ދުބާއީ އެއަރ ޝޯ 2025 ގައި އިންޑިއާގެ އަމިއްލަ ދިފާއީ އުފެއްދުންތައް ދައްކާލުމުގައި ކާމިޔާބީ ހާސިލު ވެފައިވާ ކަމުަގއި އިންޑިއާއިން ބުނެއެވެ. "މޭކް އިން އިންޑިއާ" ޓެކްނޮލޮޖީތައް ބައިނަލްއަގުވާމީ ބާޒާރަށް ތައާރަފް ކުރުމަށް އިންޑިއާގެ ހިންދުސްތާން އެއަރޮނޯޓިކްސް ލިމިޓެޑްއާއި ޑިފެންސް ރިސަރޗް އެންޑް ޑިވެލޮޕްމެންޓް އޯގަނައިޒޭޝަން އާއި އިންޑިއާގެ ބޮޑެތި އަމިއްލަ ކުންފުނިތަކުން ވަނީ ދުބާއީ އެއަރ ޝޯ 2025 ގައި ބައިވެރިވެފައެވެ.
އިންޑިއާިއން މި ޝޯގައި ދައްކާލި އެންމެ ކާއްސަ އުފެއްދުމަކީ އިންޑިއާއިން އަމިއްލައަށް އުފައްދާފައިވާ ހަނގުރާމަ މަތީ މަތިންދާބޯޓު ތޭޖާސް ފައިޓާ ޖެޓެވެ. އަދި އޭގެ އިތުރުން ޖަރުމަންވިލާތާއި އިންޑިއާ ގުޅިގެން އުފައްދާފައިވާ ހެލިކޮޕްޓަރުތަކުގެ ރައްކާތެރިކަމުގެ އެޑްވާންސްޑް ސިސްޓަމްތައް ދައްކާލުން ހިމެނެއެވެ.
ކޮންމެ ދެ އަހަރަކުން އެއްފަހަރު ބާއްވާ ދުބާއީ އެއަރ ޝޯއަކީ ދުނިޔޭގެ އެންމެ ބޮޑެތި އޭވިއޭޝަން ގެ ދާއިރާގެ ކުންފުނިތަކާއި ދިފާޢީ ދާއިރާގެ ކުންފުނިތަކުން ބައިވެރިވާ ޝޯއެކެވެ. މި ޝޯއަށް 148,000 އަށް ވުރެ ގިނަ އިންޑަސްޓްރީ ޕްރޮފެޝަނަލުން ޒިޔާރަތްކޮށްފައި ވެއެވެ. އަދި 200 އަށް ވުރެ ގިނަ ބާވަތުގެ މަތިންދާބޯޓު ވަނީ ދުއްވައިގެންނާއި ބާއްވައިގެން ދައްކާލާފައެވެ.
ދުބާއީ އެއަރ ޝޯ 2025 ގައި 1,500 އަށް ވުރެ ގިނަ ކުންފުނިން ބައިވެރިވެފައިވާއިރު، އިންޑިއާއިން މި ޝޯގައި ބައިވެރިވުމަކީ އެ ގައުމުގެ ދިފާޢީ އަދި އެއަރ ސްޕޭސް ދާއިރާގެ ކުރިއެރުންތަކާއި، ދުނިޔޭގެ ބާޒާރުގައި ވާދަކުރުމުގެ ކުޅަދާނަކަން ހާމަކޮށްދިން ކަމެއް ކަމަށް އިންޑިއާިއން ދެކެއެވެ. އިންޑިއާިއން 40 ކުންފުންޏާއި 15 ސްޓާޓްއަޕް ބައިވެރިވެފައި ވެއެވެ.







