ސްރީނަގަރުގައި ބޮމެއް ގޮވައި 9 މީހުން މަރުވެ، 30 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

ޖައްމޫ ކަޝްމީރުގެ ދެކުނު ސްރީނަގަރުގައި ހުންނަ ނައުގަމް ޕޮލިސް ސްޓޭޝަނުގައި ހުކުރު ދުވަހުގެ ރޭ ބާރުގަދަ ގޮވުމެއް ހިނގައި، މަދުވެގެން ނުވަ މީހުން މަރުވެ، 30 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ފަރީދާބާދުގެ ޓެރަރިޒަމްގެ މައްސަލައަކާ ގުޅިގެން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ ގޮވާތަކެތީގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އޮޅުމަކުން ގޮވައިގެން ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

އޮފިޝަލުން ވިދާޅުވީ ގޮވުން ހިނގީ ހިފަހައްޓާފައިވާ ގޮވާތަކެތީގެ ބޮޑު ސާމްޕަލް ނަގަމުން ދަނިކޮށެވެ. މި ގޮވުމުގެ ސަބަބުން ޕޮލިސް ސްޓޭޝަން ވަނީ މުޅިން ބިމާ ހަމަވެފައެވެ. އަދި އެތައް އުޅަނދަކަށް ގެއްލުންވެ، ކައިރީގައި ހުރި އިމާރާތްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ހާދިސާ ހިނގި ވަގުތު، އުޑުމައްޗަށް އަލިފާނުގެ ހުޅުގަނޑުތަކާއި ބޯ ދުން އަރަމުން ދިޔައެވެ.

މަރުވި ނުވަ މީހުންގެ ތެރޭގައި ސްޓޭޓް އިންވެސްޓިގޭޝަން އެޖެންސީގެ އޮފިސަރަކާއި، ފޮރެންސިކް ސައިންސް ލެބޯޓަރީގެ ތިން އޮފިޝަލުންނާއި، ކްރައިމް ވިންގުގެ ދެ އޮފިޝަލުންނާއި، ރެވެނިއު އޮފިޝަލުންގެ ދެ މީހުންގެ އިތުރުން ޓީމަށް އެހީތެރިވަމުން ދިޔަ ފޭރާން ފަހާ މީހަކު ހިމެނެއެވެ. ޒަޚަމްވި 30 އަށްވުރެ ގިނަ މީހުންގެ ތެރޭގައި 27 ފުލުހުންނާއި، ދެ ރެވެނިއު އޮފިޝަލުންނާއި، ތިން އާންމު ރައްޔިތުން ހިމެނެއެވެ.

ޖައްމޫ ކަޝްމީރުގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕޮލިސް ނަލިން ޕްރަބާތު ވިދާޅުވީ މި ހާދިސާއަކީ އޮޅުމަކުން ހިނގާފައިވާ ހާދިސާއެއް ކަމަށެވެ. އަދި ޖައިޝޭ މުޙައްމަދާ ގުޅުން ހުރި ޝެޑޯ ޖަމާޢަތެއް ކަމަށްވާ ޕީ.އޭ.އެފް.އެފް. އިން މި ހަމަލާގެ ޒިންމާ ނަގާފައިވާ ކަމަށް ބުނާ ވާހަކަ އޭނާ ވަނީ ދޮގުކުރައްވާފައެވެ. ޑީޖީޕީ ވިދާޅުވީ އެއީ “އަސާސެއް ނެތް ވާހަކަތަކެއް” ކަމަށެވެ.

ހާދިސާ ހިނގި ސަރަހައްދު ވަނީ ބަންދުކޮށް، ސްނިފަރ ޑޯގްސް ބޭނުންކޮށްފައެވެ. އިސް އޮފިޝަލުން ވަނީ ޒަޚަމްވި މީހުންނާ ބައްދަލުކުރުމަށް ހޮސްޕިޓަލްތަކަށް ޒިޔާރަތްކުރައްވާފައެވެ.

މިއީ ގާތްގަނޑަކަށް 350 ކިލޯގެ ގޮވާތަކެތި ކަމަށާއި އަދި މިތަކެތި ހޯދާފައިވަނީ ފަރީދާބާދުގެ ޑރ. މުއްޒަމިލް ޝަކީލް ޣަނާއީ ކުއްޔަށް ހިފައިގެން އުޅުނު ގެއަކުންނެވެ. މި މައްސަލައިގައި ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި އެހެނިހެން ފަރާތްތައް ހައްޔަރުކުރުމުން ވަނީ، ދިއްލީގެ ރެޑް ފޯޓް ކާރު ގޮވުމާއި އެހެނިހެން ގޮވުންތަކާ ގުޅުން ހުރި ޓެރަރިޒަމްގެ މޮޑިއުލްއެއް ފަޅާ އަރުވާލާފައެވެ. މި ހާދިސާއާ ގުޅިގެން އިތުރަށް ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ހިފަހައްޓާފައިވާ ގޮވާތަކެތި ހޭންޑަލް ކުރި ގޮތާ ބެހޭ ގޮތުން ތަހުގީގު ކުރިއަށްދާނެއެވެ.

ހިއްސާ ކުރައްވާ!