ޓައިވާނާ ގުޅޭގޮތުން ޖަޕާނުގެ ބޮޑުވަޒީރު ސަނާއީ ޓަކައިޗީ ދެއްކެވި ވާހަކަތަކާ ގުޅިގެން ޗައިނާއާއި ޖަޕާނުގެ ގުޅުން ގޯސްވެ، ޗައިނާ ރައްޔިތުން ޖަޕާނަށް ދަތުރުކުރުމުން ދުރުހެލިވުމަށް ބެއިޖިންގއިން އިރުޝާދު ދިނުމާ ގުޅިގެން ޖަޕާނުން ރަސްމީކޮށް އިޙްތިޖާޖު ކޮށްފައެވެ. ޗައިނާ މީހުން ޖަޕާނަށް ދަތުރު ނުކުރުމަށް އެޑްވައިޒަރީއެއް ނެރުނީ ޓައިވާން މައްސަލާގެ ތެރެއަށް ޗައިނާއާ ދެކޮޅަށް ޖަޕާނަށް ވަންނަން ޖެހިދާނެ ކަމަށް ޖަޕާން ބޮޑު ވަޒީރު ވިދާޅުވުމާ ގުޅިގެންނެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޓަކައިޗީގެ ވާހަކަތަކުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ ގުޅުމުގެ މާހައުލު ގޯސްވެ، ޖަޕާނުގައި ތިބި ޗައިނާގެ ރައްޔިތުންނަށް "ނުރައްކާތައް" ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކަމަށެވެ. މީގެ އިތުރުން، ޗައިނާއިން ބުނެފައި ވަނީ 2025 ވަނަ އަހަރު ޖަޕާނަކީ ސަލާމަތީ ގޮތުން ރައްކާތެރި ކަން ކުޑަވެފައިވާ ގައުމެއް ކަމަށެވެ. އަދި ޖަޕާނުގައި އުޅޭ އިރު ޗައިނާގެ ރައްޔިތުން ކުށަށް އަރައި ނުގަތުމަށްވެސް އިލްތިމާސްކޮށްފައި ވެއެވެ.
ޗައިނާއިން ޖަޕާނަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އެދި ނެރުނު އިންޒާރާ ގުޅިގެން ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ މިނޯރު ކިހާރާ ޗައިނާއަށް ގޮވާލެއްވީ ދެގައުމުން މައްސަލަތައް ހައްލު ކުރުމަށް މަޝްވަރާއަށް އިށީންނާށެވެ. އޭނާ ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި ސުލްހަވެރި ގުޅުން ދެމެހެއްޓުމަށްޓަކައި ޗައިނާއިން މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ.
ޗައިނާއިން ޓްރަވެލް އެޑްވައިޒަރީ ނެރުމާ ގުޅިގެން، ޗައިނާގެ ބޮޑެތި އެއާލައިންތަކުން ވަނީ ޗައިނާ ރައްޔިތުން ޖަޕާނަށް ކުރާ ދަތުރުތައް ކެންސަލްކުރަން ނުވަތަ ބަދަލު ކުރަން ބޭނުން ނަމަ އެކަން ހިލޭ ކޮށްދޭނެ ކަމަށް ބުނެފައެވެ.
ޖަޕާނަށް ޒިޔާރަތްކުރާ ބިދޭސީންގެ ތެރެއިން އެންމެ ގިނައީ ޗައިނާގެ ފަތުރުވެރިންނެވެ. ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރާ ދެމެދު ޖަޕާނަށް ޒިޔާރަތްކުރި 31.65 މިލިއަން ބިދޭސީންގެ ތެރެއިން ގާތްގަނޑަކަށް 7.49 މިލިއަން މީހުންނަކީ ޗައިނާގެ ރައްޔިތުންނެވެ.





