ދިއްލީގައި ގޮވުމެއް: ލާލް ކިއްލާ މެޓްރޯ ސްޓޭޝަން

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޮޑު ގޮވުމެއް ގޮވައިގެން 9 މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ތާރީޚީ ލާލް ކިއްލާ (ރެޑް ފޯޓް) މެޓްރޯ ސްޓޭޝަން ކައިރީގައެވެ. މި ގޮވުމުގެ ސަބަބުން އެ ސަރަހައްދުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ މީޑިއާއިން ރިޕޯޓުކުރާ ގޮތުގައި، ގޮވުން ހިނގާފައިވަނީ ލާލް ކިއްލާ މެޓްރޯ ސްޓޭޝަންގެ ގޭޓު ނަންބަރު އެކެއް ކައިރީގައި ހުރި ކާރެއްގައެވެ. ނަމަވެސް މި ގޮވުމަކީ ކޮންކަހަލަ ގޮވުމެއްކަން އަދި ސާފުވެފައެއް ނުވެއެވެ. ފުލުހުންނާއި ސަލާމަތީ ބާރުތަކުން ދަނީ ހާދިސާ ހިނގި ސަރަހައްދު ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި ހާދިސާގައި ލިބުނު ގެއްލުންތަކާ ގުޅޭގޮތުން ދިއްލީ ފަޔަރ ޑިޕާޓްމަންޓުން ބުނި ގޮތުގައި، ގޮވުމާ ގުޅިގެން 8 އުޅަނދެއްގައި ވަނީ އަލިފާން ރޯވެފައެވެ. އަލިފާން ރޯވި ތަންތަން ވަގުތުން ވަނީ ނިއްވާލާފައެވެ. މި ހާދިސާގެ ސަބަބުން އެ ސަރަހައްދުގެ ދަތުރުފަތުރަށް ވަނީ ބުރޫ އަރާފައެވެ.

މީޑިއާ ރިޕޯޓުތަކުން އިތުރަށް ބުނާ ގޮތުގައި، މި ހާދިސާގައި މަރުވި 9 މީހުންގެ ހަށިގަނޑު މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި މި ހާދިސާގައި އިތުރު މީހަކަށް ގެއްލުން ވެފައިވޭތޯ ބެލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ގޮވުމުގެ ފަހަތުގައިވާ ސަބަބުތައް ހޯދުމަށް ތަހުގީގުތައް ވަނީ ފަށާފައެވެ.

މުމްބާއީގައި ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށް އުޅަނދުތައް ފާސްކުރަން ފަށާފައިޥާ ކަމަށް ސަލާމަތީ ފަރާތްތަކުން ބުނެއެވެ.

އިއްޔެ އަހުމަދު އާބާދުގައި 3 މީހަކު ވަނީ ގޮވާ ތަކެއްޗާއެކު ހައްޔަރުކޮށްފައެވެ.

އިންޑިއާގެ ބިހާރު ސްޓޭޓްގައި ސްޓޭޓްގެ ގާނޫނު ހަދާމަޖިލީހަށް މެމްބަރުން ހޮވުމަށް އިންތިޚާބުވެސް ދަނީ ބާއްވަމުންނެވެ.

ހިއްސާ ކުރައްވާ!