ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ދިއްލީގެ ރެޑްފޯޓުގައި ބޮން ގޮއްވި މައްސަލާގައި އިތުރު 4 މީހުން ހައްޔަރުކުރުމާއެކު މިހާތަނަށް ހައްޔަރު ކުރި މީހުންގެ، ޖުމްލަ 6 އަށް އަރައިފިއެވެ. މި ހަމަލާ ދީފައި ވަނީ ހަޔުންޑާއި އައި20 މަރުކާގެ ކާރެއްގައި ހުރި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސްގެ ގޮވާތަކެތި ގޮއްވާލުމުންނެވެ. މި ހަމަލާގައި 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވި އެވެ.
މިއަދު ހާދިސާގެ ތަހުގީގަށް، ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ) އިން އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. މިމީހުން ހައްޔަރު ކުރުމާއެކު މި މައްސަލައިގައި މިހާތަނަށް ހައްޔަރުކުރެވުނު މީހުންގެ ޖުމްލަ އަދަދު ވަނީ 6 ކަށް އަރާފައެވެ.
އެންމެ ފަހުން ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ޖައްމޫ ކަޝްމީރުގެ ޕުލްވާމާގެ ޑރ. މުޒައްމިލް ޝަކީލް ގަނާއީއާއި، ޖައްމޫ ކަޝްމީރުގެ އަނަންތުނާގުގެ، ޑރ. އަދީލް އަހުމަދު ރާތާރުއާއި، އުއްތަރު ޕްރަދޭޝްގެ ލަކްނޯގެ ޑރ. ޝާހީން ސައީދުއާއި އަދި ޖައްމޫ ކަޝްމީރުގެ ޝޮޕިޔާންގެ މުފްތީ އިރުފާން އަހުމަދު ވަގާއީ ހިމެނެއެވެ. މި ހަތަރު މީހުންނަކީވެސް ހުނަރުވެރި ތައުލީމީ ފަންނުވެރިންނެވެ.
މި ހަތަރު މީހުން، ޕައްޓިޔާލާ ހައުސް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ ބަންދަށް ވަނީ ފޮނުވާފައެވެ.
މި ހަމަލާއާ ގުޅިގެން ކުރިން ހައްޔަރުކުރެވުނު މީހުންނަކީ، ގޮއްވާލި ކާރުގެ ވެރިފަރާތް ކަމަށްވާ އަމީރު ރަޝީދު އަލީ އާއި މި އޮޕަރޭޝަނަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިން ކަމަށް ތުހުމަތުކުރެވޭ ދާނިޝްގެ ނަމުން މަޝްހޫރު ޖާސިރު ބިލާލް ވާނީ އެވެ.
އެންއައިއޭ. ގެ ތަހުގީގުތަކުން މިހާތަނަށް ހާމަވެފައިވާ ގޮތުގައި، މި މީހުން ފުރަތަމަ ރާވާފައިވަނީ ދިއްލީގެ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ބަލަހައްޓާ ސަރަހައްދުތަކަށް ރޮކެޓް ބޮމާއި ޑްރޯން ބޭނުންކޮށްގެން ގޮވާތަކެތީގެ ހަމަލާތަކެއް ދިނުމަށެވެ. ތަހުގީގު ކުރާ ފަރާތްތަކުން ވަނީ މިމީހުންގެ ހަމަލަ ދިނުމުގެ ވައްޓަފާޅިއާއި ހާމާސްއާ ގުޅުވަން މަސައްކަތް ކޮށްފައެވެ. މިއިރު ހަމާސްއަކީ ހޭބޯ ނާރާ ޒަޔަނިސްޓު ޖެނޮސައިޑާ ކުރިމަލަމުންދާ ފަލަސްޠީނުގެ މިނިވަންކަމަށް ހަނގުރާމަ ކުރާ ޖަމާއަތެކެވެ.
މި ގޮއްވާލުން ހިނގާފައި ވަނީ އިންޑިއާގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި ފަރީދާބާދުގައި ހުންނަ އަލްފަލާހު ޔުނިވަރސިޓީން ގިނަ އަދަދެއްގެ ގޮވާތަކެތި ފުލުހުން ހޯދި ފަހުން ހިނގާފައިވާ ގޮއްވާލުމެކެވެ. މަސްއޫލުވެރިން މި ރޭވުން ސިފަކުރަނީ "ވަރަށް މޮޅަށް ރޭވިފައިވާ ޓެރަރިސްޓް ހަމަލާއެއްގެ ރޭވުމެއް" ގެ ގޮތުގައެވެ.
މި ގްރޫޕުގައި މުސްލިމު ތައުލީމީ ފަންނުވެރިންވެސް ހިމެނޭކަން ފާހަގަކޮށް، މަސްއޫލުވެރިން ވަނީ މި ކުށްވެރިންނަކީ "ވައިޓް ކޮލާ ޓެރަރިސްޓުން" ކަމަށް ސިފަކުރެއެވެ.







