ފްލައިޓްތައް ކެންސަލްވެ، ޕްލައިޓްތައް ޑިލޭވުމުގެ ކާރިސާގެ ތެރޭގައި އިންޑިގޯ އެއާލައިނެއްގެ ފްލައިޓެއްގެ ތެރެއަށް ކޮތަރެއް ވަދެ، ފަސިންޖަރުން ހެއްވާލައިފިއެވެ. މި ކަމުން ފަސިންޖަރުންނަށް ވަނީ ހައިރާންކަމެއް ލިބިފައެވެ. މި ހާދިސާ ހިނގާފައިވަނީ އިންޑިގޯ ފްލައިޓް ގުޖުރާތުގެ ވަޅޯދްރާގައި މަޑު ކުރިތަނާއެވެ. ފަސިންޖަރުންނަށް މިކަން ވަނީ މަޖާކަމަކަށް ވެފައެވެ. އެމީހުން ވަނީ ހީލަމުން މި މަންޒަރު ވީޑިއޯކޮށްފައެވެ.
މި ހާދިސާގެ ވީޑިއޯއެއް އިންސްޓަގްރާމްގައި ހިއްސާކުރި ދަތުރުވެރިއަކު ބުނެފައި ވަނީ “ހައިރާންކުރުވަނިވި މެހެމާނެއް” އެމީހުންގެ ދފަތުރުގައި ބައިވެރިވެއްޖެ ކަމަށެވެ. މިކަން ސޯޝަލް މީޑިއާގައި ހިސާކުރަމުން ގިނަ ބަޔަކު ވަނީ މި ހާދިސާއަށް “އަޕްގްރޭޑްކުރެވިފައިވާ އިން-ފްލައިޓް އެންޓަޓެއިންމަންޓް” ގެ ނަމުން ނަންދީ، މަޖާ ކޮމެންޓްތަކާއި މީމްސްތައް ހަދާފައެވެ.

ކޮތަރު ފްލައިޓަށް ވަނުމުގެ މި މަޖާ ހާދިސާ ހިނގާފައި މިވަނީ އިންޑިގޯއަށް ބޮޑެތި އޮޕަރޭޝަނަލް މައްސަލަތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެ އެއާލައިނުން ވަނީ ޑިސެމްބަރު 8 ގައި އެކަނިވެސް 450 އަށް ވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފައެވެ. މި މައްސަލަތައް ކުރިމަތިވެފައިވަނީ ޖެހިޖެހިގެން ހަތް ދުވަހު ފުޅާދާއިރާއެއްގައި ފްލައިޓްތައް ކެންސަލްކުރަން ޖެހުމާ ގުޅިގެންނެވެ. މީގެ މައިގަނޑު ސަބަބަކީ ޕައިލެޓުންނަށް އަލަށް ކަނޑައެޅުނު އަރާމްކޮށްލުމުގެ ގަވާއިދުތައް (ފްލައިޓް ޑިއުޓީ ޓައިމް ލިމިޓޭޝަންސް – އެފްޑީޓީއެލް) ތަންފީޒުކުރުމާ ގުޅިގެން ފަޅުވެރި މުވައްޒަފުން މަދުވުމެވެ.
މި މައްސަލައާ ގުޅިގެން އިންޑިއާ ސަރުކާރުން ވަނީ މި އަލަށް ހެދި ގަވާއިދަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލާފައެވެ. އަދި އިންޑިގޯއިން ބުނެފައިވަނީ ޑިސެމްބަރު 10، އާ ހަމައަށް އޮޕަރޭޝަންތައް އާދައިގެ ހާލަތަކަށް ރުޖޫޢަވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.







