ޤަތަރުގެ ބޮޑުވަޒީރު: އިސްރާއީލު ޣައްޒާ ދޫނުކޮށް ދާނަމަ އެއީ ހަނގުރާމަ ހުއްޓާލުމެއް ނޫން

ޣައްޒާގައި މިހާރު ހިނގަމުންދާ ކަމަށް ބުނާ ޖެނޮސައިޑް ހުއްޓާލުމަކީ ހަމަލާތައް މުޅިން ހުއްޓާލުން ކަމަށް ނުބެލެވޭނެ ކަމަށް ޤަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު، ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އާލް ސާނީ ވިދާޅުވެއެވެ.  ދޯހާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ، މި ހާލަތަކީ ހަނގުރާމަ ހުއްޓާލުމެއް ކަމަށް ބެލެވެން ނެތް ކަމަށާއި ހަނގުރާމަ ހުއްޓާލި ކަމަށް ބެލެވޭނީ އިސްރާއީލުގެ ސިފައިން ޣައްޒާ ސަރަހައްދުން މުޅިން ފޭބުމުން ނެވެ.

ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އާލް ސާނީ އިތުރަށް ވިދާޅުވީ، މިވަގުތު ޣައްޒާގައި އޮތީ ހަމައެކަނި ވަގުތީ ހިމޭންކަމެއް ކަމަށާއި، މިއީ ދެމިގެންދާނެ ސުލްޙައެއް ނޫން ކަމަށެވެ.
އޭނާގެ މި ވާހަކަފުޅުތައް ދިމާވީ ޖެނޮސައިޑް ހުއްޓާލިކަމަށް ބުނި ބައިނަލްއަޤްވާމީ މެދުވެރިން މިހާރުގެ ހާލަތު އިތުރަށް ދައްމާލައި، ދާއިމީ އިންތިޒާމަކަށް ދިއުމަށް މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓް ކޮށްފައި ވަނިކޮށެވެ.

ޤަތަރުގެ ލީޑަރުގެ މި ބަސްފުޅުތަކުން މިހާރު އޮތް ހާލަރތުގެ ޣަދަރުވެރިކަން ހާމަވެގެންދެއެވެ. އަދި ދެމިގެންދާނެ ސުލްޙައެއް ޤާއިމުކުރުމަށްޓަކައި އިސްރާއީލު ޣައްޒާއިން ފޭބުމަކީ ޤަތަރުން ބޭނުންވާ ކަމެއް ކަމުގައި ބެލެވެއެވެ.

މިއީ ތުރުކީ އާއި މިޞްރު ފަދަ ސަރަޙައްދީ އެހެން ބާރުތަކުން ވެސް ގޮވާލަމުންދާ ގޮވާލުންތަކާ އެއްގޮތް ވާހަކައެކެވެ. އެ ޤައުމުތަކުން ދަނީ މި ހާލަތު ހަމައަކަށް އެޅުވުމަށްޓަކައި ބައިނަލްއަޤްވާމީ ބައިވެރިވުން އިތުރުކުރުމަށް ގޮވާލަމުންނެވެ.

ހިއްސާ ކުރައްވާ!