ވިއެޓްނާމުން ދެކުނު ޗައިނާ ކަނޑުގައި ގިރިއެއް ހިއްކަން ފަށައިފި

ދުނިޔޭގެ އެންމެ މައްސަލަ ބޮޑު ކަނޑު ކަމަށްވާ ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ބާރުގަދަ ކުރަމުން ދިއުމާ ގުޅިގެން އެކަމަށް ގޮންޖެހުމުގެ ގޮތުން، ވިއެޓްނާމުން ވަނީ ގިރި އެއް ހިއްކަން ފަށާފައެވެ. ސަރަހައްދީ ސެކިއުރިޓީ ތަޖުރިބާކާރުންނާއި ފަހުގެ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި، ވިއެޓްނާމުން ދަނީ ސްޕްރެޓްލީ ޖަޒީރާތަކުގެ ތެރޭގައި އެ ގައުމުގެ ނުފޫޒުއޮތްކަން ދެއްކުމަށް މިހާރު ވިއެޓްނާމްގެ ބާރުގެ ދަށުގައި ހުރި ތަންތަނަށް ބާރުގަދަ ކުރަމުންނެވެ.

ދެކުނު ޗައިނާ ކަނޑަކީ، އަހަރަކު 3 ޓްރިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ވިޔަފާރި ދަތުރުކުރާ މަގެކެވެ. މި ކަނޑުގެ މައްޗަށް ބެއިޖިންއިން ބާރު ދެއްކުމާ ދެކޮޅު ހެދުމަށް ހަނޯއީން ހިފާފައިވާ ރަށްތަކުގައި ސިފައިން ބޭތއްިބުމަށް ވިއެޓްނާމުން ބޭނުން ވެއެވެ.

ޗައިނައިން ވަނީ ބައެއް ރަށްތައް ހިއްކާފައެވެ. އަދި ޗައިނާއިން ވަނީ މި ސަރަހައްދުގައި ރަންވޭއާއި ރާޑަރު ނިޒާމުތަކާއި މިސައިލް ބެޓެރީތައް ބަހައްޓައިގެން ބާރުގަދަކޮށްފައެވެ. ވިއެޓްނާމުން މިހާރު ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރޭގައި ބިން ހިއްކުމާއި ދިފާއީ އޮނިގަނޑުތައް ގާއިމުކުރުމާއި އަދި ވައިގެ ބަނދަރުތައް ފުޅާކުރުން ހިމެނެއެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި، 2024 އަދި 2025 ވަނަ އަހަރު މި މަސައްކަތުގެ ބާރުމިން ވަނީ ހަލުއި ވެފައެވެ. މިއީ އެ ގައުމުގެ ކަނޑުގެ ސަރަހައްދުގެ ދައުވާތައް ކަށަވަރުކުރުމަށްޓަކައި ވިއެޓްނާމުން އެޅި އެންމެ ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއްވެސް ވެއެވެ.

ވިއެޓްނާމުން މި ފިޔަވަޅުތައް އަޅާފައި މިވަނީ ޗައިނާއާއި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކާ ދެމެދު ހަމަނުޖެހުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ފިލިޕީންސުން ވެސް ވަނީ މަސްވެރިކަމުގެ ހައްގުތަކާއި ގިރިތަކާއި ފަރުތަކަށް ޗައިނާ އިން ވަންނަ މައްސަލައިގައި ބެއިޖިންއާ ދެކޮޅުވެރިކަން ދައްކާފަ އެވެ. އަދި އެމެރިކާއިން ވަނީ ކަނޑުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ނޭވަލް ޕެޓްރޯލްތައް އިތުރުކޮށްފައެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ކުށްވެރިކޮށް، ދެކުނު ޗައިނާ ކަނޑުގެ މުޅި ސަރަހައްދުގެ މައްޗަށް "އެއްވެސް ޝައްކެއްނެތް މިންވަރަށް ޗައިނާގެ ސިޔާދަތު" އޮތް ކަމަށް ބުނެފައެވެ. ނަމަވެސް، ވިއެޓްނާމުން ވަނީ މިކަން ގަބޫލުނުކޮށް، ބައިނަލްއަގްވާމީ ގާނޫނާއި، ޗައިނާގެ ގިނަ ދައުވާތަކެއް ބާތިލުކުރި 2016 ވަނަ އަހަރުގެ ހޭގް ޓްރައިބިއުނަލްގެ ނިންމުން ހެއްކަކަށް ދައްކާފައެވެ.

ހިއްސާ ކުރައްވާ!