ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ 30 ގަޑިއިރުގެ ދަތުރުފުޅެކެވެ. ޑިސެމްބަރު 4ން5ށް، ކުރިއަށްދާނެ މި ދަތުރުފުޅުގައި މަތީ ފެންވަރުގެ މަހާސިންތާއާއި ވިޔަފާރީގެ ފޯރަމްތަކާއި، ރަސްމިއްޔާތުތައް ހިމެނޭނެ ކަމަށް އިންޑިއާއިން ބުނެއެވެ. މި ދަތުރުފުޅަކީ އިންޑިއާއާއި ރަޝިއާއާ ދެމެދު ސްޓްރެޓީޖިކް ގުޅުން ގާއިމުކުރިތާ 25 އަހަރު ފުރުން ފާހަގަކުރާ ދަތުރެކެވެ.
- ރައީސް ޕޫޓިން ނިއުދިއްލީއަށް ވަޑައިގަންނަވާނީ މާދަމާ، ޑިސެމްބަރު 4 ގެ ހަވީރުގެ ވަގުތެއްގައެވެ.
- ޕޫޓިންއަށް މަރުހަބާ ދެންނެވުމަށްފަހު، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ރަސްމީ ގަނޑުވަރު، 7 ލޮކް ކަލްޔާން މާގްގައި ފަރިއްކޮޅެއް ބާއްވާނެއެވެ.
- ޑިސެމްބަރު 5 ގެ ހެނދުނު، ރާޝްޓްރަޕަތީ ބަވަންގައި ތިން ބާރުގެ ގާޑް އޮފް އޮނަރެއް ބާއްވައި ރަސްމީކޮށް މަރުހަބާ ދަންނަވާނެއެވެ.
- އެއަށްފަހު، މަހާތުމާ ގާންދީގެ މަގްބަރާއަށް އިހުތިރާމް އަދާކުރުމަށް ރާޖްގަޓަށް ޒިޔާރަތްކުރައްވާނެއެވެ.
މި ދަތުރުފުޅުގެ އެންމެ މުހިންމު ބަޔަކީ ޑިސެމްބަރު 5 ވަނަ ދުވަހުގެ ހެނދުނު 11 ޖަހާއިރު ނިއުދިއްލީގެ ހައިދަރުއާބާދު ހައުސްގައި ބޭއްވުމަށް ހަމަޖެހިފައިވާ 23 ވަނަ އިންޑިއާ–ރަޝިއާ ސަމިޓެވެ.
މި ސަމިޓްގައި ދެ ގައުމުގެ ލީޑަރުންގެ ސަމާލުކަން ދެއްވާނެ މައިގަނޑު ދާއިރާތަކަކީ ދިފާއީ ކަންކަމާއި، ހަކަތައާއި، ވިޔަފާރިއާއި، ޓެކްނޮލޮޖީއާއި، ސްޕޭސް އަދި ސްޓްރެޓީޖިކް އެއްބާރުލުމެވެ.
ސަމިޓް ނިމުމުން ދެ ލީޑަރުން ގުޅިގެން ބަޔާނެއް ނެރުއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ޑިސެމްބަރު 5 ގެ ހަވީރު 4 ޖަހާއިރު ބާރަތް މަންޑަޕަމްގައި އިންޑިއާ–ރަޝިއާ ބިޒްނަސް ފޯރަމް ބާއްވާނެ އެވެ.
މި ފޯރަމްގައި ޕޫޓިން އާއި މޯދީ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ވިޔަފާރި ފުޅާކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ.
މި މަޝްވަރާތަކުގައި ސިއްހީ އަދި ހޮސްޕިޓަލިޓީ ދާއިރާތަކުގައި އިންޑިއާގެ މަސައްކަތްތެރިންނަށް ފުރުސަތު ހޯދައިދިނުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވުން ހިމެނެއެވެ. އަދި ޔޫރޭޝިއަން އިކޮނޮމިކް ޔޫނިއަންއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކާއި، ސިވިލް ނިއުކްލިއަރ އެއްބާރުލުމާއި، ދިފާއީ ގުޅުންތަކާ ބެހޭ ގޮތުންވެސް މަޝްވަރާކުރެވޭނެއެވެ.
މި ދަތުރުފުޅަކީ 2022 ވަނަ އަހަރު ޔޫކްރެއިންގައި ރަޝިއާއިން އަސްކަރީ ހަރަކާތްތައް ފެށުމަށްފަހު ރައީސް ޕޫޓިން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުގެ ބޭނުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އެއްބާރުލުމުގެ އާ ބާބެއް ހުޅުވުން ކަމަށް ބެލެވެއެވެ.
ހަމައެއާއެކު، ރަޝިއާ ޓުޑޭ ނިއުސް އިން އެމީހުންގެ އިންޑިއާ ބިއުރޯ އިފްތިތާހުކުރުމަށް ވެސް މި ދަތުރުގައި ހަމަޖެހިފައި ވެއެވެ. އެ ޓީމުގައި 100 މެމްބަރުން ހިމެނޭނެއެވެ.
ރައީސް ޕޫޓިން އިންޑިއާގައި ހޭދަކުރައްވާ 30 ގަޑިއިރުގެ ދަތުރުފުޅު ނިންމަވާލައްވާނީ ޑިސެމްބަރު 5 ގެ ރޭގަނޑުގެ ވަގުތެއްގައެވެ.
އެރޭގެ 7 ޖަހާއިރު ރައީސް ޑްރައުޕަޑީ މުރުމޫގެ ފަރާތްޕުޅުން ޕޫޓިންގެ ޝަރަފުގައި ދައުލަތުގެ ޖާފަތެއް ބާއްވާނެއެވެ.
ރައީސް ޕޫޓިން އެންމެ ފަހުން އިންޑިއާއަށް ޒިޔާރަތްކުރައްވާފައިވަނީ ޑިސެމްބަރު 2021 ގައެވެ.







