އެމެރިކާއަށް ރަޝިޔާގެ ތެޔޮ ގަނެވޭއިރު އިންޑިއާއަށް ނުގަނެވެންވީ ކީއްވެ؟ ޕޫޓިން

ރަޝިޔާގެ ރައީސް ވްލެޑިމިއަރ ޕޫޓިން އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި، ދުނިޔޭގެ ވިޔަފާރީގައި އޮންނަ ދެފުށް ދެގޮތް ސިޔާސަތަށް ފާޑު ވިދާޅުވެއެވެ. ޕޫޓިން ފާހަގަކުރެއްވި ގޮތުގައި، އެމެރިކާއިން ރަޝިޔާގެ ނިއުކްލިއަރ ފިއުލް ގަންނަމުންދާއިރު، އިންޑިއާއިން ރަޝިޔާގެ ތެޔޮ އިމްޕޯޓުކުރުމުން ބޮޑު ޓެރިފެއް ދައްކަން މަޖުބޫރު ކުރެއެވެ.

"އެމެރިކާއަށް އަޅުގަނޑުމެން އަތުން ނިއުކްލިއަރ ފިއުލް ގަތުމުގެ ހައްގު ލިބިފައިވާއިރު، އިންޑިއާއަށް ތެޔޮ ގަތުމުގެ ހައްގު ނުލިބެންވީ ކީއްވެ؟”ޕޫޓިންގެ ވާހަކަފުޅުގައި ވަނީ ސުވާލެއް އުފައްދާފައެވެ.

އެމެރިކާގެ ނިއުކްލިއަރ ރިއެކްޓަރުތަކަށް ބޭނުންވާ ޔޫރޭނިއަމް ރަޝިޔާއިން އިމްޕޯޓުކުރެއެވެ. ނަމަވެސް އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަތުން އެމެރކާއިން މަނާ ކުރެއެވެ.

މިއަހަރު 2025 ވަނަ އަހަރުގެ އޮގަސްޓު މަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންޑިއާއިން ރަޝިޔާގެ ތެޔޮ އިމްޕޯޓުކުރާތީ 50% ގެ ޓެރިފެއް ކަނޑައަޅާފައެވެ.  މިއީ އެހެން ހުރިހާ ގައުމުތަކަށްވުރެ ބޮޑު ކޮށް އިންޑިއާއަށް އަދަބު ދިނުމަށް ކަނޑައަޅާފައިވާ އަދަދެކެވެ. ޕޫޓިން ވިދާޅުވީ ޓްރަމްޕް އެގޮތަށް އަމަލުކުރައްވަނީ، ޓެރިފްތައް ނެގުމުން އެމެރިކާގެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް އޭނާގެ އެޑްވައިޒަރުން ގަބޫލުކުރާތީ، ކަމަށެވެ.

ރަޝިޔާގެ ސިޔާސަތާ ބެހޭގޮތުން ވާހަކަދައްކަވަމުން ޕޫޓިން ވިދާޅު ވަނީ އެ ގައުމުން މިފަދަ ޓެރިފް ސިޔާސަތުތައް ނުގެންގުޅޭ ކަމަށެވެ. އަދި އެފަދަ ނިޔަތެއް ވެސް ނެތް ކަމަށެވެ. އޭނާ އުންމީދުކުރައްވާ ގޮތުގައި ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ ގެ ގަވާއިދުތަކާ ޚިލާފުވާ މިފަދަ ކަންކަން އަވަހަށް އިސްލާހުކުރެވޭނެއެވެ.

ހިއްސާ ކުރައްވާ!