އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވަނީ އިންޑިއާއަކީ ހަމައެކަނި ތަރައްގީ ވަމުން އަންނަ މާކެޓެއް ނޫން ކަމަށާއި، އިންޑިއާއަކީ، ދުނިޔެއަށް ނަމޫނާ ދައްކަމުން ކުރިއަރަމުން އަންނަ މޮޑެލެއް ކަމަށެވެ. މޯދީ މިކަން ފާހަގަކުރެއްވީ، ދުނިޔޭގެ އެންމެ ދަތި ހާލަތްތަކުގައި ވެސް އިންޑިއާއިން ދައްކާ އިގްތިސާދީ ހަރުދަނާކަމާއި، ތަރައްގީއަށް އަމާޒުކުރެވިފައިވާ ވެރިކަން ހިންގުމުގެ ނިޒާމުގެ މައްޗަށް އަލިއަޅުވާލައްވަމުންނެވެ.
މޯދީ މި ވާހަކަފުޅު ދެއްކެވީ ނޮވެމްބަރު 17 ގައި ނިއުދިއްލީގައި ބޭއްވި ހަވަނަ ރާމްނާތު ގޯއެންކާ ލެކްޗަރުގައެވެ. މޯދީގެ ތަގްރީރުގެ މައިގަނޑު މެސެޖަކީ އިންޑިއާއިން ދަނީ އުޖާލާ އަދި އުންމީދީ މުސްތަގުބަލަކަށް މަގު ކޮށަމުން ކަމެވެ. އަދި އިންޑިއާއަކީ ބިނާ ކުރަނިވި ގޮތަކަށް ކުރިއަށް ދިއުމަށް ފެންބޮވައިގެންފައިވާ ގައުމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
އިގްތިސާދީ ގޮތުން ބަލާއިރު، 2022 ގައި ޔޫރަޕަށް ދިމާވި މައްސަލަތަކާއި، 2023 ގައި ހުޅަނގު އޭޝިއާގެ އިގްތިސާދީ ދަތި ހާލަތްތައް ކުރިމަތިވި ނަމަވެސް، އިންޑިއާއިން ވަނީ ސާބިތު ކަމާއެކު ކުރިއެރުމެއް ހޯދާފައެވެ. މިހާރު ވެސް އިންޑިއާގެ އިގްތިސާދީ ކުރިއެރުމުގެ ނިސްބަތް އުޅެނީ 7 އިންސއްތައިގައިކަން މޮދީ ފާހަގަ ކުރެއްވިއެވެ. މިއީ ދުނިޔޭގެ އިގްތިސާދީ ނުތަނަވަސްކަމުގެ ތެރޭގައި ވެސް އިންޑިއާގެ އިގްތިސާދީ ބިންގަލުގެ ހަރުދަނާކަން ދައްކުވައިދޭ ކަމެއް ކަމުގައި ވިދާޅުވިއެވެ. ސިޔާސީ ގޮތުން، ބަލާއިރު ބިހާރުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕާޓީގެ އިއްތިޙާދަށް ލިބުނު ބޮޑު ކާމިޔާބީއަކީ ތަރައްގީގެ ސިޔާސަތަށް ލިބުނު ވޯޓެއް ކަމުގައި މޯދީ ސިފަކުރެއްވިއެވެ. އަދި ބީޖޭޕީ އަބަދުވެސް އޮންނަނީ އިންތިޚާބަށް ފައްކާވެފައިވާ ހާލަތެއްގައި ކަމަށް ބުނާ ބުނުން ދޮގުކުރައްވަމުން، މޮދީ ވިދާޅުވީ ބީޖޭޕީ އޮންނާނީ ރައްޔިތުންގެ އުންމީދުތަކަށް ފައްކާވެފަައިވާ ހާލަތެއްގައި ކަމަށް ވިދާޅުވިއެވެ.
ހަމަހަމަ ކަމާއި ރައްޔިތތުންގެ އުންމީދުތައް ހާސިލުކޮށްދޭ ވެރިކަމެއް ހިންގުމަށް މޯދީ ވަނީ ސްޓޭޓް ސަރުކާރުތަކަށް ގޮވާލައްވާފައެވެ. އެގޮތުން، ތަރައްގީއަށް ސަމާލުކަން ދިނުމަށާއި، ވިޔަފާރި މުއާމަލާތްތަކަށް ފަސޭހަކޮށް ދިނުމާއި ކަންކަމުގައި ދުޅަހެޔޮ ވާދަ ވެރިކަމެއް އަށަގެންނެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ސްޓޭޓްތަކުން އިންވެސްޓްމަންޓްގެ ފުރުސަތުތައް ހޯދުމަށާއި، ވެރިކަން ހިންގުމުގެ މިންގަނޑުތައް ރަނގަޅުކުރުމަށް ވާދަވެރި ކަންކަން އިންތިޒާމުކުރުމަށް ބާރުއެޅުއްވިއެވެ.
މޯދީގެ މި ވާހަކަފުޅުގައި ގޮވާލެއްވީ އިންޑިއާއަކީ ހަމައެކަނި އަވަހަށް ކުރިއަރާ އިގްތިސާދެއްގެ ގޮތުގައި ނުބަލައި، ހަރުދަނާކަމާއި ވެރިކަން ހިންގުމުގެ ނަމޫނާއެއްގެ ގޮތުގައި ދުނިޔެއަށް ދައްކުވައިދިނުމަށް މަސައްކަތް ކުރުމަށެވެ.







