ޖަޕާން ދެމި އޮންނާނީ ތައިވާން ސަލާމަތުން އޮތް ނަމަ!

ޖަޕާނުން ވަނީ ޓައިވާންގެ ސަލާމަތާއި އެ ޤައުމުގެ އަމިއްލަ ދެމި އޮތުމާ ގުޅުވައި، ޗައިނާއާ އެކު އުފެދިފައިވާ ސަރަހައްދީ މައްސަލަ އިތުރަށް ހޫނު ކޮށްފައެވެ. ބޮޑުވަޒީރު ސަނާއީ ޓަކައިޗީ ވިދާޅުވަނީ ވަނީ ޓައިވާނަށް އެއްވެސް ހަމަލާއެއް ދީފިނަމަ ޖަޕާނުން އަމިއްލަ ދިފާޢުގެ ޤާނޫނުތަކަށް އަމ،ަލުކުރަން ފަށާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. މިކަމާ ގުޅިގެން ޗައިނާއިން ބުނެފައި ވަނީ ޓޯކިޔޯއިން ޓައިޕޭއާ ގުޅިގެން މަސައްކަތް ކުރުމަކީ އެއް ޗައިނާގެ އުސޫލާ ހިލާފު ކަމެއް ކަމަށެވެ. އަދި ޗައިނާއިން ވަނީ ޖަޕާނުގެ ސިޔާސަތު ކުށްވެރިކޮށްފައެވެ.

ނޮވެމްބަރު 7، 2025 ގައި ޓަކައިޗީ ޖަޕާނުގެ ޤާނޫނު ހަދާ މަޖިލިސްގައި ދެއްވި ބަޔާންގައި ވިދާޅުވީ ޗައިނާއިން ޓައިވާނަށް ހަމަލާއެއް ދިނުމަކީ ނުވަތަ ހިސާރަ ކުރުމަކީ ޖަޕާނު ވުޖޫދުގައި އޮތުމާ ގުޅޭ މައސަލައެއް ކަމަށެވެ. ޖަޕާނުގެ 2015 ވަނަ އަހަރުގެ ސަލާމަތީ ޤާނޫނުގެ ދަށުން، ޖަޕާނަށް ސީދާ ހަމަލާއެއް ނުދިން ނަމަވެސް، މިފަދަ ހާލަތެއްގައި އަމިއްލަ ދިފާޢުގައި ޖަޕާނަށް ޢަމަލުކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ. މިއީ ޓައިވާނުގެ ދިފާޢުގައި ޖަޕާނުން އަސްކަރީ ގޮތުން ބައިވެރިވެދާނެ ކަމުގެ ފާޅުކަން ބޮޑު އިޝާރާތެކެވެ.

ޖަޕާނުގެ މި ވާހަކަތަކާ މެދު ޗައިނާއިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އޮސާކާގައި ހުންނަ ޗައިނާގެ ކޮންސުލް ޖެނެރަލް ޒޫ ޖިއާން، ސޯޝަލް މީޑިއާގައި އިންޒާރުގެ ބަސްތަކެއް ޝާއިޢުކުރެއްވިއެވެ. އަދި ފަހުން އޭނާ އެވާހަކަތައް ޑިލީޓް ކުރެއްވިއެވެ. އޭގެ ފަހުން އޭނާ ވަނީ ޖަޕާނުގެ ސިޔާސީ ބޭފުޅުން "މަރުވާން" ބޭނުންފުޅު ވަނީ ކަމަށް ތުހުމަތުކުރައްވައި އިތުރު ބަޔާނެއް ވެސް ނެރުއްވާފައެވެ. މިކަމުގެ ސަބަބުން ދެ ޤައުމުގެ ޑިޕްލޮމެޓިކް ގުޅުން ވަނީ އިތުރަށް ހީނަރުވެފައެވެ.

ޗައިނާ ޖަޕާން މައްސަލަ ގޯސްވެގެން ދިޔައީ އޮކްޓޯބަރު 31، 2025 ގައި ސޯލްގައި ބޭއްވި އޭޕެކް ސަމިޓްގެ ތެރޭގައި ޓައިވާނުގެ މަންދޫބު ލިން ހްސިން-އައި އާއި ޖަޕާނުގެ މަސްއޫލުވެރިން ބޭއްވި މަތީ ފެންވަރުގެ ބައްދަލުވުމަކާ ގުޅިގެންނެވެ. ޗައިނާއިން ތުހުމަތުކުރީ ޓޯކިޔޯއިން ޓައިވާންގެ ރިޔާސީ އޮފީހުގެ އިސް މުޝީރު ލިން ބަލައިގަތުމަކީ އެއް ޗައިނާގެ އުސޫލާ ހިލާފުވުމެއް ކަމަށެވެ. ޓަކައިޗީ ވަނީ ޓައިވާނަކީ ޖަޕާނަށް "ވަރަށް މުހިންމު ބައިވެރިއެއް ކަމަށާއި އަދި އެއީ އިގްތިސާދީ ގާތް ގުޅުމެއް ބާއްވާ ރަހުމަތްތެރިއެއް" ކަމަށް ސިފަކުރައްވާފައެވެ، އަދި އޭނާ ވަނީ ދެ ފަރާތް ދެމެދު އިގްތިސާދީ ކަންކަމާއި ކާރިސާތަކަށް ތައްޔާރުވުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ބާރުއަޅުއްވާފައެވެ.

ޖަޕާނުގެ މި ބަދަލުތައް އަންނަނީ އެ ޤައުމުގެ ސްޓްރެޓެޖިކް ސިޔާސަތަށް ބޮޑު ބަދަލެއް އައިސްފައިވާ ދަނޑިވަޅެއްގައެވެ. ޖަޕާނުގެ 2022 ވަނަ އަހަރުގެ ނޭޝަނަލް ސެކިއުރިޓީ ސްޓްރެޓެޖީގައި ބުނެފައި ވަނީ ޗައިނާއަކީ ޖަޕާންގެ "އެންމެ ބޮޑު ސްޓްރެޓެޖިކް ޗެލެންޖް" ކަމުގައި ސިފަ ކޮށްފައެވެ. އޭގެ ފަހުން ޓޯކިޔޯއިން ވަނީ ދިފާޢީ ޚަރަދުތައް އިތުރުކޮށްފައެވެ. އަދި، އެމެރިކާ، ފިލިޕީންސް އަދި ކުއަޑްގައި ހިމެނޭ (އެމެރިކާ، ޖަޕާން، އިންޑިއާ، އޮސްޓްރޭލިއާ) ގެ ބައިވެރިންނާ އެކު ގުޅުން ވަރުގަދަ ކޮށްފައެވެ.

މި ހާދިސާގެ ސަބަބުން ދާދި ފަހުން ޝީ ޖިންޕިންއާ ޓަކައިޗީ ބައްދަލުވުމަށް ފަހު އުފެދުނު ސިޔާސީ ހިތްހެޔޮ ކަމުގެ މާހަލު މިހާރު ގެއްލި ފައިވާކަން ފާހަގަކުރެވެއެވެ. ޖަޕާނުން ޓައިވާނުގެ ސަލާމަތާ ގުޅުވައިގެން މިފަދަ ފާޅުކަން ބޮޑު ބަޔާނެއް ނެރުމަކީ، ޗައިނާގެ ފުޅާވަމުން އަންނަ އަސްކަރީ ހަރަކާތްތަކާ ދެކޮޅަށް ޖަޕާނަކީ ސަރަހައްދީ ގޮތުން މުހިންމު ފްރަންޓްލައިން ސްޓޭޓެއްގެ ދައުރު އަދާކުރަން ފަށާފައިވާކަން ހާމަކޮށްދޭ ކަމެކެވެ.

ހިއްސާ ކުރައްވާ!