ޔާމީންގެ ވެރިކަމުގައި ފުލުހުން ރަނގަޅު ކުރެއްވި ނަމަ މިއަދު އިތުބާރު އޮތީސް: އިހުސާން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ފުލުހުންގެ މުއައްސަސާގެ ކަންކަން ރަނގަޅު ކުރެއްވި ނަމަ މިއަދު ފުލުހުންނަކީ ރައްޔިތުންގެ އިތުބާރު އޮތް މުއައްސަސާއަކަށް ވީސް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ، ފުލުހުންގެ ނަޒާހަތްތެރިކަމާއި އިތުބާރު އަލުން ގެންނަން ޖެހޭއިރު މިނިސްޓަރު އިހުސާނަށް އެކަން ނުކުރެއްވޭ ކަމަށް ޕީއެންއެފްގެ ރޭގެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވުމުން ދެއްވި ރައްދެއްގަ އެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ރައީސް ޔާމީނަށް ރައްދު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ފަސް އަހަރުގެ ވެރިކަމެއް ކުރައްވާފައި "ސިޓިން ރޫމްގައި ފްރޮންޓް އޮފީސް" ހިންގަވަން އިންނެވުމުގެ ބަދަލުގައި، ލިބިވަޑައިގެންނެވި ފަސް އަހަރު ދުވަހު ރައީސް އޮފީހުގައި އިންނަވައިގެން ފުލުހުންގެ ކަންކަން ރަނގަޅު ކުރެއްވި ނަމަ މިއަދު އެ ވާހަކަ ދައްކަވަން ޖެހިވަޑައިނުގަތީސް ކަމަށެވެ. އަދި އެހެން ނަމަ މިއަދު އޮންނާނީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ފުލުހުންގެ މުއައްސަސާއެއް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ، މި ފަސް އަހަރުގެ ތެރޭގައި ފުލުހުންގެ މުއައްސަސާ ރަނގަޅުކޮށް، ރައީސް ޔާމީން ވެސް ފަޚުރުވެރިވާނެ ތަނަކަށް ހައްދަވާނެ ކަމަށެވެ.

"މާތް ﷲ ގެ އިދާރަފުޅާ އެކު، މި ފަސް އަހަރު ނިމިގެން ދާއިރު ފުލުހުންގެ މުއައްސަސާ ވާނީ ރައްޔިތުން ފުރިހަމަ އަށް އިތުބާރު ކުރައްވާ އަދި ރައީސް ޔާމީން ވެސް ފަހުރުވެވަޑައިގަންނަވާ މުއައްސަސާއަކަށް،" އިހުސާން ވިދާޅުވި އެވެ. "އެކަން އަޅުގަނޑުމެން ކުރާނަން."

ފުލުހުންގެ މުއައްސަސާގެ ހާލަތާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ފުލުހުންގެ ތެރޭގައި ގިނައީ ގައުމީ ހިދުމަތުގެ ރޫހު ހުރި އަދި މި ވަތަން ދެކެ ލޯބިވާ މީހުން ކަމަށާއި އެ މީހުންގެ ހިދުމަތާ މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ، ފުލުހުންގެ ތެރޭގައި ރަނގަޅު ކުރަންޖެހޭ ކަންކަން ހުރިކަން ދަނެ އެ ކަންކަން ރަނގަޅު ކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަމާ އެކު ރައީސް މުއިއްޒު ވެރިކަން ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިނިސްޓަރު އަލީ އިހުސާން ވަނީ ފުލުހުންގެ ހިދުމަތް "ރީސެޓް" ކުރުމުގެ ހާއްސަ މަސައްކަތްތަކެއް ފައްޓަވައި، ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި މަސައްކަތްތަކުގެ ދަށުން ފުލުހުންގެ މުއައްސަސާގެ ނަޒާހަތްތެރިކަން އިތުރުކޮށް، އާންމުންނާ ގާތުން ހިދުމަތް ދިނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ހިއްސާ ކުރައްވާ!