އިންޑިއާގެ އިޤްތިޞާދު އަންނަ އަހަރުގެ ކުރީކޮޅު ޖަޕާނުގެ އިޤްތިޞާދަށްވުރެ ބޮޑުވެ، 2026 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ދުނިޔޭގެ ހަތަރުވަނަ އެންމެ ބޮޑު އިޤްތިޞާދަށް ވެގެންދާނެކަމަށް ލަފާކުރެވެއެވެ. މިކަމުގެ ސަބަބުން އިންޑިއާ ވެގެންދާނީ ޖަރުމަނު، އެމެރިކާ އަދި ޗައިނާ ފަދަ ޤައުމުތަކަށްފަހު ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދުތަކުގެ ތެރޭގައެވެ.
އިންޑިއާގެ އިޤްތިޞާދު މިހާ ބޮޑުތަނުން ކުރިއަރަމުންދާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ސޮފްޓްވެއަރ އުފެއްދުމުގެ ދާއިރާ، މެނުފެކްޗަރިން އަދި ސިނާއީ ދާއިރާއަށް ކުރާ އިންވެސްޓްމަންޓްތައް ހިމެނެއެވެ.
އިޤްތިޞާދީ ކުރިއެރުންތައް ފެންނަމުން ދިޔަ ނަމަވެސް އިންޑިއާގައި ބޮޑެތި އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮންޖެހުންތަކެއް ހުރިކަމަށް މުހައްލިލުން ފާހަގަކުރެއެވެ.
އާބާދީގެ ކޮންމެ މީހަކަށް ބޮލަކަށް ޖެހޭ އާމްދަނީ އަދިވެސް ދުނިޔޭގެ އެވްރެޖަށްވުރެ ދަށްކަމަށް ދައްކައެވެ.
މިލިއަނުން މީހުން ފަޤީރުކަމުގައި ދިރިއުޅެމުންދެއެވެ. އަދި އާބާދީ އިތުރުވާ މިންވަރާ އެއްވަރަށް ވަޒީފާގެ ފުރުޞަތުތައް ފަހި ކޮށްނު ދެވޭ ކަންވެސް ފާހަގަ ކުރެއެވެ.
ތަޢުލީމާއި، ޞިއްޙަތު އަދި މިންތީގެ ހަމަހަމަކަން ފަދަ އިޖުތިމާޢީ މިންގަނޑުތައް އެހެން ޤައުމުތަކާ އަޅާބަލާއިރު އަދިވެސް އިންޑިއާގައި ބަލިކަށިކަން ފާހަގަކުރެވެއެވެ.
އިންޑިއާގެ އިޤްތިޞާދުގެ މި ކުރިއެރުމުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރީގެ މަޝްވަރާތަކާއި ޖިއޮޕޮލިޓިކަލް ފޯރަމްތަކުގައި އެ ޤައުމުގެ ދައުރު އިތުރަށް ހަރުދނާ ވާނެއެވެ.
އިންޑިއާ މިހާރު ވަނީ ޖަރުމަނު އޮތް، ތިންވަނަ މަޤާމާ ވަރަށް ކައިރީގައެވެ. ނަމަވެސް، ލޭބަރ މާކެޓާއި، ތަޢުލީމު އަދި ވެރިކަން ހިންގުމުގެ ދާއިރާއަށް ބޭނުންވާ އިޞްލާޙީ ބަދަލުތައް ނުގެނެސްފިނަމަ، އިޤްތިޞާދީ ކުރިއެރުންތަކައި ފުރުސަތުތައް ހަމަހަމަނުވެ ހިނގައިދާނެކަމުގެ އިންޒާރު ވެސް ދީފައި ވެއެވެ.
އިންޑިއާއަށް މި ލިބޭ ކާމިޔާބީއަކީ އެ ޤައުމުގެ އިޤްތިޞާދީ ހަރަކާތްތެރިކަން ދައްކުވައިދޭ ކަމެކެވެ. ނަމަވެސް އެ ޤައުމުގެ 1.4 ބިލިއަން މީހުންގެ ޙަޤީޤީ ދިރިއުޅުމާއި މި މަންޒަރާ ދެމެދު ބޮޑު ތަފާތެއް ދައްކައެވެ.






