އޭޝިއާގެ ބާރުގަަދަ ގައުމުތައް ގިންތި ކުރާ، އޭޝިއާ ޕަވަރ އިންޑެކްސް 2025 ގައި އިންޑިއާ ވަނީ 3ވަނަ ހޯދައިފައެވެ. އަދި، އެމެރިކާ އާއި ޗައިނާގެ ފަހަތުން އިންޑިއާ އަކީ މިހާރު ބޮޑު ބާރެކެވެ. މިކަމުގެ ސަބަބުން އޭޝިއާ ސަރަހައްދުގެ ޖިއޮޕޮލިޓިކްސްގައި އިންޑިއާގެ ނުފޫޒު އިތުރުވެފައިވާކަން ހާމަވެގެން ދެއެވެ.
ލޯވީ އިންސްޓިޓިއުޓުން ނެރެފައިވާ މި އޭޝިއާ ޕަވަރ އިންޑެކްސް 2025 ރިޕޯޓުގައި، އެމެރިކާ ވަނީ 81.7 ޕޮއިންޓާއެކު އެއްވަނަ ހޯދާފައެވެ. ޗައިނާ ވަނީ 73.7 ޕޮއިންޓާއެކު ދެވަނައިގަ އެވެ. އަދި، އިންޑިއާ ވަނީ 40 ޕޮއިންޓާއެކު ތިންވަނަ ހޯދާފައެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު އިންޑިއާއަށް 2 އިންސައްތައިގެ ކުރިއެރުމެކެވެ. މިއީ، ލޯވީ އިންސްޓިޓިއުޓުން ކަނޑައަޅާފައިވާ "މޭޖަރ ޕަވަރު"ގެ ދަރަޖަ އިންދިއާއިން ހޯދި ފުރަތަމަ ފަހަރެވެ.
އިންޑިއާގެ މި ކުރިއެރުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކޮވިޑް-19 ގެ ފަހުން އިޤްތިޞާދަށް ލިބުނު ބޮޑު ކުރިއެރުން ފާހަގަ ކުރެވެއެވެ. އަދި ކޮންސިއުމަރ ޚަރަދުތައް ބޮޑުވުމާއި، މެނުފެކްޗަރިން ދާއިރާ ފުޅާވުން ވެސް ހިމެނެއެވެ. އިޤްތިޞާދީ ގޮތުން ކުރިއަރަމުންދާ މި ޙާލަތުގެ ސަބަބުން، ބައިނަލްއަޤްވާމީ ގުޅުންތަކާއި، ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އިންޑިއާގެ ޖިއޮޕޮލިޓިކަލް ނުފޫޒު ވަނީ ފުޅާކުރެވިފައެވެ. އަދި އިންޑިއާގެ އަސްކަރީ ބާރުވެސް ދަނީ ކުރިއަށް ވުރެން ބޮޑަށް ފުޅާވަމުންނެވެ. ދިފާޢީ ނެޓްވޯކްތަކާއި ގުޅުންތައް ފުޅާކުރުމުގެ ސަބަބުން ސަރަހައްދީ ގޮތުން އިންޑިއާގެ މަގާމު ވަނީ މަތިވެފައެވެ.
ލޯވީ އިންސްޓިއުޓްގެ މި ރިޕޯޓުން ދައްކާ ގޮތުގައި، ޗައިނާ އާއި ނޯތު ކޮރެއާއާ އެކު ދިފާޢީ އަދި އިޤްތިޞާދީ ގުޅުންތައް ބަދަހިކުރުމުގެ ސަބަބުން ރަޝިޔާގެ ބާރު 2019 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވަނީ ރަނގަޅު ވެފައެވެ. ޖަޕާނުގެ ބާރު ހަމަހަމައަށް ހުރި ނަމަވެސް ބައެއް މިންގަނޑުތަކުން ނޭދެވޭ ނަތީޖާއެއް ވަނީ ފެނިފައެވެ. ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ވަށާ ޖެހޭ ބާރަށް ކުދިކުދި ކުރިއެރުންތަކެއް ވަނީ ލިބިފައެވެ.
އެމެރިކާ އަދި ޗައިނާގެ ވާދަވެރިކަމަށް ބަލާއިރު، ޗައިނާ ވަނީ އެމެރިކާއާ ދެމެދު ހުރި ފަރަގު ކުޑަ ކޮށްލާފައެވެ. ނަމަވެސް ވޮޝިންޓަން ވަނީ އަދިވެސް އޭޝިއާގެ އެންމެ ބާރުގަދަ ޤައުމުގެ މަގާމު ދަމަހައްޓާފައެވެ. އޮސްޓްރޭލިއާއަށް އޭޝިއާ ސަރަހައްދުގައި ބާރު ދެމެހެއްޓުމަށް ދިގު މުއްދަތުގެ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ރިޕޯޓުން ފާހަގަކުރެއެވެ.
އިންޑިއާ ތިންވަނަ ބާރަކަށް ކުރިއެރުމަކީ އޭޝިއާގެ ޖިއޮޕޮލިޓިކްސްގެ އާ މަރުހަލާއެއްގެ ފެށުމުގެ ނިޝާނެއް ކަމަށް ބެލެވެއެވެ. މިހާރު އިންޑިއާއަކީ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ނަތީޖާތަކަށް ބަދަލު ގެނައުމުގެ ގާބިލުކަން ހުރި ބޮޑު ބާރެއްގެ ގޮތުގައި ބަލައިގަނެވިފައިވާ ޤައުމެކެވެ. އިޤްތިޞާދީ ބާރާއި، ޒަމަނީ އަސްކަރީ ބާރުވެރިކަމާއި އަދި ޑިޕްލޮމެޓިކް ގުޅުންތައް އެއްކޮށްލުމުގެ ސަބަބުން، ޗައިނާގެ އިތުރުވަމުންދާ ނުފޫޒަށް ކުރިމަތި ލުމުގެ ބާރު އިންޑިއާއަށް ލިބިފައިވެއެވެ.
ދެކުނު އޭޝިއާއަށް ބަލާއިރު، މި ރޭންކިންގެ ސަބަބުން ސަރަހައްދީ ގޮތުން އިންޑިއާގެ ނުފޫޒު ފާހަގަވެ، ހުޅަނގުގެ ބާރުތަކާއި އޭޝިއާގެ އިޤްތިޞާދުތަކާ ދެމެދު ގުޅުވައިދޭ ފާލަމެއްގެ ދައުރު އަދާކުރުމުގެ ގާބިލުކަން އިންޑިއާއަށް ލިބިފައިވާ ކަމަށް ދައްކައެވެ.







