އިސްރާއީލާ ގުޅުންހުރި ޖާސޫސުން ފްރާންސްގެ މުސްލިމުންނަށް އަމާޒުކޮށްފި

ފްރާންސްގެ މުސްލިމުންނާ ބެހޭ މައުލޫމާތުތަކެއް އިސްރާއީލާ ގުޅުންހުރި ފަރާތްތަކަކުން އެއްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ޝަކުވާ ހުށަހަޅާނެ ކަމަށް ފްރާންސްގެ މުސްލިމް ފެއިތު ކައުންސިލް (ސީއެފްސީއެމް) އިން ބުނެފި އެވެ. މިކަމަކީ މުސްލިމް ރައްޔިތުންގެ ހައްސާސް ޑޭޓާ އެއްކުރުމުގެ ނުރައްކާތެރި އަމަލެއް ކަމަށް އެ ކައުންސިލުން ސިފަކުރެ އެވެ.

ސީއެފްސީއެމް އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، "މީގެ ކުރިން ދުވަހަކު ވެސް ނުފެންނަ އަދި އިންތިހާއަށް ސީރިއަސް މައްސަލައެއް މިއީ. އެގޮތުން، ފްރާންސްގެ ޔަހޫދީންގެ އިންސްޓިޓިއުޝަންސް ކައުންސިލް އިން ފްރާންސްގެ މުސްލިމު ރައްޔިތުންނާ ބެހޭ ގޮތުން ސަރުކާރުން 'ތަހުގީގު' ހިންގުމަށް އެދިފައިވާ ކަމަށް ތުހުމަތު ކުރެވޭ." ކަމަށެވެ.

މި ތުހުމަތުތައް އުފެދިފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯގައި ބުނެފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން އިސްލާމްދީނާ ގުޅުން ބަދަހިކުރުމުގައި އިސްރާއީލާ އެކު މަސައްކަތްކުރާ ފަރާތަކުން ގުޅިގެން ސީއާރުއައިއެފް އާއި ފްރާންސްގެ އެކި ޔަހޫދީ ޖަމާއަތްތަކަށް ސްޓްރެޓެޖީއެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވެއެވެ. އެމީހުން އެއްކުރި މައުލޫމާތަކީ އިސްރާއީލުގެ ޖާސޫސީ އިދާރާތަކަށް އެކުލަވާލަ ދިން ރިޕޯޓެއްގެ ގޮތުގައި ފޯރުކޮށްދިން މައުލޫމާތު ކަމަށް މުސްލިމުން ދެކެއެވެ.

ސީއެފްސީއެމްގެ ބަޔާނުގައި ބުނެފައިވަނީ، ސީއެފްސީއެމްގެ ފަރާތުން ވަގުތުން އެ މައްސަލަ ފްރާންސްގެ ނޭޝަނަލް ކޮމިޝަން ފޯ އިންފޯމެޓިކްސް އެންޑް ލިބަޓީސް އަށް ފޮނުވާނެ ކަމަށެވެ. އަދި ޕާސަނަލް ޑޭޓާ އާއި ޚާއްސަކޮށް ހައްސާސް ޑޭޓާ، އަދި ނަސްލީ އަދި ދީނީ ޑޭޓާ އާއި ތަފާސްހިސާބުތައް އިސްރާއީލަށް ފޮނުވާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން ސީއެފްސީއެމް އިން ވަނީ ދާޚިލީ ވުޒާރާއިން އެ ތުހުމަތުތަކުގެ ފުރިހަމަ އަދި ހާމަކަން ބޮޑު ތަހުގީގެއް ފެށުމަށް އިލްތިމާސްކޮށްފަ އެވެ. މިކަމަކީ ފްރާންސްގެ މުސްލިމް ކޮމިއުނިޓީގެ ހައްގުތަކާއި ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށް އެ ކައުންސިލުން ދެކެ އެވެ.

ހިއްސާ ކުރައްވާ!