ޑޮލަރުގެ ބާރު ކެނޑެނީ

ދުނިޔޭގެ ރިޒާވް ކަރަންސީގެ ގޮތުގައި އެމެރިކާ ޑޮލަރަށް ލިބިފައިވާ ބާރުގަދަކަން ވަނީ ފަހަކަށް އައިސް ފަނޑުވާން ފަށާފައެވެ.   އޭޝިއާ، މެދުއިރުމަތި އަދި ދުނިޔޭގެ ދެކުނުގެ ގައުމުތަކުން ގެންދަނީ އެ ގައުމުތަކުގެ އިގްތިސާދަށް ޑޮލަރުގެ ނުފޫޒު ހުރި މިންވަރު އަލުން މުރާޖާ ކުރަމުންނެވެ.

ގާތްގަނޑަކަށް 80 އަހަރު ވަންދެން ޑޮލަރަކީ ދުނިޔޭގެ ވިޔަފާރި މުއާމަލާތްތަކުގައި ބޭނުންކޮށްފައިވާ މައިގަނޑު ފައިސާއެވެ. މިކަމުން އެމެރިކާއަށް ދުނިޔޭގެ ކަންކަމުގައި ބޮޑު ނުފޫޒެއް ފޯރުވުމަށް ފުރުސަތު ލިބުނެވެ. ނަމަވެސް، ޖިއޮޕޮލިޓިކަލް ނުތަނަވަސްކަމާއި، އެމެރިކާގެ ދަރަނި އިތުރުވުމާއި، ވިޔަފާރީގެ ސިޔާސަތުތަކުގެ ހަމަނުޖެހުންތަކާއި، އަދި ދަތިކުރުމުގެ ފިޔަވަޅުތަކާއި ސިޔާސީ ހަތިޔާރެއްގެ ގޮތުގައި އެމެރިކާއިން ޑޮލަރު ބޭނުންކުރުމުގެ ސަބަބުން ޑޮލަރަށް އޮތް އިތުބާރު ވަނީ ކުޑަވާން ފަށާފައެވެ. ޔޫކްރެއިން ހަނގުރާމައަށް ފަހު ރަޝިއާގެ 300 ބިލިއަން ޑޮލަރުގެ ރިޒާވް ފައިސާ އެމެރިކާއިން ހިފެހެއްޓުމަކީ މިކަމަށް ބަދަލެއް ގެނަސްދިން މައިގަނޑު ހާދިސާއެވެ. މިއީ ޑޮލަރުގެ އެސެޓްތައް އެމެރިކާއިން ބޭނުން ކޮންމެ ހިނދެއްގައި ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކޮށްފާނެ ކަމުގެ ސިގްނަލެކެވެ.

ޗައިނާ އާއި ގަލްފުގެ ގައުމުތަކުން ވެސް ދަނީ އެމީހުންގެ މާލީ ސިޔާސަތުތައް އަލުން ބައްޓަން ކުރަމުންނެވެ. ޗައިނާއިން ވަނީ 2014 ވަނަ އަހަރު 4 ޓްރިލިއަން ޑޮލަރުގައި ހުރި އެ ގައުމުގެ ރިޒާވް، މިހާރު 3.3 ޓްރިލިއަން ޑޮލަރަށް މަދުކޮށްފައެވެ. އަދި، 2010 ވަނަ އަހަރު ޔުއާން އިން ކުރާ ވިޔަފާރީގެ ނިސްބަތް 2 އިންސައްތައިގައި ހުރި ނަމަވެސް، މިހާރު ޗައިނާ ޔުއާން އިން ކުރާ މުއާމަލާތްތައް ވަނީ 25 އިންސައްތައަށް އިތުރުކޮށްފައެވެ. މީގެ ކުރިން އެމެރިކާގެ ޓްރެޝަރީ ގެ ބޮންޑް ގަނެގެން ފައިސާ ރައްކާ ކުރި އެމެރިކާގެ އިތުބާރު ހިފޭ ބައިވެރިން ކަމަށްވާ ގަލްފުގެ ރަސްރަސްކަލުން ވަނީ އެފައިސާ އެމެރިކާގައި ބޮންޑް ގަތުމަށް ހޭދަ ކުރުމުގެ ބަދަލުގައި އެމީހުންގެ ގައުމުތަކުގައި ބޮޑެތި މެގާ މަޝްރޫއުތަކަށް އިންވެސްޓް ކުރަން ފަށާފައެވެ. އަދި ދުނިޔޭގެ މާކެޓުގައި ހިއްސާ ގަތުމާއި އިންވެސްޓް ކުރުމަށް ހޭދަކޮށް އިންފްރާސްޓްރަކްޗަރަށް ބޭނުން ކުރަން ފަށާފައެވެ. ބައެއް ގައުމުތައް ވަނީ ފައިސާ ކުރިން ބޭރު ކުރާ ފަރާތްތަކުގެ ބަދަލުގައި މިހާރު އެ ފައިސާ ނަގައި ބޭނުން ކުރާ ފަރާތަކަށް ބަދަލުވެފައެވެ.

ކުރިން 2000ގެ އަހަރުތަކުގައި ދުނިޔޭގެ ރިޒާވް ފައިސާގެ 70 އިންސައްތައަކީ ޑޮލަރެވެ. މިހާރު އެ ނިސްބަތް ވަނީ 60 އިންސައްތައަށް މަދުވެފައެވެ. ގައުމުތަކުގެ ރިޒާވް މެނޭޖު ކުރާ ފަރާތްތަކުން ދަނީ އެމީހުންގެ ފައިސާގެ މަސްދަރުތައް ތަފާތު ކުރަމުންނެވެ. ތަޖުރިބާކާރުން ބުނަމުން ދަނީ، ރަޝިއާއިން އަމަލު ކުރި ފަދައިން ޗައިނާއިން ވެސް އެމެރިކާ ފައިސާއާ ދުރަށް ޖެހުމައި ވަކިވެގަތުމުގެ މަސައްކަތް ހަލުވިކޮށްފިނަމަ، އެމެރިކާގެ އިގްތިސާދީ ބާރަށް އެކަމުން ބޮޑު އަސަރެއް ކުރާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!