އެމެރިކާގެ ރަށްވެހިކަމުގެ ގަވާއިދަށް ބޮޑު ބަދަލެއް ގެނައުމަށް ބިލެއް ހުށަހަޅައިފި

އެމެރިކާގެ ކޮންގްރެސްއަށް ހުށަހަޅާފައިވާ އާ ބިލެއްގެ ސަބަބުން އެޤައުމުގެ ރައްޔިތުކަމުގެ ޤަވާޢިދުތަކަށް ބޮޑު ބަދަލެއް އަންނާނެއެވެ. މި ބިލުގެ މަޤްސަދަކީ އެމެރިކާގެ ރައްޔިތުންނަށް ދެ ގައުމުގެ ރަށްވެހިކަން ގެންގުޅުން ކަމަށްވާ ޑުއަލް ސިޓިޒަންޝިޕް ގެންގުޅުން މަނާކުރުމެވެ.

އޯހައިއޯގެ ރިޕަބްލިކަން ސެނެޓަރު ބާނީ މޮރޭނޯ ހުށަހެޅުއްވި މި ބިލަށް ދީފައިވާ ނަމަކީ “އެކްސްކްލޫސިވް ސިޓިޒަންޝިޕް އެކްޓް އޮފް 2025” އެވެ. މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި އެމެރިކާގެ ރައްޔިތުން ވާން ޖެހޭނީ ހަމައެކަނި އެމެރިކާއަށް ވަފާތެރިވާ އަދި އެއްވެސް އެހެން ގައުމެއްގައި ބައިވެރި ނުވާ އެމެރިކާއަށް ވަފާތެރިކަން އަދާކުރާ ބަޔަކަށެވެ. މި ބިލު ޤާނޫނަކަށް ވެއްޖެނަމަ، އެހެން ޤައުމެއްގެ ރައްޔިތުކަން އޮންނަ އެމެރިކާގެ ރައްޔިތުންނަށް އެމެރިކާގެ ރައްޔިތުކަމާއެކު އެހެްނ ގައުމެއްގެ ރައްޔިތުކަން ނުގެންގުޅެވޭނެއެވެ.

މި ބިލުގެ ސަބަބުން އަސަރުކުރާނެ މީހުންގެ އަދަދު ވަރަށް ބޮޑުކަމަށް ލަފާކުރެވެއެވެ. މިކަމުން އެންމެ ބޮޑައަށް އަސަރު ކުރާނީ އިޒްރޭލު މީހުންނަށެވެ، އިޒްރޭލު ޕާލަމެންޓްގެ ގިނަ މީހުންނަކީ އެމެރިކާގެ ރަށްވެހި ކަމާއި އިޒްރޭލު ރަށްވެހިކަން ގެންގޫޅޭ މީހުންނެވެ.

މިހާރުވެސް 5 ލައްކަ އާއި 5.7 މިލިއަންއާ ދެމެދުގެ އަދަދެއްގެ އެމެރިކާގެ ރައްޔިތުންނަކީ ދެ ރަށްވެހިކަން ގެންގުޅޭ މީހުން ކަމަށް އަންދާޒާ ކުރެވެއެވެ. އަދި ފޯބްސް ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އެމެރިކާގެ ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް 40% މީހުންނަކީ ދެ ރައްޔިތުކަން ލިބުމުގެ ޝަރުތު ހަމަވާ މީހުންނެވެ. ނަމަވެސް، އެމެރިކާ ސަރުކާރުން ދެ ރައްޔިތުކަން އޮންނަ މީހުންގެ ރަޖިސްޓްރީއެއް ބަލަހައްޓާފައި ނުވާތީ، މި ބިލުގެ ސީދާ އަސަރު ކުރާނެ މީހުންގެ އަދަދު ކަށަވަރުކޮށް ބުނަން ދަތިކަމަށް ވެއެވެ.

މި ޤާނޫނަކީ އެމެރިކާގެ މިލިއަނަކަށްވުރެ ގިނަ ރައްޔިތުންގެ ޤާނޫނީ ހައިސިއްޔަތު ބަދަލުކޮށްލާނެ ބިލެކެވެ. ޚާއްސަކޮށް ބޭރުގެ ޤައުމުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މީހުންނަށް މި ބިލުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެއެވެ. މީގެ އިތުރުން، މި ޤާނޫނު ތަންފީޒުކުރުމާއި، ރައްޔިތުންގެ އައިޑެންޓިޓީއާއި، ޤައުމީ ވަފާތެރިކަމާ މެދު ސުއާލު އުފެދެއެވެ.

ހިއްސާ ކުރައްވާ!