އަންނަ އަހަރުން ފެށިގެން ފައިޓަރު ޖެޓް އިންޖީނު އިންޑިއާއިން އުފައްދަން ފަށާނެ

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް އިއުލާން ކުރެއްވި ގޮތުގައި، އެ ގައުމުން އަންނަ އަހަރުން ފެށިގެން އެތެރޭގައި ބޭނުންކުރުމަށް ފައިޓަރު ޖެޓްގެ އިންޖީނު އުފައްދަން ފަށާނެއެވެ. މިއީ ދުނިޔޭގެ އެއެރޯސްޕޭސްގެ ބާރަކަށް ވުމަށް އިންޑިއާއިން ކުރާ މަސައްކަތުގައި އެޅޭ މުހިންމު ފިޔަވަޅެކެވެ. ފްރާންސްގެ އޮފިޝަލުންނާ އެކު ބޭއްވި ރަސްމިއްޔާތެއްގައި މިކަން އިއުލާން ކުރެއްވުމުގެ މަގްސަދަކީ، އެމެރިކާގެ ޖެނެރަލް އިލެކްޓްރިކް (ޖީއީ) އާއި ފްރާންސްގެ ސަފްރާން ފަދަ ބޭރުގެ ކުންފުނިތަކަށް އިންޑިއާ އިން ބަރޯސާވަމުން އައި މިންވަރު ކުޑަ ކުރުމެވެ.

މި މަސައްކަތަކީ އިންޑިއާގެ "އާތުމަނިރުބާރު ބާރަތު" (އަމިއްލަ ފައިމައްޗަށް ތެދުވުން) ކެމްޕޭނުގެ ދަށުން، އެ ގައުމުގެ ދިފާއީ ދާއިރާގެ އަމިއްލަ މިނިވަންކަން ކުރާ މަސައްކަތެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ.

މި ކަން އިއުލާން ކުރުމުގެ ކުރިން އިންޑިއާގެ ހިންދުސްތާން އެއެރޯނޯޓިކްސް ލިމިޓެޑް (އެޗްއޭއެލް) އާއި ޖީއީ އާ ދެމެދު 1 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، އިންޑިއާގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ 97 ތޭޖާސް އެމްކޭ1އޭ ފައިޓަރު ޖެޓަށް ބޭނުންވާ 113 އެފް404-ޖީއީ-އިން20 އިންޖީނު ލިބޭނެއެވެ.

މިއީ އިންޑިއާގެ ވައިގެ ސިފައިންގެ ސްކޮޑްރަންތަކުގައި ހުރި އިންޖީނުގެ ދަތިކަން ހައްލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ނަމަވެސް، ދިފާއީ ވަޒިރު ރާޖުނާތު ސިންގް ވިދާޅުވި ގޮތުގައި 2026 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާއިން އަމިއްލައަށް ޖެޓް އިންޖީނު އުފެއްދުމަކީ ދިގު މުއްދަތުގެ ވިސްނުމެކެވެ. މި މަސައްކަތުގެ މައިގަނޑު މަޝްރޫއަކީ އިންޑިއާގެ ފަސްވަނަ ޖެނެރޭޝަންގެ ސްޓެލްތު ފައިޓަރު، އެޑްވާންސްޑް މީޑިއަމް ކޮމްބެޓް އެއަރކްރާފްޓް އެވެ.

އެއެރޯނޯޓިކަލް ޑިވެލޮޕްމެންޓް އެޖެންސީން ޑިޒައިންކުރާ މި މަތިންދާބޯޓުގެ ނަމޫނާއެއް ތަރައްގީކުރުމުގެ މަސައްކަތް 2026 ގައި ފަށައި، 2035 ގައި އުފެއްދުމުގެ މަސައްކަތް ފެށޭނެ ކަމަށް ލަފާކުރެވެއެވެ.

މި މަސައްކަތުގައި ބައިނަލްއަގްވާމީ ރަހުމަތްތެރިންގެ އެހީތެރިކަން ވަރަށް މުހިންމެވެ. ފްރާންސްގެ ސަފްރާން ކުންފުނިން ވަނީ އޭއެމްސީއޭ އަދި ދެ އިންޖީނުލީ މަނަވަރަށް ބޭނުންވާ ފައިޓަރުގައި އަޅާ އިންޖީން އުފެއްދުމަށް 7 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި އިންޑިއާއަށް ޓެކްނޮލޮޖީ ދިނުން ހިމެނެއެވެ. މިއީ އިންޑިއާއަށް ބާރުގަދަ އިންޖީނު ޓެކްނޮލޮޖީ ލިބޭބނެ މަގު ފަހިވާނެ ކަމެކެވެ. އޭރުން އިންޑިއާ ހިމެނޭނީ މިފަދަ އިންޖީނު ގެންގުޅޭ މަދު ގައުމުތަކުގެ ތެރޭގައެވެ.

މި މުހިންމު މަރުހަލާއަށް އައުމަށް އިންޑިއާއަށް ވަނީ ގިނަ އަހަރުތަކެއް ނަގާފައެވެ. އޭއެމްސީއޭ މަޝްރޫއު ފެށީ 2011 ވަނަ އަހަރުއެވެ. އޭގެ ޑިޒައިން ފައިނަލްކުރީ 2015 ވަނަ އަހަރު ބޭއްވި އެއެރޯ އިންޑިއާގައެވެ. އަދި އިންޑިއާގެ ވައިގެ ސިފައިންގެ ހުއްދަ 2016 ގައި ލިބުނެވެ.

 

ހިއްސާ ކުރައްވާ!