އޮބާމާ ވަނީ އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅުންނަށް މަރުޙަބާ ވިދާޅުވެ، މި ނަތީޖާއަކީ "މުހިންމު މައްސަލަތަކަށް އަޅާލާ، ކުރިއަށް އޮތް ތަނަށް ބަލާ، ވަރުގަދަ ލީޑަރުންގެ ވަށައިގެން އަހަރެމެން އެއްވާނަމަ، އަހަރެމެންނަށް ކާމިޔާބު ކުރެވޭނެކަން ހަނދާން ކޮށްދިނުމެއް" ކަމުގައި ވިދާޅުވެފައެވެ. ޑިމޮކްރެޓުންނަށް މި ކާމިޔާބީތަކަކީ ވޯޓުލާ މީހުންގެ ވިސްނުމަށް އައިސްފައިވާ ބަދަލެއް ދައްކައި ދިނުމެކެވެ. ޓްރަމްޕަށް މިކަމުން ދައްކުވައިދެނީ އޭނާގެ ނުފޫޒު ރިޔާސީ ކަންކަމާ ހަމައިގައި އޮތް ކަމަށާއި ސަރަހައްދީ ސިޔާސަތުގައި އޭނާއަށް ހުރި ގޮންޖެހުންތަކެވެ.





