ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުންނާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދެއްކެވި ވާހަކަފުޅަކީ، ޤާނޫނީ އަދި އިޖުތިމާޢީ ގޮތުން ބަލާއިރު ވަރަށް މުހިންމު ނުކުތާތަކެއް ހިމެނޭ ވާހަކަފުޅެކެވެ. ޚާއްޞަކޮށް، 'ވާނުވާ ބަންދު’ގެ ނަމުން މަޝްހޫރުވެފައިވާ، ޝަރީޢަތް ނުނިމި ދިގުލައިގެން ގޮސްފައިވާ މައްސަލަތަކުގައި ބަންދުގައި ތިބޭ މީހުންގެ މައްސަލައަށް އެ މަނިކުފާނު ވަނީ ތަފްސީލުކޮށް އަލިއަޅުވައި ލައްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ، މިފަދަ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ބޮޑުކަމުންނާއި، މުޖުތަމަޢުގެ ސަލާމަތަށްޓަކައި، އެ މީހުން ބަންދުން ދޫކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"މިހާރު ވަރަށް ގިނަ މައްސަލަތައް އަވަސްކުރެވި، ނޫނިއްޔާ ވާނުވާ ފުނިޖެހިފައި ހުރި މައްސަލަތައް ބެލެމުން އެ ދަނީ. ކުރީގައި ކެޕޭސިޓީ ނެތީމާ، ޖާގަ ނެތީމާ ވަސީލަތް ނެތީމާ ނުބެލި ހުރި މައްސަލަތައް،" ރައީސް
ރައީސް މުޢިއްޒު މިކަންއ ތަފްސީލުކޮށް ދެއްކެވީ މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ތާޖުއްދީން ސްކޫލްގައި ބޭއްވެވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި، ވާނުވާ ބަންދުގައި ތިބި މީހުން ދޫކޮށްލުމަކީ ރައީސަށް ފަސް މިނިޓުގެ ތެރޭގައި ވެސް ކުރެއްވޭނެ ކަމެއް ކަމަށް ބުނެ ކަންބޮޑުވުމެއް ހިއްސާކުރި މީހަކަށް ޖަވާބު ދެއްވަމުން، އެ މަނިކުފާނު ވަނީ މިހާރު ރިމާންޑް ބަންދުގައި ތިބި މީހުންގެ ތަފްޞީލު ހާމަކުރައްވާފައެވެ. މިހާރު ޖުމްލަ 347 އެއްހާ މީހުން ޝަރީޢަތް ނިމެންދެން ބަންދުގައި ތިބިއިރު، އެ މީހުންގެ ތެރޭގައި ހިމެނެނީ މުޖުތަމަޢަށް ނުރައްކާތެރި ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވިފައިވާ ފަރާތްތަކެވެ.
ބަންދުގައި ތިބި މީހުންގެ ތަފްސީލު
ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، މި 347 މީހުންގެ ތެރޭގައި ހިމެނެނީ:
- ޓެރަރިޒަމްގެ ދަޢުވާ ކުރެވިފައިވާ 20 މީހުން.
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދަޢުވާކޮށްފައިވާ 117 މީހުން.
- ގިނަ އަދަދެއްގެ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި ދަޢުވާކުރެވިފައިވާ 116 މީހުން.
- މަރުގެ މައްސަލަތަކުގައި ދަޢުވާކުރެވިފައިވާ 29 މީހުން.
- އެހެނިހެން އަނިޔާވެރި ބޮޑެތި މައްސަލަތަކުގައި ދަޢުވާކުރެވިފައިވާ 126 މީހުން.
މި ތަފާސްހިސާބުތަކުން ދައްކައިދެނީ، ބަންދުގައި ތިބި މީހުންނަކީ އާދައިގެ ކުށްތަކުގެ ތުހުމަތު ކުރެވިފައިވާ ބަޔަކަށްވުރެ ބޮޑަށް، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކުށްތަކުގެ ތުހުމަތު ކުރެވިފައިވާ ފަރާތްތައް ކަމެވެ.
ބަންދު ދެމެހެއްޓުމުގެ ޤާނޫނީ އަސާސް
ރައީސް ވިދާޅުވި ގޮތުގައި، މި މީހުން ބަންދުކުރެވިފައިވަނީ އެ މީހުންގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލަތަކުގެ ބާވަތުންނާއި، ހޯދިފައިވާ ހެއްކާއި ޤަރީނާތަކަށް ބަލާއިރު، އެ މީހުން ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލް އަދި މައްސަލަ ބައްލަވާ ފަނޑިޔާރަށްވެސް ޤަބޫލުކުރެވޭތީއެވެ. ޖިނާއީ މައްސަލަތަކުގެ ތުހުމަތުކުރެވިގެން ތަޙްޤީޤު މަރުޙަލާ އާއި ޝަރީޢަތުގެ މަރުޙަލާގައި މީހަކު ބަންދުކޮށްފައި ބަހައްޓަނީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއާތުގެ ޤާނޫނާއި، އެހެނިހެން ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް އޮތްކަން ކޯޓަށް ބެލެވޭ ޙާލަތްތަކުގައެވެ.
އެހެންކަމުން، މި މީހުންގެ ޝަރީޢަތް ނުނިމި ގިނަދުވަސްތަކެއް ވެފައިވީނަމަވެސް، އެ މީހުން ބަންދުކުރި ޙާލަތު ބަދަލުނުވާހާ ހިނދަކު، އެ މީހުން ބަންދުން ދޫކޮށްލުމަކީ މުޖުތަމަޢުގެ ސަލާމަތަށްޓަކައި ކުރެވޭނޭކަމެއް ނޫންކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވަރަށް ސާފުކޮށް ވިދާޅުވެފައެވެ. މިއީ، ޝަރީޢަތުގެ ލަސްވުމުގެ ސަބަބުން އިންސާނީ ޙައްޤުތަކަށް އަންނަ އަސަރާއި، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމުގެ މެދުގައި ހަމަޖައްސަންޖެހޭ ނާޒުކު ބެލެންސް ދައްކުވައިދޭ ވާހަކައެކެވެ.
އެކިއެކި ޖިނާއީ މައްސަލަތަކުގައި ތުހުމަތުކުރެވިގެން ތަޙްޤީޤު މަރުޙަލާ އާއިޝަރީޢަތުގެ މަރުޙަލާގައި މީހާ ބަންދުގައި ބަހައްޓަނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއާތުގެ ޤާނޫނާއި، އެހެނިހެން ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް އޮތްކަން ކޯޓަށް ބެލެވޭ ޙާލަތްތަކުގައެވެ. މިގޮތުން، މީހަކު ބަންދުކުރުމަށް ކޯޓުން ނިންމައިފިނަމަ އެމީހަކު ބަންދުން ދޫކޮށްލެވޭނީ އެމީހަކު ބަންދުކުރި ޙާލަތު ބަދަލުވެފައިވާނަމަ އެވެ. މީހަކު ބަންދުގައި ހުންނަ މުއްދަތު ދިގުވުމަކީ ހަމައެކަނި އެކަމަށް ބަލައި އެމީހަކު ބަންދުން ދޫކޮށްލެވޭނެ ސަބަބެއް ނޫންކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅުއްވާފައެވެ.
- ތަޙްޤީޤު މަރުޙާލާގައި ނުވަތަ ޝަރީޢާތުގެ މަރުޙަލާގައި ކުށެއްގެ ތުހުމަތުގައިވާ މީހަކު ބަންދުކުރެވޭނީ:
- އެ މީހަކާ މެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރިމީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި؛ ނުވަތަ
- އެމީހަކު ކޯޓަށް ހާޒިރުނުވެދާނެ ކަމަށްޓަކައި؛ ނުވަތަ
- އެމީހަކު ފިލައިފާނެ ކަމަށްޓަކައި؛ ނުވަތަ
- އެމީހަކު ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވާނުވާ ބަންދާމެދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޖުޑިޝަރީއަށް ނުފޫޒު ފޯރުވުމެއް ނޯންނާނެ ކަމަށެވެ.
"މި ސަރުކާރުން ޖުޑިޝަރީ އަށް ނުފޫޒެއް ނުފޯރުވާނެ. އަޅުގަނޑުމެން ބޭނުންވަނީ ހަގީގީ މާނައިގައި މިނިވަން ކޮށްދޭން. މިނިވަން ކޮށްދޭން ކޮން ކަމެއްތޯ ސަރުކާރުން ކޮށްދެވޭނީ؟ ޖުޑިޝަރީ ފަންކަޝަން ކުރެވޭނެ ގޮތް ހަދައިދިނުން. ކުރީގައި އޮތީ [ޖުޑިޝަރީގައި] ތަޅު އަޅުވާފައި. މަސައްކަތް ކުރެވޭނެ ޖާގައެއް ވެސް ނެތީ. އިމާރާތް ބޮލަށް ވެއްޓިފައި ހުރީ،" ރައީސް
ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލަތަކަކީ ހަމައެކަނި ޤާނޫނީ އިޖުރާއަތުގެ މައްސަލައެއް ނޫންކަމެވެ. އެ މަނިކުފާނުގެ ވިސްނުންފުޅަކީ، ޝަރީޢަތް ނުނިމި ދިގުލައިގެން ދިޔަ ނަމަވެސް، އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ބާވަތާއި، މުޖުތަމަޢުގެ ސަލާމަތަށް އޮތް ނުރައްކާ ބަދަލުނުވާހާ ހިނދަކު، އެ މީހުން ބަންދުން ދޫކޮށްލުމަކީ ދައުލަތުގެ ޒިންމާއާ ޚިލާފު ކަމެއް ކަމެވެ. އެއީ، ޓެރަރިޒަމް، ޖިންސީ ގޯނާ، އަދި މަސްތުވާތަކެތީގެ ވިޔަފާރި ފަދަ ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ ފަރާތްތައް ދޫކޮށްލުމުން މުޖުތަމަޢަށް އޮތް ނުރައްކަލުގެ މައްސަލައެވެ.
"ވަސީލަތްތައް މި ގާއިމް ކޮށްދެނީ. މުސާރަ އިރާދަކުރެއްވިއްޔާ ޕޭހާމަނައިޒް މި ކޮށްދިނީ. ދެން ބަޖެޓް ވަކިކޮށްދިނީ. ބަޖެޓް ވަކިކުރުމަކީ ވެސް މިނިވަންކުރުމަށް މުހިންމު ކަމެއް،" ރައީސް





