އިންޑިއާއިން ވަނީ އާސިއާންގެ ޤައުމުތަކާ އެކު ކުރާ ވިޔަފާރި އިތުރުކުރުމަށްޓަކައި 5 ބިލިއަން ޑޮލަރުގެ އެކްސްޕޯޓް ސަޕޯޓް ޕެކޭޖެއް އިޢުލާންކޮށްފައެވެ. މި ޕެކޭޖަކީ ދެކުނު އިރުމަތީ އޭޝިއާގެ ސަރަހައްދުގެ ހަލުވިކަމާއެކު ކުރިއަރަމުންދާ މާކެޓްތަކަށް އިންޑިއާއިން އެކްސްޕޯޓަށް ކުރާ އިތުބާރު ދައްކައިދޭ ރަމްޒެކެވެ. މި ޕެކޭޖުގައި ހިމެނެނީ މާލީ އެހީތެރިކަމާއި، ޑިޖިޓަލް ދާއިރާގައި ފަސޭހަތަކެއް ދިނުމާއި، ބްރޭންޑިންގ އަށް ސަމާލުކަން ދިނުން ފަދަ ކަންކަމެވެ. މި ޕެކޭޖާއެކު، އިންޑިއާއިން ދަނީ ދެކުނު އިރުމަތީ އޭޝިއާގެ ސަޕްލައި ޗެއިންތަކުގެ މައި މަރުކަޒަކަށް ވުމަށް މަސައްކަތްކުރަމުންނެވެ. މި މަސައްކަތް ކާމިޔާބު ވެއްޖެނަމަ ދުނިޔޭގެ ވިޔަފާރީގައި އިންޑިއާއަށް އިސް ދައުރެއް ލިބިގެން ދާނެއެވެ.
މި ޕެކޭޖުގެ ދަށުން މައިގަނޑު 2 ސްކީމެއް ތަޢާރަފްކޮށްފައިވެއެވެ.
ފުރަތަމަ ސްކީމަކީ، އެކްސްޕޯޓް ޕްރޮމޯޝަން މިޝަން އެވެ. އެއީ، 2.8 ބިލިއަން ޑޮލަރުގެ މިޝަން އެކެވެ. މިއީ ވިޔަފާރީގެ މާލީ ކަންކަމާއި، ބްރޭންޑިންގ، އަދި ގައުމުތަކުން ކަނޑައަޅާ ފެންވަރަށް މުދާއުފެއްދުމާއި އަދި މާކެޓަށް ތައްޔާރުވުން ފަދަ ކަންކަން ހަރުދަނާކޮށް، ޑިޖިޓަލައިޒްކޮށްފައިވާ އޮނިގަނޑެކެވެ.
ދެވަނަ ސްކީމަކީ، އެކްސްޕޯޓަރުންނަށް ކްރެޑިޓް ގެރެންޓީ ކޮށްދޭ ސްކީމެކެވެ. އެއީ، 2.2 ބިލިއަން ޑޮލަރުގެ ސްކީމެކެވެ. މިސްކީމް ޚާއްޞަކޮށްފައި ވަނީ އެމްއެސްއެމްއީ އާއި މައިކްރޯ، ސްމޯލް، އެންޑް މީޑިއަމް އެންޓަރޕްރައިޒަސް އަށް ނިސްބަތްވާ އެކްސްޕޯޓަރުންނަށް ސަރުކާރު ދޭ ގެރެންޓީގެ ދަށުން ފަސޭހައިން ފައިސާ ހޯދައި ދިނުމަށެވެ.
މި ޕެކޭޖުގެ އެންމެ ބޮޑު ބޭނުމަކީ ކުދި އަދި މެދުފަންތީގެ އެކްސްޕޯޓަރުންނަށް އެހީތެރިވުމެވެ. މި ފަސޭހަކަމާއި އެހީތެރިކަން ލިބޭނެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ފޭރާން ވިޔާ ފަރާތްތަކާއި، ޖަނަވާރުގެ ހަމުގެ ބާވަތުން މުދާ އުފައްދާ ފަރާތްތަކާއި، އިންޖިނިއަރިންގެ ދާއިރާގެ މުދަލާއި، ޖަވާހިރާއި އަދި ކަނޑުގެ ބާވަތްތަކުގެ އުފެއްދުންތަކެވެ. މި އެހީތެރިކަމުގެ ސަބަބުން މިފަދަ ކުންފުނިތަކަށް އާސިއާން މާކެޓްތަކަށް ވަނުން ފަސޭހ ވެގެންދާނެ އެވެ. އަދި އެތަންތާނގައި އިތުރުވަމުންދާ ޑިމާންޑުގެ ބޭނުން ހިފުމަށް ފުރުޞަތު ލިބިގެންދާނެއެވެ.
މި ސްކީމުގެ ދަށުން ފުރުސަތު ފަހިވާ ފަރާތްތަކަށް ހުއްދަތައް ދިނުމުގެ ކަންކަން ހިންގާނީ ޑިރެކްޓަރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑައި އެކަމަށް ޚާއްސަކޮށްފައިވާ ޕޯޓަލެއް މެދުވެރިކޮށެވެ.
މިއީ ވިޔަފާރީގެ މާހައުލު އިތުރަށް ދެފުށް ފެންނަ ގޮތް ހެދުން ހަރުދަނާކޮށްދޭނެ ކަމެކެވެ.
މީގެ އިތުރުން، ގައުމުތަކުގެ ބާޒާރަށް ބޭނުންވާ ފެންވަރުގެ ޕެކޭޖިންގ، އަދި ބައިނަލްއަޤްވާމީ ބާޒާރަށް ބޭނުންވާ ބްރޭންޑިންގއާއި، ވިޔަފާރީގެ މައުރަޒްތަކުގައި ބައިވެރިވުމާއި އަދި ސެޓްފިކެޓްތައް ހޯދުމަށް ވެސް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މިއީ އާސިއާންގެ ބާޒާރުގައި ވާދަކުރުމަށްޓަކައި މުހިންމު ކަންކަމެވެ.
މި 5 ބިލިއަން ޑޮލަރުގެ ޕެކޭޖަކީ އިންޑިއާގެ އެކްސްޕޯޓް އިތުރުވުމާ ގުޅިފައިވާ ސެކްޓަރުތައް ކަމަށްވާ ސިނާއީ ދާއިރާއާއި ލޮޖިސްޓިކްސް އަދި ސަޕްލައި ޗެއިން ޓެކްނޮލޮޖީ ފަދަ ދާއިރާތަކަށް ދިގު މުއްދަތުގެ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެކެވެ.






